ކާނަލް މުހައްމަދު ނާޒިމް

ޖަރީމާ ހިންގި މީހުންނަށް ހައްގު އަދަބު ނުދެވިއްޖެ ނަމަ، ރައްކާތެރިކަމެއް ނޯންނާނެ: ކާނަލް ނާޒިމް

ނުކުރާ ކުށެއްގައި ޖަލަށް ލައި ބޮޑު ޖަރީމާ ހިންގި މީހުންނަށް ހައްގު އަދަބު ނުދެއްވިއްޖެ ނަމަ، އެއްވެސް ދިވެހި ރައްޔިތަކަށް ރައްކާތެރިކަމެއް ނޯންނާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކާނަލް ނާޒިމްގެ މައްޗަށް 2015 ވަނަ އަހަރު އިއްވި 11 އަހަރުގެ ޖަލު ހުކުމް މިރޭ ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ. ކާނަލް ނާޒިމް ދިރިއުޅޭ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ކާނަލް ނާޒިމްގެ މައްޗަށް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުއެވެ.

ޖަލު ހުކުމް ބާތިލްކުރުމަށް މިރޭ ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ކާނަލް ނާޒިމް ވިދާޅުވީ އެ މައްސަލައިގެ ބައިވެރިން ނުވަތަ އެ މައްސަލައިގެ ޖަރީމާ ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނުގެނެވިއްޖެ ނަމަ، ދިވެހިރާއްޖޭގެ އެއްވެސް ފަރުދަކަށް މިފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށެވެ.

"މިއަދު ވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އަދި ހޯމް މިނިސްޓަރު ޝެއިޚް އިމްރާނަށާއި އަދި މިހާރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރަށް ވެސް އަޅުގަނޑު ދަންނަވަން މިހާރުން މިހާރަށް މި މައްސަލައިގައި ޝާމިލުވާ މީހުން ހޯދައި، އެމީހުންގެ މައްޗަށް އެކަށީގެންވާ ތަހުގީގެއް ކުރެވި، އިންސާފުގެ ކުރިމައްޗަށް ގެނައުން. އަދި އެމީހުންނަށް ހައްގު އަދަބު ދިނުން. އެކަން ނުކޮށްފިނަމަ ކުރިއަށްއޮތް ތަނުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން ބަޔަކަށް މިފަދަ ނިކަމެތިކަމެއް ހިނގާފާނެއޭ،" އޭނާ ވިދާޅުވިއެވެ.

ކާނަލް ނާޒިމް ވިދާޅުވީ އެ ޖަރީމާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށާއި އެކަންކަން ހިނގައިދިޔަ ނަމަވެސް އެއްވެސް މީހަކާ ދޭތެރޭގައި ހަސަދަވެރިކަމެއް ނެތް ކަމަށެވެ.

"އަޅުގަނޑުގެ ހިތް ހަލާސް. އެހެންނަމަވެސް މިފަދަ ބޮޑު ޖަރީމާއެއް ދިވެހިރާއްޖޭގައި ހިނގައިދިޔައީމާ މިކަން ނުބަލައި ދޫކޮށްލައިފިއްޔާ ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ފުލުހުން ލައްވައި ކުރުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ. އެހެންކަމުން އަޅުގަނޑު ދަންނަވާނީ ފުލުހުންގެ މައްޗަށް މިއަދު އެބަ ލާޒިމުކުރެއޭ މި ބޮޑު ޖަރީމާ ހިންގި ފަރާތްތައް ހޯދައި، އެ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން،" އޭނާ ވިދާޅުވިއެވެ.