ރައްޔިތުންގެ މަޖިލިސް

މުއްދަތު ހަމަވާ ކައުންސެލަރުންގެ ބަދަލުގައި، އެ މަގާމުތަކަށް ބަޔަކު އައްޔަންކުރުމުގެ ބާރު އެލްޖީއޭއަށް ދޭން ހުށަހަޅައިފި

އިބްރާހިމް ޒަކީ

1

އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް، މުއްދަތު ހަމަވާ ކައުންސެލަރުންގެ ބަދަލުގައި، އެ މަގާމުތަކަށް ބަޔަކު އައްޔަންކުރުމުގެ ބާރު ގާނޫނަކުން އެލްޖީއޭއަށް ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިހުށަހެޅުން ހުށަހެޅުއްވީ، ކައުންސެލަރުންގެ މުއްދަތު ދަންމާލުމަށް، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

މިއަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީއާ ހަމަޔަށް ފަސްކޮށްފައިވާއިރު، އަންނަ ޖޫންމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް، މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު ހަމަވާނެ އެވެ.

އެހެންކަމުން ކައުންސިލަރުންގެ މުއްދަތު ހަމަވަމުން ދިމާވާ މައްސަލަޔައް ހައްލެއް ހޯދުމަށްޓަކައި މިހާރު ތިބި ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް، ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް މިއަދުވަނީ ބަހުސް ފަށައިފައެވެ.

އެބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އެހާ ފަސޭހައިން ގާނޫނުއަސާސީ ބަދަލު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ.

ކައުންސެލަރުންގެ މައްސަލަޔަށް މިހާރު ދިމާވެފައިވާ މައްސަލަޔަކީ ގާނޫނުގައިވެސް ނެތް މައްސަލައެއް ކަމަށާއި އެކަމަށް ހައްލު ހޯދަން ޖެހޭނީ ގާނޫނު އަސާސީއާ ނުކުޅެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ކުރެެވެން އެބައޮތް ކަމަށާއި، އެކަމަށް އޮތް ހައްލަކީ، ދެން އިންތިހާބު ކުރާ ކައުންސެލަރުން މަގާމާ ހަވާލުވާ ހިސާބުން އުވިގެންދާ ފަދަ ސަންސެޓް ގާނޫނެއް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

އެހެންކަމުން ސަލީމް ވިދާޅުވީ އެކަމަށް ސަންސެޓް ގާނޫނެއް އެކުލަވައިލުމަށް ހުށަހަޅުއްވާކަމަށެވެ. އެ ގާނޫނުގައި ހިމަނަން ފެނިވަޑައިގަންނަވާ ބައެއް ކަންތައްތައްވެސް ސަލީމް ވަނީ ހުށަހަޅުއްވައިފައެވެ.

އެގޮތުން މިހާރު ތިބި ކައުންސެލަރުންގެ މުއްދަތު ހަމަވުމުން، އެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމުގެ ބާރު ލޯކަލް ގަވަންމަންޓް އޮތީރިޓީ (އެލްޖީއޭ) އަށް ދިނުމަށް ވަނީ ހުށަހަޅުއްވައިފައެވެ

އެގޮތަށް މަގާމުތަކަށް މީހުން އައްޔަންކުރާއިރު މިހާރު ކައުންސިލް އިންތިހާބަށް ކުރމަތިލާފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށާއި، މިހާރު ތިބި ކައުންސެލަރުންގެ ތެރެއިން، އެފަރާތްތަކުގެ ހާޒިރީއާއި އުފެއްދުންތެރިކަމަށް އިސްކަން ދިނުމަށް ވެސް ގާނޫނުގައި ހިމެނިދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟