އިބްރާހިމް ޒަކީ
އަންނަ ޖޫން މަހުުގެ ތިންވަނަ ދުވަހަށް މުއްދަތު ހަމަވާ ކައުންސެލަރުންގެ މުއްދަތު އިތުރުކުރުމަށް ދިމާވެފައިވާ މައްސަލަތަކަށް ސުޕްރީމް ކޯޓުން ވަގުތީ ހައްލެއް ހޯދިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ބަހުސް ކުރިއަށްދާއިރު، އެކަމުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަަވަމުންނެވެ.
މި މައްސަލައިގެ ހައްލެއްް ހޯއްދަވަން ނުވަތަ ލަފަޔަކަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ވަޑައިގެންފާނެ ކަމުގެ އިޝާރާތެއް މަޖިލިސް ރައީސް ވިދާޅުވި އިރު، މިހާރު އިންތިހާބު ކޮށްފައި ތިބި ކައުންސެލަރުންގެ ދައުރު ހަމަވާން އޮތީ އެންމެ ހަފުތާއެކެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަމުގައި ބަންޑާރަ ނާއިބު ވިދާޅުވި އެއްޗެއްގެ މައްޗައް، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީންވެސް އަދި މަޖިލިސްވެސް އިއްތިފާގުވެގެން ރުހޭގޮތް ނުވާ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވި ލަފާގެ މައްޗަށްވެސް މެންބަރުންގެ ހިތް ބުރަވާ ކަމަށާއި، ދެން އެކަމަށް ލަފައެއް އިރުޝާދެއް، ގާނޫނުއަސާސީން ބުނާ ގޮތުގައި ދޭން މިއޮތީ ސުޕްރީމް ކޯޓު ކަމަަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"ކައުންސެލް ޖެނެރަލް ވިދާޅުވި އެއްޗެއްއްގެ މައްޗަށްވެސް ހިތްބަރުވަނީ، ދެން އަޅުގަނޑުމެންނަށް އެހެންކަމުން ލަފައެއް އިރުޝާދެއް ގާނޫނުއަސާސީ ބުނާގޮތުގައި މިއޮތީ ސުޕްރީމްކޯޓު. އެކަން ހިންގާނެ ގޮތަކީ ތިޔަ އިއްޒަތްތެރި މެންބަރުން ގާނޫނުގައިވާ ގޮތުގެމަތިން އެކަން ކުރިޔަށް ގެންދާނީ ގާނޫނުގައި އަޅުގަނޑަށް ލަފާ ލިބޭ ގޮތުގައި އެބަ ބަޔާންކޮށްދޭ އެ މަގުން ހިނގައިގެން އަޅުގަނޑުމެންނަށް ވަގުތީ ހައްލެއް ހޯދިދާނެކަމަށް." މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބު ނުބޭއްވިގެން ދިމާވާ ހުސްކަން ފޫބެއްދޭނެ ގާނުނީ ހަމައެކަނި، ހަމަޔަކީ މިހާރުތިބި ކައުންސިލަރުންގެ ދައުރު އިތުރުކޮށްގެން ކަމާއި، އެ މުއްދަތު އިތުރު ކުރެވޭނީ ގާނޫނުއަސާސީއަށް ގެންނަ ބަދަލަކުން ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ލަފާދެއްވާފައިވާ އިރު، ބަންޑާރަ ނާއިބުގެ އެ ލަފަޔަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާވެސް ވަނީ އިއްތިފާގު ވެފައެވެ.