އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޭރު ޖަލުން މިނިވަންކުރަން އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކުރިކަމަށް ވާހަކަ ދެކެވޭ ކަމަށާއި، މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް މިނިވަންކުރަން ކޮންމެ ކަމެއްކުރަންވެސް ތައްޔާރަށް ހުންނެވި ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި މިހާރުގެ ސަރުކާރާއި ކުރީގެ ސަރުކާރުގެވެސް ބައެއް ފަރާތްތަކަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭ ކަމަށެވެ.
އެކަމާ ގުޅޭ ބައެއް ވާހަކަތަކުން އެ ހިޔާނާތުގެ ފައިސާ ބޭނުންކުރެއްވިކަމަށް ރައީސުލް ޖުމްހޫރިއްޔާއަށް ވެސް ތުހުމަތު ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު ޖަލުން މިނިވަން ކުރެއްވުމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށްވެސް ތުހުމަތު ކުރެވޭ ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި، 2012 ވަނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުގެ ރޭ، އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގިރިފުއްޓަށް ގެންގޮސް ފޮރުވި މައްސަލައިގައި، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި، އުފުލި ޓެރަރިޒަމްގެ ދައުވާގައި ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް، ރައީސް ނަޝީދުުގެ މައްޗަށް ހުކުމް ކުރީ، 13 މާޗް 2015 ގައެވެ.
ނަމަވެސް 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ވެރިކަން ވެއްޓި އެމްޑީޕީ ޓިކެޓްގައި ވެރިކަމަށް ކުރިމަތިލެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިވަޑައިގެންނެވުމަށްފަހު، ރައީސް ނަޝީދުގެ މައްޗަށް އިއްވާފައި އޮތް 13 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އެ މަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި 26 ނޮވެމްބަރު 2018 ގައި ސުޕްރީމް ކޯޓުން ނިންމިއެވެ.
މިއަދުގެ ޖަލްސާގައި ޝަރީފް ވިދާޅުވީ، މިހާރުގެ ސަރުކާރަކީ ރައީސް ނަޝީދުގެ ބައިވެރިވެވަޑައިގެންނެވުން އޮވެގެން ވެރިކަމަށް އައި ސަރުކާރެއް ކަމަށާއި، އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ނުކުރެވި ލަސްވަމުން ދިއުމުގެ ޒިންމާ އެމަނިކުފާނުވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އުފާވެރިކަން ލިބޭނީވެސް އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރެވި އެކަމުގައިވާ ކަންކަން ރައްޔިތުންނަށް ސާފުކޮށްދެވިގެން ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މަނީލޯންޑަރިންގެ ކުށް ސާބިތުގެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ، ސިޔާސީ ހުކުމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޝަަރީފް ވިދާޅުވީ މިހާލަތުގައި ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ މުޅި ގައުމަށާއި ގައުމުގެ ކުރިއއެރުމަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ކުރަން ޖެހުނު ކޮންމެކަމެއް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.