އިބްރާހިމް ޒަކީ
ކައުންސެލަރުންގެ މުއްދަތު އިތުރު ކުރުމުގެ މައްސަލައިގައި، އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން، ސުޕްރީމް ކޯޓުގެ ލަފައެއް މަޖިލީހުން ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
ކޮވިޑް 19އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވިގެން އިންތިހާބު ފަސްކޮށްފައިވާއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް، ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި އިސްލާހު ހުށަހަޅުއްވަމުން ގަފޫރު ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހު ކުރުމުުގެ މައްސަލައިގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އެބައޮތް ކަމަށެވެ.
ނަމަވެސް އެއީ ބައިބައިވުން ނޫން ކަމަށާއި، ހިޔާލުތަފާތުވުންތަކުގެ ތެެރެއިން މެންބަރުން އެކަމަށް ހައްލު ހޯއްދަވާނެ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު މި ގަރާރު ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީގެ 95 ވަނަ މާއްދާއާ ހަވާލާދެއްވައި، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށެވެ.
ޣަފޫރުގެ ގަރާރުގައި ބުނެފައިވަނީ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ އާ އިންތިހާބު ބާއްވައި، އެ މެންބަރުުން އިންތިހާބުވެ މަގާމާ ހަވާލުވުމާ ހަމައަށް ކުރިމަަތިވާ ގާނޫނީ ހުސްކަން ފޫބެއްދުމަށް އޮތް ހަމައެކަނި ގާނޫނީ ހަމައަކީ ގާނޫނު އަސާސީ އިސްލާހުކޮށް މިހާރު އިންތިހާބުކޮށްފައި ތިބި ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ މުއްދަތު އިތުރުކުރުން ކަމަށް ރައްޔިތުންްގެ މަޖިލީހުގެ ހުރިހާ މެންބަރުުންނަށް އިއްތިފާގު ނުވެވޭ ކަމަށެވެ.
އެހެންކަމުން އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ، އެ އިންތިހާބު ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ފޫބެއްދޭނެ ގާނޫނީ ހަމައަކީ ކޮބަައިކަމާއި، ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމުން ކުރިމަތިވެދާނެ ގާނޫނީ މައްސަލައަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިޝްތިހާރީ ލަފައެއް ހޯދުމަށް ގަރާރު ވަނީ ހުށަހަޅައިފައެވެ.
ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ވަނީ ގާނޫނުގައި ކަން އޮތް ގޮތާމެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީ ގޮތުން ކަމެއް އޮތް ގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔުތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްް ބާއްވައި އެ ގަރާރަށް ބަހުސްކުުރުމަށް ވަނީ ހަމަޖެހިފައެވެ.