މަޖިލީހުގެ ރައީސް

މިއަދުގެ ޖަލްސާ ކުރިޔަށް މިދަނީ އެޗްޕީއޭގެ ލަފަޔައި އިރުޝާދުގެ މަތިން: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، ގިނަ ދުވަސްތަކެއް ވަންދެން، އޮންލައިންކޮށް މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދާތާ ގިނަ ދުވަސްތަކަކަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މާލަމުގައި މިއަދު ފަށައިގެން މަޖިލިސް ޖަލްސާ ކުރިއަށް ގެންދަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ލަފައާއި އިރުޝާދުގެ މަތިން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 ގެ ލޮކްޑައުންގެ މިހާލަތުގައި، މާސްކާއި ގައިދުރުކުރުމާއެކު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިއަދު ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައެއް މެންބަރުންގެ ޝަކުވާތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ޖަލްސާ ބައްވަމުން ގެންދަވަނީ އެޗްޕީއޭގެ ލަފަޔާއި އިރުޝާދުގެ މަތިން ކަމަށެވެ.

މިއަދުގެ ޖަލްސާގައި ހުރިހާ ބޭފުޅުން މާސްކު އަޅައިގެން ތިއްބެވުމުން، ވާހަކަ ދެއްކުމަށް އުނދަގޫވެ ނިޒާމީ މައްސަލަވެސް ނެންގެވިއެވެ. އެގޮތުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅި ބިލަށް މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ގެންދިޔަ ބަހުސްގައި، މާސްކު އަޅައިގެން ވާހަކަ ދަންކަން އުނދަގޫކަން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުވެސް ފާހަގަ ކުރެއްވިއެވެ.

އެކަމާގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ މާގިނައިރުތަކެއް ނުނަގައި އެކަމަށް ފަރިތަވެދާނެ ކަމަށެވެ.

މާސްކު އަޅައިގެން ވާހަކަ ދައްކަަވަން އުނދަގޫކަމަށް ވިދާޅުވެ، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ނިޒާމީ މައްސަލަ ނެންގެވިއެވެ.

އަލީ އާޒިމް ވިދާޅުވީ މަޖިލިސް ޖަލްސާ ކުރިއަށް ގެންދިއުމަށް، އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަޖިލީހަށް ފޮނުވި ފުރަތަމަ ސިޓީގައި މާސްކު އަޅާން ބުނެފައި އޮތް ނަމަވެސް، ފަހުން ފޮނުވި ސިޓީގައި އެކަމާބެހޭ ވާހަކަ ހިމެނިފައި ނުވާ ކަމަށެވެ. އެހެންކަމުން މާސްކު އަޅަން ބޭނުން ނުވާ މެންބަރުންނަށް އެކަމުގެ ހުއްދަ ދެއްވުމަށް އަލީ އާޒިމް މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ނަމަވެސް މަޖިލިސް ރައީސް އެކަމަށް ހުއްދައެއް ނުދެއްވައެވެ.

މަޖިލިސް ޖަލްސާ ކުރިއަށް ގެންދަން އަޅަންޖެހޭ ކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ޖަލްސާ ކުރާ މާލަމަށް ވަނުމުގެ ކުރިން، ޓެމްޕަރޭޗާ ބަލައި ހުން ނެތްކަން ކަށަވަރު ކުރުމާއި، ކޮވިޑް 19 ގެ އަލާމާތެއް ހުރި އެއްވެސް މީހަކު ޖަލްސާގައި ބައިވެރި ނުވުމާއި، މާލަމަށް ވަނުމާއި ނުކުތުމުގައި، އެކަކު އަނެކަކާ ދެމެދު ތިން ފޫޓުގެ ދުރުމިނެއް ގާއިމުކުރުމާއި، ޖަލްސާގައި ބައިވެރިވާ މީހުން ސައިބޯނި ލައިގެން އަތްދޮވެވޭނެ ގޮތް، ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން މާލަމުގައި ތިބޭއިރު ގިނަގިނައިން މީހުން އަތްލާނެ ތަކެއްޗާއި ތަންތަން (މޭޒުމަތި، ތަޅުން، ކީބޯޑު، މައުސް ފަދަ ތަކެތި) ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި، ކޮވިޑް 19 އިން ރައްކާތެރިވުމުގެ އާންމު އިރުޝާދުތަކާ އެއްގޮތަށް ކެއްސައި، ކިނބިހި އަޅާއިރު، ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށީގެ އެތެރެފުށް ބޭނުންކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.