އިބްރާހިމް ޒަކީ
މިހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ވިސްނުން ނެރެގެން މި އުޅެނީ ކޮން ޖަންގައްޔަކުންތޯ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ސުވާލު ކުރައްވައިފިއެވެ.
ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ސަރުކާރުން، ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު، އެ އޮތް ގޮތަށް ފާސްކުރަން ތްރީލައިން ވިޕެއް ނެރެފައިވާ މައްސަލައިގައި، ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން، އަޑުގަދަ ކުރައްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހު ކޮށްގެން މިއަދު ކައުންސިލަރުންގެ ދައުރު އިތުރު ކޮށްފިނަމަ، މާދަމާ ރައްޔިތުންގެ މަޖިލީހުގެ ދައުރާއި، ރިޔާސީ ދައުރުވެސް ދިގުކުރުމުގެ ބިރު އެބައޮތް ކަމަށެވެ.
އިންތި ވިދާޅުވީ އިންސާނީ ބުއްދީން ވިސްނިޔަސް މިއީ ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭ ވަގުތެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. މީގެ އިތުރުން ގާނޫނު އަސާސީ އިސްލާހުކުރަން ގެންގުޅޭ ވިސްނުމަކީ ކޮންތަނަކުން ނެރެގެން ކޮންބަޔަކު ގެންގުޅޭ ކޮން ކަލަހަ ވިސްނުމެއްތޯ ވެސް އިންތި ވަނީ ސުވާލު ކުރައްވައިފައެވެ.
އިންތި ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހޭނީ މީހުންނަށް މަގުމައްޗަށް ނިކުމެ އެކަންތައްތަކަށް އިހުތިޖާޖު ކުރެވޭ ވަގުތުތަކުގައި ކަމަށެވެ.
މިވަގުތަކީ، އެއް އިމާރާތުގައި ދިރިއުޅޭ އެއްބަނޑު އެއްބަފާ މީހުން އެކަކު އަނެކަކަށް ޒިޔާރަތް ނުކުރެވޭ ވަގުތެއް ކަމަށާއި، މައިންބަފައިންނަށް ޒިޔާރަތް ކުރުމަކީ ދީނުގައި އިތުރު ކަމަކަށް ވިޔަސް މިވަގުތަކީ އެގޮތަށް ޒިޔާރަތް ނުކުރުމުން އެ އިތުރުކަން ލިބޭފަދަ ވަގުތެއް ކަމަށެވެ. އަދި މިސްކިތުގައި ނަމާދު ކުރުމަށްވުރެ މިވަގުތު ގޭގައި ނަމާދުކުރުން ރަނގަޅު ކަމަށް އަންގާފައިވާ މި ވަގުތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ވާހަކަ ދައްކާ މީހުންނަކީ އަމިއްލަ ނަފުސަށް އޮޅުވާލާ ބައެއް ކަމަށްވެސް ވިދާޅުވިއެވެ.
ނެތް ކަމެއް އޮތް ކަމަކަށް ހަދައި، އެކަމަށް ޖާގަ ހޯދައިގެން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ވާހަކަ ދެއްކުމަކީ، އަމިއްލަ ނަފުސަށް މަކަރު ހެދުން ކަމަށާއި މިދަނޑިވަޅުގައި އެކަމަށް އޮތް ހަމައެކަނި ހައްލަކީ ގާނޫނުއަސާސީ އިސްލާހުކުރުން ކަމަށް ދައްކާ ވާހަކަތައް ގަބޫލު ނުކުރައްވާނެ ކަމަށްވެސް އިންތި ވިދާޅުވިއެވެ.