ބޮލީވުޑް

މަރާތީ ފިލްމް މުލްޝީ ޕެޓާންގެ ލީޑު ރޯލުން އަޔުޝް ޝަރްމާ

އަޔުޝް ޝަރްމާ ދެވަނަ ފިލްމެއް ކުޅުމަށް ސޮއި ކޮށްފި އެވެ.

ފިލްމް ލަވްޔާތްރީ އިން ބޮލީވުޑަށް ނުކުތް ތަރި އަޔުޝް ޝަރްމާ އަކީ ބޮލީވުޑް ސުޕާ ސްޓާ ސަލްމާން ޚާންގެ ޅިޔަނެވެ.

ހަބަރުތައް ބުނާ ގޮތުގައި އަޔުޝް ސޮއި ކޮށްފައިވަނީ މަރާތީ ފިލްމެއްގެ ކަމަށްވާ "މުލްޝީ ޕެޓާން" ގެ ރީމޭކެއްގައެވެ. މި ފިލްމަކީ މިއަހަރު ކުރީކޮޅު ރިލީސްކޮށްފައިވާ ފިލްމެކެވެ.

މުލްޝީ ޕެޓާން ފިލްމްގެ ރައިޓްސް ސަލްމާން ޚާން ފިލްމްސް އިން ގަނެފައިވާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. އަދި މި ފިލްމް ހިންދީކޮށް އަލުން ހަދަނީ އެ ޕްރޮޑަކްޝަނުން ކަމަށް ވެއެވެ. އަޔުޝްއަށް ފިލްމްގެ ލީޑް ރޯލުވެސް ދީފައިވާ ކަމަށް ވެއެވެ. ލަވްޔާތްރީ ފިލްމަކީވެސް ސަލްމާން ޚާންގެ އުފެއްދުމެކެވެ.

މުލްޝީ ޕެޓާން އަކީ ކްރައިމް ޑްރާމާގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމްގައި ފެނިގެން ދާނީ ޕޫނޭގެ މުލްޝީ ޓަލުކާގައި ހިނގާފައިވާ ހަގީގީ ހާދިސާއެއް ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.