އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލިސް މެންބަރުން މާސްކު އަޅުއްވައި، ހާއްސަ ފިޔަވަޅުތަކާއެެކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ތަޅުމުގައި ފަށާފައި މިވަނީ، ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށްފަހު، ގިނަދުވަސްތަކެއް ވަންދެން އޮންލައިންކޮށް މަޖިލީހުުގެ ޖަލްސާތަކާއި، ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށްފަހުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސްއާއި މެންބަރުންގެ އިތުރުން އިދާރީ މުވައްޒަފުންވެސް ތިއްބެވީ މާސްކު އަޅުއްވައިގެންނެވެ. ބައެއް ބޭފުޅުން އަންގި ލައްވައިގެންވެސް ތިއްބެވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބާއްވަން ނިންމަވައި، އިއްޔެ އެޖެންޑާ ހާމަކުރެއްވުމުން، އެޗްޕީއޭގެ ހުއްދަ ނެތި، އަދި އެ ފަރާތުން އަންގާ ފިޔަވަޅުތަކާ އެއްގޮތަށް ނޫންގޮތަކަށް މަޖިލިސް އިދާރާއަށް މެންބަރުން މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވުމާއި، ޖަލްސާ ބޭއްވުމަކީ ގާނޫނާހިލާފު ކަމެއް ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ޖަލްސާ ކުރިއަށްގެންދަނީ އެޗްޕީއޭގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން، އެޗްޕީއޭއިން އަޅަން އަންގާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާބެހޭ މައުލޫމާތު ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގައިފައެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި އެޗްޕީއޭއިިން އަޅަންޖެހޭ ކަމަށް ފާހަގަކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ޖަލްސާ ކުރާ މާލަމަށް ވަނުމުގެ ކުރިން، ޓެމްޕަރޭޗާ ބަލައި ހުން ނެތްކަން ކަށަވަރު ކުރުމާއި، ކޮވިޑް 19 ގެ އަލާމާތެއް ހުރި އެއްވެސް މީހަކު ޖަލްސާގައި ބައިވެރި ނުވުމާއި، މާލަމަށް ވަނުމާއި ނުކުތުމުގައި، އެކަކު އަނެކަކާ ދެމެދު ތިން ފޫޓުގެ ދުރުމިނެއް ގާއިމުކުރުމާއި، ޖަލްސާގައި ބައިވެރިވާ މީހުން ސައިބޯނި ލައިގެން އަތްދޮވެވޭނެ ގޮތް، ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން މާލަމުގައި ތިބޭއިރު ގިނަގިނައިން މީހުން އަތްލާނެ ތަކެއްޗާއި ތަންތަން (މޭޒުމަތި، ތަޅުން، ކީބޯޑު، މައުސް ފަދަ ތަކެތި) ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި، ކޮވިޑް 19 އިން ރައްކާތެރިވުމުގެ އާންމު އިރުޝާދުތަކާ އެއްގޮތަށް ކެއްސައި، ކިނބިހި އަޅާއިރު، ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށީގެ އެތެރެފުށް ބޭނުންކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.
ކޮންމެ މޭޒެއްގައި ފަހަރަކު އެއް މެންބަރަކު އިންނަން ޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާފެށިއިރު، 47 މެންބަރުން ޖަލްސާއަށް ވަޑައިގެންނެވިއެވެ. ކަރަންޓީނުގެ ސަބަބުން ފަސް މެންބަރަކަށް ޖަލްސާއަށް ވަޑައިނުގެންނެވޭ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.