މަޖިލީހުގެ ރައީސް

އެޓާނީ ޖެނެރަލް އާއި ކައުންސެލް ޖެނެރަލް ދެއްވި ލަފާވެސް މެންބަރުން މުޅިޔަކުން ގަބޫލެއް ނުކުރައްވާ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

2

ކައުންސެލަރުންގެ މުއްދަތު އިތުރު ކުރެވޭނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކަމަށް ވިދާޅުވެ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި، ރައްޔިތުންގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވާފައިވާ ލަފާވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މުޅިޔަކުން ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުުގެ ޖަލްސާގައި މަޖިލިސް ރައީސް މިހެން ވިދާޅުވީ، އަންނަ މަހުގެ ތިންވަނަ ދުވަހަށް މުއްދަތު ހަމަވާ ކައުންސެލަރުންގެ މުއްދަތު އިތުރު ކުރުމަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވި، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ލާމަރުކަޒީ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ގޮތަށް އިޝާރާތް ކުރައްވައި ވާހަަކަފުޅުދައްކަވަމުންނެވެ.

ހަސަން ލަތީފް އެބިލު މަޖިލީހަށް ހުށަހެޅުއްވީ ދެން ކައުންސިލް އިންތިހާބެއް ބާއްވައި ހޮވޭ ކައުންސެލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސެލަރުންގެ ދައުރު ދައްމައިލުމަށް ހިމަނައިގެންނެވެ.

ނަަމަވެސް މަޖިލީހަށް ބިލް ބަަލައިގަނެ، ދިރާސާކުރަން ލާމަރުކަޒީ ކޮމިޓީއަށް ފޮނުވުމުން، އެބިލްގެ މަސައްކަތް ނިންމައި، ކޮމިޓީން ބިލް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނީ ކައުންސެލަރުންގެ ދައުރު ދަންމާލަން ހިމަނާފައިވާ ބައި ބަިލުން އުނިކުރުމަށްފަހުގައެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އުފެދުނު ހިޔާލުތަފާތުތަކާއެކު، ކޮމިޓީން އެ ބިލުގެ މަގުސަދު ބަދަލުކޮށްފައިވާ ކަމަށެވެ.

ކައުންސިލް އިންތިހާބު ނުބޭއްވިގެން ދިމާވާ ހުސްކަން ފޫބެއްދޭނެ ގާނުނީ ހަމައެކަނި، ހަމަޔަކީ މިހާރުތިބި ކައުންސިލަރުންގެ ދައުރު އިތުރުކޮށްގެން ކަމަށާއި، އެ މުއްދަތު އިތުރު ކުރެވޭނީ ގާނޫނުއަސާސީއަށް ގެންނަ ބަދަލަކުން ކަމަށް ބަންޑާރަނާއިބު ލަފާދެއްވާފައިވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި ބަންޑާރަނާއިބުގެ އެ ލަފަޔަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އިއްތިފާގުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ދެބޭފުޅުންގެ ލަފަޔަކީ މަޖިލިސް މެންބަރުން މުޅިޔަކުން ގަބޫލުކުރާ ލަފައެއް ނޫން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟