ވިޔަފާރި

ދިރާގުގެ މޯބައިލް އަދި ހޯމް ފިކްސްޑް ބްރޯޑްބޭންޑް އޮފާތައް ޖޫންމަހުގެ ނިޔަލަށް އިތުރުކޮށްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާއި ގުޅިގެން ދިރާގުގެ ކަސްޓަމަރުންނަށް ފޯރުކޮށްދީފައިވާ މޯބައިލް އަދި ހޯމް ފިކްސްޑް ބްރޯޑްބޭންޑް އޮފާތައް ޖޫންމަހުވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ހިސާބުން ފެށިގެން ދިރާގުން އަންނަނީ ހިލޭ އިތުރު ޑޭޓާ އަދި ޑިސްކައުންޓު ދެމުންނެވެ. ދިރާގުން ބުނެފައިވަނީ އެންމެންވެސް މިދުވަސްކޮޅު ގޭގައި ތިބެން ޖެހިފައި ވުމުން ޑޭޓާ ބޭނުން ކުރާ މިންވަރު ކުރިޔަށްވުރެ އެތައް ގުނައެއް އިތުރު ވެފައިވާ ކަމަށެވެ.

ކޮވިޑް 19ގެ މިހާލަތާ ދިމާކޮށް ދިރާގުން ތައާރަފު ކުރި ހިދުމަތްތައް ޖޫން މަހުވެސް ދިނުމަށް ނިންމާފައިވަނީ މިފަދަ ދަނޑިވަޅެއްގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން ކޮވިޑާ ގުޅިގެން ދިރާގުން ދީފައިވާ އޮފާތަކުގެ ތެރޭ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50 އާއި %140 އާ ދެމެދުގެ ހިލޭ ޑޭޓާ ޖޫން މަހުވެސް ލިބޭނެ ކަމަށް އެ ކުންފުނީން ބުނެއެވެ. އަދި މާޗް މަހުން ފެށިގެން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބްރޭންޑް ކަސްޓަމަރުންނަށް ދެމުން އައި ޑޭޓާ ބޫސްޓާ ތަކުން %50 ޑިސްކައުންޓް ޖޫން 15ގެ ނިޔަލަށް ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ދިރާގު ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް %50 އާއި %75 އާ ދެމެދުގެ އިތުރު ޑޭޓާ އަންނަ މަހު ލިބޭނެ ކަމަށާއި، ޕޯސްޕެއިޑް ކަސްޓަމަރުންނަށްވެސް ދެމުން އައި ޑޭޓާ ބޫސްޓާ ތަކުން %50 ޑިސްކައުންޓް ޖޫން 15ގެ ނިޔަލަށް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންގެ މަންތުލީ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ ޖޫން 15 އާއި ހަމައަށް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި ޖޫން 15 އާއި ހަމަޔަށް ޕްރީޕެއިޑް ކަސްޓަމަރުންގެ ވޮއިސް އެޑް-އޮންތަކުން %50 ޑިސްކައުންޓް ލިބޭނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުގެ މަމެން އަދި މޮބައިލް ހޯމް ބްރޯޑްބްރޭންޑް ކަސްޓަމަރުންނަށްވެސް ކޮވިޑް 19ގެ ސަބަބުން ޖޫން މަހުގެ ނިޔަލަށް ބައެއް އިނާޔަތްތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން މަމެން ބޭނުން ކުރާ ކަސްޓަކަރުންނަށް 15 ޖޫން އާއި ހަމަޔަށް މަމެންގެ ހުރިހާ ޑޭޓާ ބަންޑަލްތަކުން %20 އިތުރު އެލަވަންސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ދިރާގު މޮބައިލް ހޯމް ބްރޯޑްބްރޭންޑް ކަސްޓަމަރުންނަށް ހުރިހާ އެލްޓީއީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޑޭޓާ ބޫސްޓާ ތަކުން %50 ޑިސްކައުންޓް ޖޫން 15ގެ ނިޔަލަށް ލިބޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.