ހުތުބާ

އަމާނާތްތެރިކަމަކީ ކޮންމެ މުސްލިމެއްގެ ކޮނޑުގައި އެޅިފައިވާ ދަރަންޏެއް: ހުތުބާ

އަމާނާތްތެރިކަމަކީ ކޮންމެ މުސްލިމެއްގެ ކޮނޑުގައި އެޅިފައިވާ ދަރަންޏެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ތެދުވެރި އަމާނާތްތެރި މީހާ މީސްތަކުންނަށް މަކަރެއް ނަހަދާނެ ކަމަށާއި އަދި ހިޔާނާތްތެރިއެއް ވެސް ނުވާނެ ކަމަށެވެ.

"ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ މީހާގެ އީމާންތެރިކަން ގަދަފަދަކަމުގެ އަލާމާތެކެވެ. ނަތީޖާއެއްގެ ގޮތުން މީސްތަކުންގެ މެދުގައި މަގުބޫލުކަން ލިބިގެންދެއެވެ. ތެދުވެރި އަމާނާތްތެރި މީހާ މީސްތަކުންނަށް މަކަރެއް ނަހަދާނެއެވެ. އަދި ހިޔާނާތްތެރިއެއް ވެސް ނުވާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ތެދުވެރިވެ އަމާނާތްތެރިކަމަކީ މީހާ ގެއްލުމާ ހަލާކުން ސަލާމަތްކޮށްދޭ ކަމެއް ކަމަށާއި މުޖުތަމައުގެ ހަމަޖެހުމާއި ތަރައްގީއާއި ކުރިއެރުމުގެ އެންމެ މުހިންމު އެއް އަސާސަކީ ތެދުވެރިވުމާއި އަމާނާތްތެރިކަން ކަމަށެވެ. އަދި ތެދުވެރިވުމަކީ ހަގީގަތާ އެއްގޮތަށް ތިމާގެ ބަހާއި އަމަލު އެއްގޮތް ކުރުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"އަމާނާތްތެރިވުމަކީ ތިމާއާ ހަވާލުކުރެވޭ ކަމެއް އުނިއިތުރު ކަމެއް ނެތި ފުރިހަމައަށް އެކަމެއް އަދާކުރުމެވެ. ބަސްބުނުމުގައި އިންސާނާ ތެދުވެރިވުމަކީ އޭނާގެ މަސައްކަތުގައި ވެސް އޭނާ ތެދުވެރިވުމަށް މަގުފަހިވާ ކަމެކެވެ. އަދި އެންމެހާ ކަންތައްތައް ރަނގަޅުވެގެން ދިއުމަށް ވެސް ބާރުލިބޭ ކަމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އަމާނާތްތެރިކަމަކީ ތެދުވެރިކަން ފުރިހަމަކޮށްދޭ ވަރަށް މުހިންމު މާތް ސިފައެއް ކަމަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ ގުޅި ލާމެހިފައިވާ ދެ ސިފަ ކަމަށެވެ.