އިބްރާހިމް ޒަކީ
ކައުންސެލަރުންގެ މުއްދަތު އިތުރުކުރަން ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު އެ އޮތްގޮތަށް ފާސްކުރިޔަސް އެއާ ތައާރުޒުވާ މާއްދާއެއް ގާނޫނުއަސާސީގައި އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވަނި، އަންނަ މަހުުގެ ތިންވަނަ ދުވަހަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާއިރު، ކައުންސިލް އިންތިހާބު ބޭއްވިފައި ނުވާތީ، ދިމާވާ ގާނޫނީ ހުސްކަން ފޫބެއްދުމަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށެވެ.
އެ މައްސަލައިިގައި އެމްޑީޕީ މެންބަރުންގެ މެދުގައިވެސް ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނުއަސާސީގައި 231 ވަނަ މާއްދާގެ (ހ) ގައި ކައުންސެލަރުންގެ މުއްދަތު އިތުރު ކުރާނެ ގޮތް، ބަޔާންކޮށްފައިވާ ކަމަށެވެ.
ގާނޫނުއަސާސީގައި 231 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެން ވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަަހައްދުގެ ރައްޔިތުން ދީމިކްރާތީ އުސޫލުތަކުގެ މަތިން ސިއްރު ވޯޓަކުން އިންތިހާބުކުރާ މެންބަރުން ކަމަށެވެ.
މިއީ ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރަން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތެވެ.
ނަމަވެސް މިހާރު ދިމާވެގެން މިއުޅޭ މައްސަލައަކީ، އޭޕްރީލް މަހު ބާއްވަން އޮތް ކައުންސިލް އިންތިހާބު ކޮވިޑް 19 އާ ގުޅިގެން ނުބޭއްވި ލަސްކޮށްފައިވުމުން ދިމާވެގެން އުޅޭ މައްސަލައެކެވެ. މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ކަން ކުރާނެ ގޮތެއް ގާނޫނުއަސާސީގައިވެސް ކަނޑައަޅައިފައެއް ނުވެއެވެ.
ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނުއަސާސީގައި 231 ވަނަ މާއްދާގެ (ހ) އެގޮތަށް ވަނިކޮށް ގާނޫނުއަސާސީގެ އެހެން މާއްދާއެއް އިސްލާހު ކޮށްގެން ކައުންސެލަރުންގެ މުއްދަތު އިތުރުކުރުމަކީ މެންބަރުން ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން އެ އިސްލާހު ފާސްކޮށް ނިމޭއިރު، ގާނޫނުއަސާސީގެ އެއް މާއްދާ އަނެއް މާއްދާއާ ފުށު އަރާނެ ކަމަށާއި، ގާނޫނުއަސާސީގެ އެއް މާއްދާއާއި އަނެއް މާއްދާއާ އަރައިރުމެއް ނުވެވޭނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިހާރު ހުށަހަޅުއްވާފައިވާ ބިލް އަޅުގަނޑަށް މި ފެންނަ ގޮތް، ކުށް ނޫންކަމަށް ވަނީވިއްޔާ ފާސްކޮށް ނިމޭއިރުގައި، އަދި ގާނޫނުއަސާސީގައި އެބަވޭ މުއްދަތު އިތުރުކުރާ ގޮތް ބަޔާންކުރާ އެހެން މާއްދާއެއް. ގާނޫނުއަސާސީގެ އެއް މާއްދާ އަނެއް މާއްދާއަކާ އަރައިރުމެއް ނުވެވޭނެ،" މަޖިލިސް ރައީސް ވިދާޅުވިއެެވެ.