ރިޕޯޓް

މާލެ ލޮކްޑައުންގައި، ބަރުލަމާނީގެ އަޑުފައްގަނޑު ގަދަވެ މަޖިލިސް ޑެޑްލޮކަކާ ދިމާއަށްބާ؟

އަލީ ޔާމިން

1

ރާއްޖޭގައި ކޮވިޑު ފެތުރޭތީ މާޗު މަހުގެ 12 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއެވެ. އަދި އެ މުއްދަތު ހަމަވުމުން މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައެވެ. ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމުން، "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ" ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުންކުރިއެވެ. އެއީ މާލެއިން ކޮވިޑަށް ޕޮޒިޓިވް މީހަކު ފެނުމާއެކުއެވެ. މާލެ ސަރަހައްދު ލޮކްޑައުންކުރިތާ ދެތިން ދުވަހުގެ ތެރޭގައި މުޅި ރާއްޖެ އެއްކޮށް ލޮކްޑައުންކުރިއެވެ. ކޮންމެ ދެހަފްތާއަކުން މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރުކުރަމުން އައިސް އެ މުއްދަތު މިހާރުވަނީ މިމަހުގެ 28އާ ހަމައަށް ދިގުދަންމައިފައެވެ.

ސިއްހީ މާހިރުން ކުރިން ލަފާކޮށްފައި އޮތީ މިމަހުގެ 31 ވަނަ ދުވަހު ބަލީގެ ޕީކަށް ގޮސް، އެދުވަހު އެކަނިވެސް 1،600 މީހުންނަށް ބަލި ޖެހޭނެ ކަމަށެވެ. ނަމަވެސް ކަންވެގެންދިޔައީ ޑޮކްޓަރުންގެ ޕްރޮޖެންޝަނާއި މުޅިން ހިލާފަށެވެ. އެންމެ ނުރައްކާވާނެ ކަމަށް ބުނި ދުވަސްވަރު ބަލި ޖެހުނު މީހުންގެ އަދަދު ދިޔައީ ދަށްވަމުންނެވެ. ޕޮޒިޓިވް ކޭސްތައް ފެންނަލެއް ދިޔައީ މަދުވަމުންނެވެ. އެހެންކަމުން ޑޮކްޓަރުން ވަނީ މި މަހުގެ ތެރޭގައި ބޮޑު ސާޖެއް އައުމަކީ އެކަށީގެންވާކަމެއް ނޫންކަމުގައި ބުނެފައެވެ. ނަމަވެސް ލޮކްޑައުނުން ވީއްލައި އާންމު ހާލަތަކަށް އަތުވެއްޖެނަމަ ބަލީގެ ސާޖެއް ފެންނާނެ ކަމަށް ކުރިންވެސް ޑޮކްޓަރުން އޮތީ ލަފާކޮށްފައެވެ. އެހެނަސް އެއިރުވެސް ޑޮކްޓަރުން ބުނަމުން ދިޔައީ އަބަދު ލޮކްޑައުންގައި ނުތިބެވޭނެ ކަމަށާއި ކޮންމެވެސް ދުވަހަކުން ލޮކްޑައުނުން ވީއްލަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވާން ފަށައި، ގައިޑްލައިންތަކާއި، އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ފެށިއެވެ.

ލޮކްޑައުނުން މާލެ ސަރަހައްދު ވީއްލަން އުޅޭ ކަމުގެ އިޝާރާތެއް ޑޮކްޓަރުން ދެއްވާފައިވަނިކޮށް، މިދިޔަ ހަފްތާގައި ގައުމާ މުހާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކަންކަން ރަނގަޅަށް ދާނަމަ، މިމަހުގެ 28ގެ ފަހުން މާލޭ ސަހަރައްދުގެ ލޮކްޑައުނަށް ލުއިތަކެއް ދޭން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ލޮކްޑައުނަށް ލުއިދޭނީ، މަރުހަލާތަކަކަށް ބަހާލައިގެންކަމުގައި ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ރައީސް ނުދެއްވައެވެ.

މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވާން ދެ ދުވަހަށް ވެފައިވަނިކޮށް، މުޅި ގައުމު ސިއްސުވާލީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވުމަށް އެޖެންޑާ ކުރުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، އަންނަ މަހުގެ ތިނަކަށް މުއްދަތު ހަމަވާ ކައުންސިލަރުންގެ މުއްދަތު، ދެން ބޭއްވޭ ކައުންސިލް އިންތިހާބާ ހަމަޔަށް ދަންމާލުމަށް، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމާއެކު މަޖިލީހުގެ ޖަލްސާތައް ފުރަތަމަ މެދުކަނޑާލިއެވެ. އޭގެ ފަހުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.

މަޖިލީހުގެ ޖަލްސާއެއް މިއަދު މަޖިލީހުގެ ތަޅުމުގައި ބޭއްވުމަށް އެޖެންޑާ ކުރި އިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ލޮކްޑައުނާ މެދު އެޗްޕީއޭއިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމަންދެން މަޑުކުރެއްވެން ނެތް ވާހަކަ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައި ވާނެ ކަމަށާއި، އެހެންވެ، މިއަދު ތަޅުމުގައި ޖަލްސާ ބާއްވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ނޫން ގޮތަކަށް ކުރިއަށްގެންދަން ޖެހިލުންވެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހާއްސަ ހުއްދައެއް ނެތި ޖަލްސާތައް ނުބޭއްވޭނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ. ފުރަތަމަ އެމްޑީޕީ ނޫން ޕާޓީތަކުގެ މެންބަރުންނާއި އަމިއްލަ މެންބަރުން ދެކޮޅު ހެއްދެވިއިރު ފަހުން ނަޝީދު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ.

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، އެޗްޕީއޭގެ ހުއްދަ ނެތި މަޖިލީހުގެ ޖަލްސާ ބޭއްވުން ވާނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އަދި އެއީ ގާނޫނީ ދައުލަތް ހިންގުން ހުއްޓުމަކަށް ހިނގައިދާނެ ކަމެއް ކަމަށާއި މަޖިލީހުގެ މެންބަރުން ވެސް ގާނޫނަށް ތަބާވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މި ހާލަތުގައި އަމަލު ކުރަން ޖެހެނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެންގި ގޮތަކަށް ކަމަށާއި އެހެންކަމުން އެޗްޕީއޭގެ ހުއްދަ ނެތް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހުކުރަން ގާނޫނު މުގުރާލާފައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ދިއުން މީ ކޮންކަހަލަ ކަމެއް ކަމާމެދު ރޮޒޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

"ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ ނުލައި ލޮކްޑައުންގެ އުސޫލުތަކާ ހިލާފަށް ގާނޫނު އަސާސީ އިސްލާހުކުރަން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ގާނޫނު ހަދާ މަޖިލީހަށް ގާނޫނީ އަމުރަކާ ހިލާފަށް ދިއުން އެއީ ކޮންކަހަލަ ކަމެއްތޯ؟" ރޮޒޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މެންބަރުންވެސް އެޗްޕީއޭއިން ހުއްދަ ނުދެނީސް މަޖިލީހުގެ ތަޅުމަށް ހާޒިރުވުމަށް ދެކޮޅު ހަދަމުންދިޔަ އިރު، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މަޖިލިސް ޖަލްސާ ބޭއްވުމަށް ހުރަސް އަޅާ ފަރާތްތަކަށް ފިޔަވަޅުއެޅުމަކީ މަޖިލިސް ރައީސްގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ. ރައީސް ނަޝީދުގެ ނިންމެވުމަށް ތާއީދު ކުރެއްވި މެންބަރުންގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުވެސް ހިމެނިވަޑައިގަންނަވެއެވެ. އެގޮތުން ސިރާޖު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ބޭއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބޭއްވުމުގެ ބަހުޝްގެ ފޯރިގަދަވެ، އެމްޑީޕީގެ އެތެރޭގައި ބަހުގެ ހަމަލާތައް ކުރިޔަށް ދިޔަ ވަގުތު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ވަނީ ހާލަތުގެ ފައިދާ ނަންނަގަވައި، ސަރުކާރު ބައިބައިވެ، ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެފައެވެ. މަޖިލީހުގައި 65 މެންބަރުންނާއެކު ސުޕަ މެޖޯރިޓީއެއް އޮތީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ އަތުގައެވެ. އިދިކޮޅުން ރޭ ބުނީ، ސަރުކާރަށް މިހާރު އޮތީ ދެ ގޮތް ކަމަށާއި، އެއީ ދައުރު ނުނިމެނީސް އިންތިހާބެއް ބޭއްވުން ނުވަތަ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުން ކަމަށެވެ.

މާލެ ސަރަހައްދުގައިވާ ލޮކްޑައުންގެ ހާލަތުގެ އުސޫލުން އިސްތިސްނާ ކޮށްފައިވާ އިދާރާތަކުގެ ތެރޭގައި މަޖިލީހާއި މަޖިލީހުގެ މެންބަރުންނެއް ނުހިމެނެ އެވެ. އެ އުސޫލުން އިސްތިސްނާ ކޮށްފައި ވަނީ ސަލާމަތީ ބާރުތަކާއި ސިއްހީ ހިދުމަތް ދޭ މުވައްޒަފުންނާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހުއްދަ ދޭ ފަރާތްތަކާއި އެ ސެންޓަރުން ފާސް ދޫކޮށްފައިވާ މީޑިއާތަކާއި ޒަރޫރީ ބޭނުންތަކަށް ފުލުހުން ހުއްދަ ދޭ ފަރާތްތަކަށެވެ. ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބާއްވަން މަޖިލިސް ރައީސް ނިންމެވި، ޖަލްސާއަށް ވަޑައިގަތުމުގެ ހުއްދަ ފުލުހުން ވަނީ މަޖިލިސް މެންބަރުންނަށް ދީފަ އެވެ. އެޗްޕީގެ ހުއްދައާވެސް އެކުގަ އެވެ.

މަޖިލީހުގެ ޖަލްސާތައް މާލަމުގައި ބާއްވަން ފަށާއިރު ޖަލްސާތައް ބާއްވާނީ ގައިދުރުމިން ހިމެނޭ ގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅައިގެން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ. އެގޮތުން ޖަލްސާކުރާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށާއި މެންބަރުން އިށީންދެ ވަޑައިގެން ތިއްބަވާނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކަށައަޅުއްވައި އަންގަވާފައިވާ ދުރުމިނުގައި ކަމަށާއި، އެއްވަގުތެއްގައި އެއްމޭޒެއްގައި 2 މެންބަރުން ނުތިއްބަވާ ގޮތަށް ކަމަށްވެސް ބުނެފައި ވެއެވެ.

ވޯޓު ލުމުގައިވެސް އަމަލު ކުރަމުންދާނީ އެގޮތަށް، ވަކި އިންތިޒާމެއްގެ ދަށުން މެންބަރުން ވެދެވަޑއިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު، މާލަމުން ނިކުމެ ވަޑައިގަތުމުން، ބާކީ ތިއްބެވި އެހެން މެންބަރުން މާލަމަށް ވެދެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކަމަށްވެސް މަޖިލިސް އިދާރާއިން ބުނެއެވެ. އަދި އިދާރީ ގޮތުން ބޭނުން ކުރާނީ ޖަލްސާއެއް ކުރިއަށް ގެންދަން ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން ކަމަށާއި، މެންބަރުންނާއި މުވައްޒަފުން ތިއްބަވާނީ މާސްކު އަޅުއްވައިގެން ކަމަށްވެސް ބުނެފައި ވެއެވެ.

މި ހުރިހާ ކަމެއް މިހެން ހުރި އިރު، މި ދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ސޯޝިއަލް މީޑިއާގައި ވެސް ވަނީ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. އެ ގޮތުން އިބޫ/އަންނި ފެކްޝަން ކަމަށް ބުނާ ދެ ފެކްޝަންގެ މެންބަރުންގެ މެދުގައި ޒުވާބު ގަދަވެ އެންމެ ފަހުން އެމްޑީޕީގެ މެންބަރުން ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވަން ފަށައިފަ އެވެ.

އެއް ބަޔަކު ބުނަނީ، އެމްޑީޕީ ވެރިކަމަށް އައީ ޖަޒީރާ މެނިފެސްޓޯއެއްގައި ކަމަށާއި އޭގައި ބުނަނީ އިންތިގާލީ ވެރިކަމެއްގެ ވާހަކަ ކަމަށެވެ. އެހެން ކަމުން ދައުރު މެދުން އިންތިހާބެއް އަންނަން ޖެހޭ ކަމަށެވެ. މި ގޮތަށް ވަކާލާތު ކުރައްވާ މެންބަރުން ގެންދަވަނީ، ޖަޒީރާ މެނިފެސްޓޯ ތައާރަފުކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާ ވީޑިއޯވެސް ސޯޝިއަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އިންތިގާލީ ނިޒާމެއްގެ ވާހަކަ އެ ވީޑިއޯގައި ރައީސް ނަޝީދު ދައްކަވަ އެވެ.

އެހެން ނަމަވެސް، ރައީސް ސޯލިހުގެ ފަޅީން ވާހަކަދައްކަވާ މެންބަރުން ވިދާޅުވަނީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނާ އެކުގައި ކަމަށާއި އިންތިގާލީ ވެރިކަމެއް ކުރައްވަން ނޫން ކަމަށެވެ. އަދި ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވީ ރިޔާސީ ނިޒާމެއްގައި ފަސް އަހަރު ދުވަހުގެ ދައުރެއްގެ ވެރިކަމެއް ކުރައްވަން ކަމަށާއި އެކަން އެމަނިކުފާނު އެގޮތުގައި ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

މި ހިލުންގަނޑުގެ ތެރޭގައި ސޯޝިއަލް މީޑިއާ ދޮންވެ ހޫނު ގަދަވެފައިވާ ވަގުތުގައި އިދިކޮޅުން ވެސް މި ވަނީ ރައީސް ނަޝީދަށް ތާއީދުކުރައްވައި ބަރުލަމާނީ ގެނައުމުގެ ހިޔާލު ހުށަހަޅައިފަ އެވެ. އެއީ ސިޔާސީ ވާހަކައެއް ކަމެއް ނުވަތަ ރައީސް ނަޝީދާއި އިދިކޮޅާ އެކު ކުރިޔަށްދާ މަޝްވަރާތަކުގެ ތެރޭން ނުކުތް ވާހަކައެއް ކަމެއް ނޭނގެ އެވެ. އިދިކޮޅުން ރައީސް ނަޝީދުގެ ބަރުލަމާނީއަށް ތާއީދުކޮށް، ދައުރު މެދުން އިންތިހާބެއް ގެންނަން ނުވަތަ ބަރުލަމާނީ އަކަށް ދާން ޖެހިއްޖެ ކަމަށް ބުނު އިރު، މީގެ ދެތިން ދުވަސް ކުރީން ރައީސް ނަޝީދު ވަނީ، އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީން އެކަނި ޖަލުގައި ބޭންދުމަކީ އިންސާފުވެރިގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

މި ހުރިހާ ކަމެއްގެ ތެރޭން، އެމްޑީޕީގެ ސުޕަ މެޖޯރިޓީ ތެރޭގައި އަލިފާން ރޯވެ އަނދަމުންދާ މި ހާލަތުގައި، އަމުދުން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މައްސަލައިގައި ވެސް ހިޔާލުތަފާތުވުންތައް ބޮޑުވެ ދިގު ދެމިގެންގޮސްފައިވާ އިރު، މަޖިލިސް ރައީސް ކުއްލިއަކަށް ޖަލްސާތައް ތަޅުމުގައި ބާއްވަވަން ނިންމެވުމުން ވެސް ބައެއް މެންބަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ. މި ހުރިހާ ދުވަހުވެސް މަޖިލީހުގެ ގާނޫނުތައް ފާސްކޮށް ކަންކަން ކުރަމުން ދިޔައީ އޮންލައިންކޮށް ޖަލްސާތައް ބާއްވައިގެންނެވެ. އޮންލައިންކޮށް ޖަލްސާތައް ބޭއްވުމުން ތަޅުން ހޫނުކުރުން ނުވަތަ ހޫނުވެ ޒުވާބަކަށް ދިއުމުގެ ފުރުސަތެއް ނުލިބެ އެވެ. ކޮންމެ މެންބަރަކުވެސް ވާހަކަފުޅުދައްކަވާއިރު މައިކު ގުޅިފައި ހުންނާނީ އެމެންބަރަކާ އެކަންޏެވެ.

ކޮންމެއަކަސް، މިއަދު މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ފަށާއިރު މިއީ ބޮޑު ހަމަނުޖެހުންގަނޑެއްގެ ފެށުން ކަމަށް ވުން ގާތް ކަމަށް ދިރާސާވެރީން އަންނަނީ ބުނަމުންނެވެ. އަދި ކަންކަން އެނބުރިގެންދާ ގޮތަކުން ހީވެސް ނުކުރާ ފަދަ ގޮތަކަށް ހާލަތު ބަދަލުވެދާނެ ކަމަށް އެފަދަ ފަރާތްތަކުން ދެކެ އެވެ. އެއީ ރައީސް ސޯލިހާއި އެއްކޮޅުގައި ތިއްބެވި މެންބަރުން ސާފު ވުމާއި ބަރުލަމާނީގެ ފިކުރު އޮތް މިންވަރު އެނގުމާއި ދައުރު މެދުން އިންތިހާބު ބޭއްވުމުގެ ރޫހު ހުރި މިންވަރާއި ރައީސް ނަޝީދުގެ އަސްލު ނިޔަތްވެސް އިތުރަށް ތިލަވަމުން ދިޔުމަކީ މިއަދުގެ ޖަލްސާގެ ތެރޭން ހިނގައިފާނެ ކަންކަމެވެ.

މި ހުރިހާ ސަބަބުތަކަށް ޓަކައި، މިއަދު ޖަލްސާއަކީ މަޖިލީހުގެ މެންބަރުން ބެހިގެން ގޮސް، ޑެޑްލޮކަކަށް އައުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ. ސަބަބަކީ ގާނޫނު އަސާސީ އިސްލާހު ކުރެވެނީ މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ކަމަށްވާ އިރު، މެންބަރުން ބެހިގެންދާ ގޮތަކުން އެކަމަށް ހުރަސް އެޅިގެން ދިއުމުގެ ފުރުސަތުވެސް އޮތުމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟