އަލީ ޔާމިން
އަނބިމީހާގެ ރަހިމުގައިވާ ދަރިފުޅުގެ ވިންދު ދަށްކަމަށް ޑޮކްޓަރުން ބުނުމާއެކު، ށ. ނަރުދޫއަށް އުފަން ހަސަން ސުޖާއު އަަވަސްވެގަތީ، ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށެވެ. އެއިރު، ސުޖާއުގެ އަނބިމީހާ، ސަދުނާގެ ލޯ ވަނީ ކަރުނުން ފުރި ބާރުވެފައެވެ. ރަހިމުގައިވާ ތުއްތު ދަރިފުޅަށް އެއްވެސް ދެރައެއް ވާން ނޭދޭތީއެވެ.
އުފަން ރަށް ނަރުދޫގެ ހެލްތު ސެންޓަރުގެ އެހީތެރިކަމާއެކު ހދ. ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ސަދުނާ ގެންދިއުމަށް ހަމަޖެހުނެވެ. ހުރިހާ ތައްޔާރީތަކެއް ވެ، ސިއްހީ އެހީތެރިންނާއެކު ކުޅުދުއްފުށްޓަށް ދިއުމަށް ސަދުނާގެ ދެމެފިރިންނަށް ނަރުދޫން ފުރުނީ މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރު 1:45 ހާއިރުއެވެ. ދޮޅުގަޑިއިރުގެ ދަތުރަކަށް ފަހު ކުޅުދުށްފުށްޓަށް ދެވުނީ އެދުވަހު 3:00 ޖަހާ ބޮޑުވި ފަހުންނެވެ. އެމްބިއުލާންސްގައި ސަދުނާ ވަގުތުން ގެންދިޔައީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހުންނަ އައިސޮލޭޝަން ރޫމަށެވެ. އެ ހޮސްޕިޓަލުގެ ނަރުހުން ވަނީ ވަގުތުން އެޓެންޑް ވެ، ކުއްޖާގެ ވިންދު ބަލައިފައެވެ. ނަމަވެސް އެއިރުވެސް ކުއްޖާގެ ވިންދެއް ނުޖަހައެވެ. އޭގެ ބައިގަޑިއިރެއްހާއިރު ފަހުން އެ ދެމެފިރިން ތިބި ކޮޓަރިޔަށް ސްކޭން ޑޮކްޓަރު ގޮސް ސަދުނާގެ ބަނޑުގެ ސްކޭނެއް ހެދިއެވެ. ސްކޭން ހެދުމުން އެނގުނީ އެ ތުއްތު ފުރާނަ ސަދުނާގެ ބަނޑުތެރެޔަށް މަރުވެފައިވާ ކަމެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ, ......." ސަދުނާގެ ދެމެފިރިންގެ ލޮލުގައި އުފެދި ޖަމާވެފައި ހުރި ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. ދަރިފުޅު ދުނިޔެއަށް ނޭވާލުމުގެ ކުރިން މި ފަނާކުރަނިވި އާލަމާއި އަބަދުގެ އަބަދަށް އަލްވަދާއުކީއެވެ.
މިއީ ށ. ނަރުދުއަށް އުފަން މަރިޔަމް ސަދުނާ އާއި އޭނާގެ ފިރިމީހާ ސުޖާއުގެ ތިންވަނަ ދަރިފުޅު ނިޔާވި ހާދިސާއެވެ. ދަރިފުޅު ދުނިޔެއަށް ނޭވާލުމުގެ ކުރިން މައިމީހާގެ ބަނޑުތެރެޔަށް މަރުވުމުގެ ފުން ހިތާމައިގެ އެ ދެމެފިރިންނާއި، އެމީހުންގެ އާއިލާ ތިބިއިރު، އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ އެކަމުގައި ކޮންމެވެސް ފަރާތެއްގެ އިހުމާލެއް އޮތް ކަމެވެ. އާއިލާއިންވެސް ވަނީ އެކަމުގައި ބައެއް ފަރާތްތަކުން އިހުމާލުވެފައިވާ ކަމުގައި ބުނެފައެވެ.
ސަދުނާ ވިހެއުމަށް ޑޮކްޓަރުން ދީފައިވާ މުއްދަތަކީ މިމަހުގެ 30 ވަނަ ދުވަހެވެ. ސަދުނާ ބަލިވެ އިނީއްސުރެ، ކުއްޖާއަށް ވާނުވާ ބެލުމަށް ޑޮކްޓަރަށް ދައްކައެވެ.
"ވަން" އަށް މައުލޫމާތު ދެމުން ސަދުނާގެ ފިރިމީހާ ސުޖާއު ބުނީ އެމީހުން އާންމުގޮތެއްގައި ދައްކަނީ ށ. ފުނަދޫ ހޮސްޕިޓަލުގައި އިންނަ އަންހެނުންގެ ޑޮކްޓަރަށް ކަމަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތާއި ގުޅިގެން، ފަހުން އެ ޑޮކްޓަރަށް ދެއްކުމަށް ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން ސުޖާއު ފާހަގަކުރިއެވެ. ޑޮކްޓަރުން ދީފައިވާ މުއްދަތު ކައިރިވަމުން އައުމާއެކު ދަރިފުޅުގެ ހާލު ބެލުމަށް ބޭނުންވާތީ އެކަން ނަރުދޫ ސިއްހީ މަރުކަޒުގެ ސަމާލުކަމަށް ގެނެއުމުން، ސިއްހީ މަރުކަޒުން ބުނީ، އޮންލައިންކޮށް އެކަން ކުރުމަށް ކަމަށް ސުޖާއު ބުނެއެވެ. ނަމަވެސް އޮންލައިންކޮށް ކުއްޖާގެ ވިންދު ބެލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ދެން ސުޖާއު އެދުނީ، އަނބިމީހާއަށް ފުނަދޫން ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖެއްސުމަށެވެ. ސުޖާއުގެ އެ އެދުމަށް ނަރުދޫ ސިއްހީ މަރުކަޒުން ވަނީ ފުނަދޫން ޑޮކްޓަރަށް ދެއްކުމަށް މިމަހުގެ 23 ވަނަ ދުވަހަށް އެޕޮއިންޓްމަންޓް ލިބިފައިވާ ކަމަށް ބުނެފައެވެ. ކުޑަ ހިތްހަމަޖެހުމަކާއެކު ސަދުނާ ޑޮކްޓަރަށް ދެއްކުމަށް ފުނަދުއަށް ގެންދިއުމަށް އެ ދުވަހުގެ ހަވީރު 3:00 ޖެހިއިރު ސަދުނާގެ ދެމެފިރިން ބަނދަރަށްވެސް ދިޔަފަހުން ނަރުދޫ ހެލްތު ސެންޓަރުން އެންގީ ފުނަދޫން ޑޮކްޓަރަށް ދެއްކެން ނެތް ކަމަށް އެ ހޮސްޕިޓަލުން އަންގާފައިވާ ކަމަށެވެ.
ސަބަބެއް ނުބުނާ ކަމަށް ސުޖާއު ބުންޏެވެ. ނަމަވެސް އެކި ގޮތްގޮތުން އެނގިފައިވާ ގޮތުގައި ފުނަދޫ ހޮސްޕިޓަލުން ސަދުނާ ބެލުމަށް އިންކާރު ކުރީ ނަރުދޫއަކީ ކޮވިޑުގެ ކޮމިޔުނިޓީ ސްޕްރެޑެއް އޮތް ރަށަކަށް ވުމުން ކަމަށް ސުޖާއު ބުންޏެވެ. އެހެންކަމުން ނަރުދޫ ހެލްތު ސެންޓަރުގައި އެދިގެން މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އެ ދެމެފިރިން ވަނީ ށ. މިލަންދޫއަށް ގޮސް އެރަށުގެ ހެލްތު ސެންޓަރުގެ ގައިނީއަށް ދައްކައިފައެވެ. ސަދުނާ ބެލުމަށްފަހު ޑޮކްޓަރު ބުނީ، ސަދުނާގެ ބަނޑުގައިވާ ކުއްޖާގެ ވިންދު ޖަހަނީ ވަރަށް މަދުން ކަމަށާއި، އެހެންކަމުން ވަސީލަތްތައް ހުރި ހޮސްޕިޓަކަށް ވީހާވެސް އަވަހަކަށް ދިއުމަށެވެ.
ކުއްޖާގެ ވިންދު ދަށްކަމަށް ޑޮކްޓަރު ބުނުމާއެކު، އެނބުރި ނަރުދޫއަށް ގޮސް، ހދ. ކުޅުދުއްފުށްޓަށް ދިއުމުގެ މަސައްކަތް ސަދުނާގެ ދެމަފިރިން ފެށިއެވެ. ނަރުދޫ ސިއްހީ މަރުކަޒުގެ އެހީތެރިކަމާއެކު އާސަންދަ ހަމަޖެހި، އެމެފިރިންނަށް ކުޅުދުއްފުށްޓަށް ދެވުނީ އެދުވަހުގެ ހަވީރު ތިނެއްޖަހައި ބޮޑުވި ފަހުންނެވެ. ފުރަތަމަ ވެސް ގެންދިޔައީ އައިސޮލޭޝަން ރޫމަށެވެ.
ސުޖާއު ބުނީ، އައިސޮލޭޝަން ރޫމަށް އެމީހުން ގެންދިޔަ ފަހުން ނަރުހުން ގޮސް ދަރިފުޅުގެ ވިންދު ބަލައި ހެދި ނަމަވެސް، އެއިރުވެސް ސްކޭން ހެދުމަށް ޑޮކްޓަރު ނުދާ ކަމަށާއި، ޑޮކްޓަރު ދިޔައީ އައިސޮލޭޝަން ރޫމްގައި ތިބޭތާ ގަޑިއެއްހާއިރުވީ ފަހުން ކަމަށެވެ. އަދި ސްކޭން ހެދުމުން ދަރިފުޅު ނިޔާވެފައިވާކަން އެނގިފައިވާ ކަމަށާއި، އޮޕަރޭޝަން ކޮށްގެން ދަރިފުޅު މައިމީހާގެ ބަނޑުން ނަގަން އުޅެނިކޮށް، ވިހާފައިވާކަމުގައިވެސް ސުޖާއު ބުންޏެވެ. ސަދުނާގެ ބަނޑަށް މަރުވެފައިވަނީ ފިރިހެން ކުއްޖެކެވެ.
ސަދުނާގެ ދެމެފިރިންނަކީ ތެލަސީމިއާ ބަލި ހުންނަ ދެމަފިރިން ނަމަވެސް ސަދުނާގެ ބަނޑުތެރެޔަށް މަރުވި ދަރިފުޅަކީ ތެލަސީމިއާ ކުއްޖެއް ނޫނެވެ.
ސަދުނާގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައާ ގުޅިގެން ނަރުދޫ ސިއްހީ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ 18 ވަނަ ދުވަހު ބަލިމީހާގެ ފިރިމީހާ ވަނީ އެ މަރުކަޒަށް ގުޅައި، މިމަހުގެ 20 ވަނަ ދުވަހަށް ށ. ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރަށް އެޕޮއިންޓްމެންޓެއް ހަދައިދިނުމަށް އެދިފައި ކަމަށެވެ. އަދި އެކަން ނަރުދޫ ސިއްހީ މަރުކަޒުން ށ. އަތޮޅު ހޮސްޕިޓަލަށް އެންގުމުން އެ ހޮސްޕިޓަލުގެ އެދުމުގެ މަތިން ބަލި މީހާގެ ލިޔެކިޔުންތައް އެ ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމުގައި ނަރުދޫ ސިއްހީ މަރުކަޒުން ބުނެއެވެ. ނަމަވެސް 20 ވަނަ ދުވަހަށް އެޕޮއިންޓްމަންޓް ހަމަނުޖެނު ކަމަށާއި އެޕޮއިންޓްމަންޓް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 3:00 އަށް ކަމުގައި ނަރުދޫ ހެލްތު ސެންޓަރަށް ށ. އަތޮޅު ހޮސްޕިޓަލުން އެންގިއެވެ، ހަމަ އެވަގުތު ބަލިމީހާއަށް އެމައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ނަރުދޫ ސިއްހީ މަރުކަޒުން ބުނެއެވެ. ނަމަވެސް 23 ވަނަ ދުވަހު ށ. އަތޮޅު ހޮސްޕިޓަލުން ނަރުދޫ ސިއްހީ މަރުކަޒަށް ގުޅައި އެޕޮއިންޓްމަންޓް ކެންސަލްވި ކަމަށް ވަނީ ބުނެފައެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ ށ. އަތޮޅު ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރާތީ ވަދެ ނުކުމެ އުޅުމަށް ދަތިތަކެއް ހުރުމުން ކަމަށެވެ. ށ. އަތޮޅު ހޮސްޕިޓަލުން ލަފާ ދިނީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަލިމީހާ ދެއްކުމަށެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ބުނީ، ފޮލޯ އަޕް ހެދުމަށް މިމަހުގެ 23 ވަނަ ދުވަހު އެ ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދެއްކުމަށް ހަމަޖައްސާފައި އޮތް އެޕޮއިންޓްމަންޓް ކެންސަލް ކުރީ، ހޮސްޕިޓަލުގައި ކުރެވެމުންދާ މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން އޮޕަރޭޝަން ތިއޭޓަރު ބަންދުކުރެވިފައިވާތީ އާއި ބަލިމީހާގެ ބަނޑަށް 40 ހަފުތާ ވެފައިވާތީ، މި ހާލަތުގައި ކޮންމެ ވަގުތެއްގައިވެސް ވިހައިފާނެ ކަމަށް ލަފާކުރެވޭތީ، އޮޕަރޭޝަން ތިއޭޓަރުގެ ހިދުމަތް މެދުކެނޑިފައިވާ ވަގުތެއްގައި އެފަދަ ބަލިމީހަކު ގެންދިއުމަކީ ރައްކާތެރިކަމަކަށް ނުވާނެތީ ކަމަށެވެ.
ނަރުދޫ ސިއްހީ މަރުކަޒުން ބުނީ ހަމަ އެދުވަހު މިލަންދޫ ސިއްހީ މަރުކަޒަށް ބަލި މީހާ ގެންދިއުމަށް މަސައްކަތް ކުރެވުނު ކަމަށާއި، ނަމަވެސް މިލަންދޫ ސިއްހީ މަރުކަޒުން ލަފާދިނީ އެ ސިއްހީ މަރުކަޒުގައި އޮޕަރޭޝަން ކުރެވޭނެ އިންތިޒާމާއި ބައެއް ވަސީލަތްތައް ނެތުމުން އެ ހިދުމަތް ލިބޭނެ ހޮސްޕިޓަލަކަށް ދިއުމަށް ކަމަށެވެ. އެހެންކަމުން ބަލި މީހާ ހދ. ކުޅުދުއްފުށްޓަށް ދިއުމަށް 24 ވަނަ ދުވަހު އާސަންދައިގެ ދަށުން ސީ އެމްބިއުލާންސުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށާއި، ނަމަވެސް ބަލި މީހާގެ ފިރިމީހާ ބޭނުންވީ އެދަތުރު 25 ވަނަ ދުވަހަށް ލަސްކުރުމަށް ކަމުގައި ނަރުދޫ ހެލްތު ސެންޓަރުން ބުނެއެވެ. ބަލިމީހާގެ ފިރިމީހާ ބޭނުންވީ 25 ވަނަ ދުވަހު މިލަންދޫ ސިއްހީ މަރުކަޒުގައި ހުންނަ އަންހެނުންގެ ހާއްސަ ޑޮކްޓަށް ދެއްކުމަށް ފަހު ކުޅުދުއްފުށްޓަށް ދާން ކަމަށާއި، އެހެންކަމުން މިލަންދޫ ސިއްހީ މަރުކަޒަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިން ކަމަށްވެސް ނަރުދޫ ސިއްހީ މަރުކަޒުން ބުނެއެވެ.
އެގޮތުން 25 ވަނަ ދުވަހުގެ ހެނދުނު ބަލިމީހާ މިލަންދޫ ސިއްހީ މަރުކަޒަށް ދެއްކުމުން އެ ސިއްހީ މަރުކަޒުގެ ޑޮކްޓަރު ވަނީ، ބަލިމީހާގެ ބަނޑުގައިވާ ދަރިފުޅުގެ ވިންދު ހުރިކަމަށް ނުދައްކާތީ ވަސީލަތްތައް ހުރި ހޮސްޕިޓަލަށް ދިއުމަށް އަންގާފައިވާ ކަމަށާއި، އެއާއެކު، ނަރުދޫއަށް އެމީހުން އެނބުރި ދިއުމުން 1:35 ހާއިރު، ނަރުހަކާއި، ފޫޅުމަޔަކާއި އަދި އޮކްސިޖަން ގުޅޭނެ އިންތިޒާމާއެކު އާސަންދައިގެ ދަށުން ހދ. ކުޅުދުއްދުށްޓަށް ބަލި މީހާ ފުރުވާލެވިފައިވާ ކަމަށްވެސް ނަރުދޫ ސިއްހީ މަރުކަޒުން ބުނެއެވެ.
ސަދުނާ ކުޅުދުއްފުށްޓަށް ގެންދިއުމަށް ފަހު ސްކޭން ކުރުމަށް ގަޑިއެއްހާއިރު ނެގިކަމަށް ސަދުނާގެ ފިރިމީހާ ސުޖާއު "ވަން"އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. މިކަމާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބަހެއް ހޯދައިލުމަށް އެ ހޮސްޕޮޓަލުގެ މެނޭޖަރު އަހުމަދު ދާއޫދަށް "ވަން"އިން ގުޅުމުން ވިދާޅުވީ، ހޮސްޕިޓަލަށް ބަލި މީހާ ގެންދެވުމާއެކު ނަރުހުން ވަނީ ކުއްޖާގެ އެފްއެޗްއެސް (ވިންދު) ބަލައިފައި ކަމަށެވެ. ނަމަވެސް އެއިރުވެސް ކުއްޖާގެ ވިންދު ނުޖަހާ ކަމަށް ނަރުހުން ބުނެފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ. ދާއޫދު ވިދާޅުވީ، ހޮސްޕިޓަލަށް ބަލި މީހާ ގެންދިޔަތާ 20 ނުވަތަ 30 ވަރަކަށް މިނެޓުގެ ތެރޭގައި ސްކޭންވެސް ކުރަން ފެށުނު ކަމަށެވެ.
"ސްކޭން ޑޮކްޓަރު އޯޕީޑީގައި ކުރަން އިން ސްކޭން ނިންމާފައި އައީ 4:05 ގައި. ޑޮކްޓަރު ޕީޕީއީ އެޅުމަށް ފަހު ސްކޭން ކުރަން ފެށުނީ 4:10ގައި. ސްކޭން ކުރުމުން މި އެނގުނީ ކުއްޖާ މަރުވެފައިވާކަން" ދާއޫދު ވިދާޅުވިއެވެ.
ސުޖާއު އާއި ސަދުނާގެ ކައިވެންޏަށް 9 އަހަރު ވެފައިވާއިރު، އެ ދެމެފިރިންގެ ތިން ވަނަ ދަރިފުޅު މިދުނިޔެއާ އަލްވަދާއު ކީއިރު، އެ ކުއްޖާ މަރުވުމުގައި ބައެއް ފަރާތްތަކުގެ އިހުމާލު އެބަ އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އެގޮތުން މާބަނޑު މީހަކު ޑޮކްޓަރަށް ދެއްކުމަށް ދޮޅު މަސް ދުވަސްކުރިން މަސައްކަތް ކުރަން ފެށިނަމަވެސް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު އެންމެ ފަހު ދުވަހާ ހަމަޔަށްވެސް ހަމަޖެހިފައިނުވާ ކަމުގައި އާއިލާއިން ތުހުމަތު ކުރެއެވެ.
މިއީ ރާއްޖޭގައި ކޮވިޑް 19 ފެތުރުމާއި ގުޅިގެން ފިޔަވަޅުތައް އަޅާފައި ވަނިކޮށް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ. މީގެ ކުރިން އއ. ތޮއްޑޫގައިވެސް ވަނީ މާބަނޑު މީހެއްގެ ބަނޑުތެރެޔަށް ކުއްޖަކު މަރުވެފައެވެ. އެ ކުއްޖާގެ އާއިލާއިންވެސް ތުހުމަތު ކުރަނީ ފަރުވާ ލިބުމުގައި ލަސްތަކެއް އުޅުނު ކަމަށާއި، އާސަންދަވެސް ހަމަޖެހުނީ ވަގުތު ފާއިތުވުމުން ކަމަށެވެ.