މުހައްމަދު އައުޒަމް
އެމިރޭޓްސް އިން ދަތުރުކުރާ ކޮންމެ ފަސިންޖަރަކަށް ރައްކާތެރިކަމުގެ ކިޓެއް ހިލޭ ދިނުމަށް ނިންމައިފިއެވެ.
ކޮވިޑާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމަށްފަހު ގިނަ އެއާލައިންތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަލުން ދަތުރުތައް ފެށުމަށް ނިންމައިފައެވެ.
އެމިރޭޓްސް އިންވަނީ އެއެއާލައިންގެ ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ނިންމައިފައެވެ. އެމިރޭޓްސް އިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަކީ އެމިރޭޓްސްގެ ފްލައިޓުން ދުބާއީން ދަތުރު ފަށާ ފްލައިޓުތަކާއި ދުބާއީއަށް ދާ ފްލައިޓުތަކުގައި ދަތުރުކުރާ ހުރިހާ ފަސިންޖަރުންނަށް ރައްކާތެރިކަމުގެ ކިޓެއް ހިލޭ ދިނުމެވެ.
އެމިރޭޓްސް އިން ފަސިންޖަރުންނަށް ދޭން ނިންމާފައިވާ ރައްކާތެރިކަމުގެ ކިޓުގައި ހިމެނެނީ ފޭސް މާސްކާއި އަންގީގެ އިތުރުން އެންޓި ބެކްޓީރިއަލް ވައިޕްސްގެ އިިތުރުން ހޭންޑް ސެނިޓައިޒާ އެވެ.
އެމިރޭޓްސް އިން ވަނީ އެ އެއާލައިނުން ދުބާއީ އެއާޕޯޓުގައި ހިދުމަތް ހޯދާ ކަސްޓަމަރުންނާއި އެމިރޭޓްސްގެ ހުރިހާ މުވައްޒަފުން މާސްކާއި އަންގި ލެއްވުމަކީ މަޖުބޫރުކަމެއް ކަމަށް އަންގައިފައެވެ. ނަމަވެސް އެމިރޭޓްސް އިން ދަތުރުކުރާ ފަސިންޖަރުންނަށް މަޖުބޫރު ކޮށްފައިވަނީ ހަމައެކަނި މާސްކެވެ.
ދުބާއީ އެއާޕޯޓުގައިވެސް ވަނީ ރައްކާތެރިކަމުގެ ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އެއާޕޯޓުގެ އެރައިވަލްގައި ތާމަލް ސްކޭނަރުތަކާއި ގައިދުރުކަމުގެ ފާހަގަވަނީ މުޅި އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައި ޖަހައިފައެވެ.
އެމިރޭޓްސް އިން ވަނީ ދުބާއީ އެއާޕޯޓުގެ ފަސިންޖަރުންނަށް ހިދުމަތް ދޭ ހުރިހާ މުވައްޒަފުން ތިބޭނީ ޕީޕީއީގައި ކަމަށްވެސް ބުނެފައެވެ.
އެމިރޭޓްސް އިން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން އެއެއާލައިންގެ ހުރިހާ ފްލައިޓުތަކެއްގެ ކެބިން ކްރޫން ވެސް ތިބޭނީ ޕީޕީއީގައި ކަމަށް އެއެއާލައިނުން ވަނީ ބުނެފައެވެ.