ވިޔަފާރި

އުލިގަމުގައި ބަނދަރުކުރާ ޔޮޓް ފަހަރުން ކަސްޓަމްސްއިން ނަގާ ފީ ކުޑަކޮށް، ބޮޑެތި ލުއިފަސޭހަތަކެއް

އަލީ ޔާމިން

ހއ. އުލިގަމުގައި ބަނދަރުކުރާ ޔޮޓް ފަހަރުން ކަސްޓަމްސްއިން ނަގާ ފީތަކާއި އަމަލު ކުރާ އުސޫލު ލުއިފަސޭހަކުރުމަށް ބަދަލުތަކެއް ގެނެސްފިއެވެ.

ގެނެވުނު ބަދަލުތައް ހިމަނައި "ކަސްޓަސްގެ އާންމު ގަވައިދު 2011" އަށް ވަނީ އިސްލާހުތަކެއް ގެނެސް މިމަހުގެ 23 ވަނަ ދުވަހު ގެޒެޓްކޮށްފައެވެ.

އުލިގަމުގައި ބަނދަރުކުރާ އުޅަނދުފަހަރު 2010 ވަނަ އަހަރުން ފެށިގެން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ސަބަބަކަށް ވެފައިވަނީ އެ އުޅަނދުފަހަރުން ނަގަމުން ގެންދިޔަ ފީތައް ކުއްލި ގޮތަކަށް ބޮޑުވުމުންނެވެ. އެކަމުގެ ސަބަބުން އުލިގަމުގައި އާލާވަމުންދިޔަ ޔޮޓް ޓޫރިޒަމަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.

އެހެނަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު އުލިގަމަށް ވަޑައިގެން ވަނީ އެރަށުގެ ބަނދަރުކުރާ އުޅަނދުފަހަރުން ނަގާ ބޮޑެތި ފީތައް މުރާޖާކޮށް، އުލިގަމުގެ ޔޮޓް ޓޫރިޒަމަށް އަލުން ދިރުން ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ރައީސްގެ އެ ވައުދު ފުއްދުމަށްޓަކައި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިސްނަގައިގެން މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އުލިގަމުގެ ޔޮޓް ފަހަރާ ގުޅުންހުރި ހުރިހާ ދާއިރާއެއްގެ ބޭފުޅުންނާއެކު އެއް ދުވަހުގެ މަހާސިންތާއެއް ބޭއްވިއެވެ. މި މަހާސިންތާގައި ވަނީ އުލިގަމުގެ ބަނދަރުގައި ބަނދަރުކުރާ އުޅަނދުފަހަރުން ނަގާ ބޮޑެތި ފީތައް ކުޑަކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައެވެ.

މިހާރު އިސްލާހު ކުރެވުނު ގަވައިދުގައި އުލިގަމުގައި ބަނދަރުކުރާ ޔޮޓް ފަހަރާ ގުޅުންހުރި މުހިންމު އިސްލާހީ ބަދަލުތައް:

އެޖެންޓަކު ނެތި އަންނަ އުޅަނދުފަހަރު

ރާއްޖެ އަންނަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އިންވާޑް ކްލިއަރެންސް ދޭ ވަގުތުން ފެށިގެން އެޖެންޓަކު ހަމަޖެއްސުމަށް 72 ގަޑިއިރުގެ މުހުލަތެއް ދެވޭނެއެވެ. އަދި އެ މުހުލަތުގެ ތެރޭގައި އެޖެންޓަކު ހަމަޖަނުޖައްސައިފިނަމަ އެ ގަވައިދުގެ 19 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރު ޖޫރިމަނާކުރެވޭނެއެވެ. އަދި އެ އުޅަނދަށް ބޭރަށް ފުރައިގެން ދެވޭނީ މިގޮތުން ކުރެވޭ ޖޫރިމަނާގެ ފައިސާ ކަސްޓަމްސްއަށް ދައްކައި ނިންމުމުންނެވެ.

ރާއްޖެ އަންނަ 15 މީޓަރަށްވުރެ ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އެޖެންޓަކު ނެތި ކަސްޓަމްސްއިން ހުއްދަ ދޭ ބަނދަރުތަކުގައި ޕްރޮވިރަންގެ ބޭނުމަށް (ކާބޯތަކެއްޗާއި، ތެލާއި ބޯފެން ފަދަ ތަކެތި އެރުވުމަށް) ބަނދަރު ކުރެވިދާނެއެވެ.

ކަނޑުމަގުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ މައުލޫމާތު ހުށަހެޅުން

ރާއްޖެ އަންނަ 15 މީޓަރަށްވުރެ ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރު ރާއްޖެ އައުމުގެ 12 ގަޑިއިރު ކުރިން އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް ހުށަނޭޅޭ ހާލަތުގައި، އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް ހުށަނޭޅުނު ސަބަބު ބަޔާންކޮށް ހުށަހަޅާ ލިޔުމާއެކު ކްރިއަރެންސް ހޯދުމަށް އެދި ހުށަހަޅަން ވާނެއެވެ.

ރާއްޖެ އަންނަ 15 މީޓަރަށްވުރެ ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އިންވާޑް އަދި އައުޑްވާޑް ކްލިއަރެންސް ފީ ދިނުމުގެ ގޮތުގައި ކުރިން 1،000ރ. ނަގަމުން އައި ނަމަވެސް ގަވައިދަށް ގެނެވުނު އިސްލާހާއެކު މިހާރު ނަގާނީ 250ރ. އެވެ.

މި ގަވައިދުގައި މައިގަނޑު ގޮތެއްގައި އިސްލާހު ގެނެވިފައިވަނީ، ކަނޑައެޅޭ ވަކި ސައިޒެއްގެ އުޅަނދުފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ފީ ކުޑަކުރުމާއި، ޕްރޮވިރަންގެ ބޭނުމަށް އަންނަ އުޅަނދުފަހަރަށް އެޖެންޓަކު ނެތި ހަފްތާއެއް ވަންދެން ބަނދަރުގައި އޮވެވުމާއި، އެޖެންޓަކު އައްޔަނު ކުރުމަށް އެފަދަ އުޅަނދުތަކަށް އެކަށީގެންވާ ވަގުތު ދިނުމާއި، މިފަދަ އުޅަނދު ފަހަރުން ކަސްޓަމްސްއިން ނަގަމުން އަންނަ ފީ 75 އިންސައްތަ ކުޑަކުރުމެވެ.

މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ތަރައްގީކޮށް، އަދި އެ ސިނާއަތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.