ރައްޔިތުންގެ މަޖިލިސް

ރަސްމީ ޕްރައިމަރީގެ ކުރިން ދާންދޫ އެމްޑީޕީގެ މެންބަރުން އެއްގަލަކަށް އަރަން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޕާޓީގެ ޓިކެޓް ދިނުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ކުރިން ގއ. ދާންދޫ އެމްޑީޕީ ގޮފީގެ ފަރާތުން ކެންޑިޑޭޓުންގެ މެދުގައި ޕްރައިމަރީއެއް ބާއްވަން ނިންމައިފިއެވެ.

ދާންދޫ ކައުންސިލްގެ ރައީސް އަދި އިންތިޚާބާއި ކޮމެޓީގެ މުގައްރިރު އިސްމާއީލު މުހައްމަދު ''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޕާޓީގެ ޓިކެޓް ދިނުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ކުރިން ރަސްމީ ޕްރައިމަރީގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި މާދަމާ ދާންދޫގެ ތިން ކެނޑިޑޭޓުންގެ މެދުގައި ޕްރައިމަރީއެއް ބާއްވަން ނިންމާފައިވާކަމަށެވެ.

އިސްމާއީލް ވިދާޅުވީ މާދަމާ ބާއްވާ ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ދާނީ މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

ރަށު ފެންވަރުގައި ބާއްވާ ޕްރައިމަރީ ކާމިޔާބުކުރާ ފަރާތަކަކީ އެމްޑީޕީގެ ރަސްމީ ޕްރައިމަރީގައި ވާދަކުރާނެ ފަރާތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތައް ނިންމީ ތިން ކެންޑިޑޭޓުންގެ މެދުގައި މަޝްވަރާކޮށްގެން އެއްވެސް ފަރާތަކުން ދޫ ދިނުމަށް ބޭނުން ނުވުމުންނެވެ.

އިސްމާއީލް ވިދާޅުވީ މަޝްވަރާގައި ޕްރައިމަރީ ކާމިޔާބު ކުރާ ފަރާތް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ފެނޭތޯ މަޝްވަރާކުރުމުން ތިން ކެންޑިޑޭޓުން ވެސް އެގޮތައް ގަބޫލުކޮށްފައިވާކަމަށެވެ.

ދާންދޫއިން ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރާ ތިން ކެންޑިޑޭޓުންނަކީ އާމުލީގެ، ހުސައިން އާދަމް، ކަކާގެ ޔައުގޫބު އަބްދުﷲ، އަދި އަންޑާޕޫލްގެ ގައިސް އިސްމާއީލްއެވެ.

ދާންދޫގެ އިތުރުން ދާއިރާގައި ހިމެނޭ ނިލަންދޫއާއި މާމެންދޫއިން ވެސް ތިން މީހަކު ވާދަކުރާނެ ކަމަށް އިސްލާއީލް ވިދާޅުވިއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ދާއިރާއިން ޖުމްލަ ހަތަރު މީހަކު ވާދަކުރާއިރު ޕްރައިމަރީ ކާމިޔާބު ކުރާ ފަރާތަކާއެކު ދާއިރާގެ އެމްޑީޕީގެ މެންބަރުން ތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ ރަށު ފެންވަރުގައި ޕްރައިމަރީ ބާއްވަން ނިންމީ ރަށުގެ އެމްޑީޕީގެ މެންބަރުންގެ މެދުގައި މަސްލަހަތު ދަމަހައްޓަން ކަމަށާއި އަދި ދާއިރާގެ މެންބަރުގެ ގޮތުގައި މަޖިލީހުގެ ގޮނޑި ދާންދޫގެ ބޭފުޅަކު ތަމްސީލު ކުރުމަށް ދާންދޫގެ ރައްޔިތުން ވެސް އެދޭތީ ކަމަށެވެ.

އަދި މީގެއިތުރުން މާދަމާ ބާއްވާ ޕްރައިމަރީގެ ކަންކަން އެމްޑީޕީން ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.