ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ފުރުސަތު ދެއްވީ އޮނަހިރި އަދަދުގެ މެންބަރުންނަށް

އިބްރާހިމް ޒަކީ

ގިނަ ދުވަސް ތަކަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ މާލަމުގައި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މިއަދު ފެށިއިރު އެންމެ ފުރަތަމަ ފުރުސަތު އޮނަހިރި އަދަދުގެ މެންބަރުންނަށް ދެއްވަން ފައްޓަވައިފި އެވެ.

ކޮވިޑް 19 އާ ގުޅިގެން ލޮކްޑައުންގެ ހާލަތު އިއުލާންކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މަޖިލިސް ޖަލްސާ މިއަދު ފަށާފައިވަނީ، އެޗްޕީއޭއިން އަޅަން އިރުޝާދު ދީފައިވާ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާ އެކުގައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި މަޖިލިސް ތަޅުމުގައި މެންބަރުން އެކަކު އަނެކަމާ ވަކި ދުރުމިނެއްގައި ތިއްބެވުން ހިމެނެއެވެ.

އާއްމު އުސޫލުން މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން އިށީންދެވަޑައިގެން ތިއްބެވުމުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަނީ، ކޮންމެ މޭޒެއްގައި ދެބައި ހިމެނޭ ގޮތަށް މޭޒެއްގައި ދެ މެންބަރުން ތިއްބަވާ ގޮތަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކޮންމެ މޭޒެއްގައި ވެސް މިއަދު އިންނެވޭނީ ފަހަރަކު މެންބަރަކަށެވެ.

އެހެންކަމުން މަޖިލިސް ޖަލްސާ ފެއްޓެވުމުގެ ކުރިން، މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން ގޮނޑިތަކުގައި ފުރަތަމަ އިށީންދެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ މެންބަރުންގެ ނަންތައް މަޖިލީހުގެ އަމީން އާއްމު އިއުލާން ކުރެއްވިއެވެ.

މަޖިލިސް ރައީސްގެ އެދިވަޑައިގެންނެވުމަށް ގޮނޑިތަކުގައި ފުރަތަމަ އިށީންދެ ވަޑައިގެން ތިއްބަވާނެ މެންބަރުންގެ ނަންތައް އިއުލާން ކުރެއްވީ އެކަކުން ގުނަން ފެއްޓެވުމަށްފަހު އޮނަހިރި އަދަދު ދިމާވާ މެންބަރުންނެވެ.

ފުރަތަމަ ފުރުސަތުގައި އެ ގޮނޑިތަކުން ފުރުސަތު ލިބިވަޑައިގަންނަވާނީ، އޮނަހިރި އަދަދުގެ ބޭފުޅުންނަށް ކަމަށް މަޖިލިސް ރައީސްވެސް ޖަލްސާގައި ތަކުރާރުކޮށް މެންބަރުންގެ ސަމާލުކަމަށް ގެންނަވަމުން ގެންދެވިއެވެ. ދެން ތިއްބެވި މެންބަރުން އިށީންދެ ވަޑައިގެންނެވުމަށް މަޖިލީހުގެ ރިޔާސަތުގެ ކުރިމަތިންނާއި ޖަލްސާގެ އަރިމަތީގައި ދުރު ދުރުގައި ގޮނޑިތައް ވަނީ ޖަހައިފައެވެ.

ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މޭޒުތަކުގެ ކައިރީގައި ތިއްބަވާ މެންބަރުން 30 މިނެޓުން ބަދަލުވާނެ ކަމަށެވެ.