ދަތި ހާލުގައި ރައްޔިތުން ގޭގައި ބައިތިއްބާފައި ސަރުކާރު ޕާޓީން ދައްކައިދެނީ، ގޭގައި ތިބުމަކީ ޖޯކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި، ހުޅުހެންވޭރު ދާިއރާގެ ކުރީގެ މަޖިލިސް މެންބަރު ރީކޯ މޫސާމަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ، ކޮވިޑް 19 އާ ގުޅިނެން ލޮކްޑައުންގައި އާއްމު ގޮތެއްގައި ގެއިން ބޭރަށް ނުކުތުން މަނާކޮށްފައި ވަނިކޮށް، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވާތީ ކުރެއްވި ޓުވީޓެއްގައެވެ.
މޫސަ ވިދާޅުވީ، މަޖިލީހުގެ ގަވާއިދަށް ބޯނުލަނބާ ވާހަކަ 18 ވަނަ މަޖިލީހުގައި ދެއްކި މީހުން، މަޖިލީހުން ހެދި ގާނޫނާއި އަދި ގާނޫނުއަސާސީއާ ހިލާފަށް އަމަލުކުރާތަން މިއަދު ފެންނަމުންދާ ކަމަށެވެ.
"ރައްޔިތުން ގާތު ބުނާކަހަލަ މިސަރުކާރު އޮއްވައި ގާނޫނަށް ބޯލަނބާނެ ކަމެއް ނެތޭ. ގާނޫނީ ހަމަތަކުން ބޭރުން ރައްޔިތުން އުޅެން މަގު ދައްކަނީތަ؟،" މޫސަ ސުވާލު ކުރައްވާފައި ވެއެވެ.
މޫސަ ވިދާޅުވީ އިއްޔެ އަކީ ބަޣާވާތުގެ ފުރަތަ މަދުވަސް ކަމަށެވެ.
މޫސަ ވިދާޅުވީ، ދައުލަތެއްގެ މައިގަނޑު ސިފަޔަކީ ގާނޫނުގެ ވެރިކަން ނެގެހެއްޓުން ކަމަށާއި، ކިޔަމަންތެރިކަމާއި ދަތިހާލުގައި ރައްޔިތުން ދެމަސްދުވަހު ގޭގައި ބައިތިއްބާފައި ސަރުކާރު ޕާޓީން ދައްކައިދެނީ ގޭގައި ތިބުން އެއީ ޖޯކެއްގެ ގޮތުގައި ކަމަށެވެ.
"އެމްޑީޕީ މެންބަރުންނަށް ފިލާވަޅެއް ލިބޭނެ ދުވަހެއް ދައުލަތެއްގެ މައިގަނޑު ސިފަޔަކީ ގާނޫނުގެ ވެރިކަން ނެގެހެއްޓުން. ކިޔަމަންތެރިކަމާއި ދަތިހާލުގައި ރައްޔިތުން ދެމަސްދުވަހު ގޭގައި ބައިތިއްބާފައި ސަރުކާރު ޕާޓީން މިއަދު އެދައްކައިދެނީ ގޭގައި ތިބުން އެއީ އެއީ ޖޯކެއް ކަމަށް،" މޫސަ ވިދާޅުވިއެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވާތީ، ކައުންސެލަރުންގެ ދައުރު އިތުރު ކުރަން، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލާ ދެކޮޅަށް، ވާހަކަ ދައްކައި އެކަމަށް ސަންސެޓް ގާނޫނެއް ގެނައުމަށް ހުށަހަޅައި އެ ގާނޫނުގައި ކައުންސެލަރުންނެގެ މަގާމަށް ބަޔަކު އައްޔަން ކުރަން ބައެއް މެންބަރުން ހުށަހަޅާފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވެފައިވަނީ، ގާނޫނުއަސާސީ އިސްލާހު ނުކޮށް ކުރަން އުޅޭ ކަންތަކުގެ މަންޒަރު ވަރަށް ސާފު ކަމަށެވެ.
ސަންސެޓް ގާނޫނުގެ ދަށުން މަޖިލީހުން ނަގާ ކޮމެޓީއަކުން ސަރުކާރުގެ މާބޮޑު ބާރެއް ނެތި ވަކި ބަޔަކު ބޭނުންވާ ކައުންސެލަރުން ބައިތިއްބައި، ވަކިބަޔަކަށް އުނދަގޫ ވާނެ ކައުންސިލަރުން ވަކިކުރުމުގެ މަކަރުވެރި ރޭވުމުގެ އަޑު ވަރަށް ސާފުކަމަށްވެސް މޫސަ ވިދާޅުވެފައި ވެއެވެ.
"ގާނޫނުއަސާސީގައި ބުނަނީ ދައުލަތުގެ އެއްމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ ބުނާއިރު، ގާނޫނުއަސާސީ އިސްލާހު ކުރާ ޖަލްސާ ބާއްވާ އިރު މިނިވަންކަމާއެކު އަޑުއުފުލަން ރައްޔިތުން ވެސް ފުރަބަންދުން ވީއްލުމުގެ ހާއްސަ ހުއްދަ ދޭން ޖެހޭނެ. ރައްޔިތުން ބަނދެފަ އަސާސީ ހިލާލަނީ. ޑިމޮކްރަސީގެ ފުރަބަންދު،" މޫސަ ވިދާޅުވެފައި ވެއެވެ.
މޫސަ އިތުރަށް ވިދާޅުވީ "ގާނޫނެއް އިސްލާހުުކުރިޔަސް، އާގާނޫނެއް ހެދިޔަސް އެއަށް އަމަލުކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރީމަ ކަމަށާއި، ސަރުކާރުން ނެރެފައިވާ ގާނޫނީ އަމުރުތައް މުގުރާފަ ގާނޫނީ ހަމަތަކުން ބޭރުން ގާނޫނެއް ހެދީމާ ރައީސް އަމަލުކުރާނެ ގޮތެއް ދެންބަލަންވީ،" ކަމަށެވެ.