އިބްރާހިމް ޒަކީ
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލިސް ގޭގައި، މާދަމާ ފަށަން ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ ޖަލްސާ ކުރާ މާލަމުގައި މާދަމާއިން ފެށިގެން މަޖިލިސް ޖަލްސާތައް ކުރިޔަށް ގެންދަން ނިންމާފައި މިވަނީ، ގިނަ ދުވަސްތަކެއް ވަންދެން މެންބަރުން ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ޖަލްސާތައް ކުރިއަަށް ގެންދިއުމަށްފަހުގައެވެ.
ކޮވިޑް 19 އާ ގުޅިގެން އިއުލާންކުރި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެޅި ފިޔަވަޅުތަކާ ގުޅިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓާލާފައި އޮތުމަށްފަހު، އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ފަށާފައިވަނީ މާޗު މަހުގެ 30 ވަނަ ދުވަހުއެވެ.
މަޖިލިސް ޖަލްސާތަކުގެ އިތުރުން ކޮމެޓީތަކުގެ ބައްދަލުވުންތަކާއި، ކޮމިޓީތަކަށް މުއައްސަސާތަކާއި މީހުން ހާޒިރުކުރުންވެސް ކުރިޔަށް ގެންދިޔައީ އޮންލައިންކޮށް ވެބް ކޮންފަރެންސް މެދުވެރިކޮށެވެ.
މާލަމުގައި މަޖިލިސް ޖަލްސާތައް މާދަމާ ކުރިއަށް ގެންދަންފަށާއިރު، ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އާއްމު ކޮށްފައެވެ. މަޖިލީހުގެ އިދާރާއިން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، ޖަލްސާކުރާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށެވެ.
މެންބަރުން އިށީންދެ ވަޑައިގެން ތިއްބަވާނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކަށައަޅުއްވައި އަންގަވާފައިވާ ދުރުމިނުގައި ކަމަށާއި، އެއްވަގުތެއްގައި އެއްމޭޒެއްގައި 2 މެންބަރުން ނުތިއްބަވާ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
ވޯޓު ލުމުގައިވެސް އަމަލު ކުރަމުންދާނީ އެގޮތަށް، ވަކި އިންތިޒާމެއްގެ ދަށުން މެންބަރުން ވެދެވަޑއިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު، މާލަމުން ނިކުމެ ވަޑައިގަތުމުން، ބާކީ ތިއްބެވި އެހެން މެންބަރުން މާލަމަށް ވެދެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކަމަށްވެސް މަޖިލިސް އިދާރާއިން ބުންޏެވެ.
އިދާރީ ގޮތުން ބޭނުން ކުރާނީ ޖަލްސާއެއް ކުރިއަށް ގެންދަން ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން ކަމަށާއި، މެންބަރުންނާއި މުވައްޒަފުން ތިއްބަވާނީ މާސްކު އަޅުއްވައިގެން ކަމަށްވެސް ބުނެފައި ވެއެވެ.
މި އިންތިޒާމުތައް ތަންފީޒު ކުރައްވަމުން ގެންދަވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވާ ގޮތުގެމަތިން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ކަމަށްވެސް މަޖިލިސް އިދާރާއިން ބުނެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، އަންނަ މަހުގެ ތިނަކަށް މުއްދަތު ހަމަވާ ކައުންސެލަރުންގެ މުއްދަތު، ދެން ބޭއްވޭ ކައުންސިލް އިންތިހާބާ ހަމަޔަށް ދަންމާލުމަށް، ގާނޫނުއަަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.