މަޖިލީހުގެ ރައީސް

މާސްކުގައި ތިބެގެން މިކަންކުރަން ލަސްތަކެއް ނުވެ އާދަވެދާނެ، މާބޮޑަށް އަނގަ ހަރަކާތް ނުކުރައްވަވާ!: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް މެންބަރުން، މާސްކު އަޅުއްވައިގެން، މަސައްކަތް ކުރެއްވުމަށް މާ ލަސްތަކެއްނުވެ އާދަވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާސްކުގައި ތިއްބަވައިގެން ވާހަކަދެއްކެވުމަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށް ބައެއް މެންބަރުން ވިދާޅުވުމާއި ގުޅިގެން އެ މެންބަރުންނަށް ދެއްވި ޖަވާބުގަ އެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މާސް އަޅުއްވައިގެން ތިއްބަވައިގެން ވާހަކަދައްކަވަން އުނދަގޫވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެދިވަޑައިގަންނަވަނީ މާސްކުގައި ތިއްބަވައިގެން މިކަން ކޮށްދެއްވުން ކަމަށެވެ.

"މި މައްސަލައިގައި އަޅުގަނޑުވެސް ޑޮކްޓަރުންނާ ވާހަކަދެއްކިން، ދެން މިކަމުގަ ޑޮކްޓަރުންގެވެސް ހުރީ ތަފާތު ހިޔާލުތައް. އެންމެ ފުރަތަމަ ޑޮކްޓަރުން މުޅި ދުނިޔޭގަވެސް ބުނަމުން ދިޔައީ މާސް ނާޅަން. މިހާރު ބައެއް ގައުމުތަކުގަ މާސްކް ނާޅައި އުޅުންވެސް ވަނީ މަނާކޮށްފަ." މަޖިލިސް ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މިއަދުގެ ޖަލްސާ ނިމިގެންދާއިރު މި ކަމަށް ހޭނި އާދަވެދާނެ ކަމަށާއި އެކަމަށް ވެސް ޓެކްނިކެއް ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މެންބަރުން ވާހަކަ ދައްކަވާއިރު އަނގަޔަށާއި މޫނަށް މާ ބޮޑަށް ހަރަކާތްތައް ނުގެންނެވުމުން ފަސޭހަ ވާނެ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.