ރިޕޯޓް

300 މީހުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ 50 ދުވަހުން ނިންމައި ފަރުވާޔަށް ފައްކާވެފައި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 ރާއްޖެއިން ފެނުމާ އެކު އެންމެ ބާރަށް ދެކެވުނު ވާހަކައަކީ އެއްފަހަރާ ގިނަ މީހުންނަށް މިބަލި ޖެހި އެޑްމިޓް ކުރަން ޖެހިއްޖެ ނަމަ ފަރުވާ ނުދެވިދާނެ ވާހަކައެވެ. ދުނިޔޭގެ ގައުމުތަކުގައި އެތައް ބަޔަކަށް ބަލި ޖެހި ހޮސްޕިޓާތައް ފުރުމުގެ ސަބަބުން ފަރުވާ ނުދެވި ގިނަ ބަޔަކުވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ.

ފަރުވާ ނުދެވިގެން ނުވަޔަ އަޅައި ނުލެވިގެން، ބައެއްގެ ފުރާނަ ދިޔަ ނުދިނުމަށްޓަކައި ސަރުކާރުން މަސައްކަތް ފެށިއެވެ. އެގޮތުން ކޮވިޑް 19 އަށް ޕޮޒިޓިވް ވާ މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ހުޅުމާލޭގައި ގާއިމުކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީ ނިންމައި އެތަން ބޭނުންކުރަން މިހާރު މިވަނީ ތައްޔާރުވެފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، އެފެސިލިޓީއަކީ ފަސް އިމާރާތުގެ މައްޗަށް އެކުލެވިގެންވާ، އެއްފަހަރާ 300 މީހުންނަށް ފަރުވާދެވޭނެ ފެސިލިޓީއެކެވެ. މިތަނުގައި ހިމެނޭ ފަސް އިމާރާތުގެ ތެރެރިން ހަތަރުބުރިޔަށް ހަދާފައިވާ އިމާރާތުގައި ހިމެނެނީ 228 އެނދުގެ މެޑިކަލް ވޯޑް ތަކެކެވެ. ދެވަނަ އިމާރާތަކީ 72 މީހުންނަށް ވަކި ވަކިން ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ވޯޑްތަކެކެވެ. މިހުރިހާ ވޯޑްތައްވެސް ތައްޔާރުކޮށްފައިވަނީ ވެންޓިލޭޓަރުގައި ވެސް ބަލި މީހުންނަށް ފަރުވާ ދެވޭ ގޮތަށެވެ.

ސަރުކާރުން އާންމުކޮށްފައިވާ ގޮތުގައި، މިފެސިލިޓީގައި ހިމެނޭ ތިންވަނަ އިމާރާތަކީ އެފެސިލިޓީގައި މަސައްކަތްކުރާ ސިއްހީ އެހީތެރިން ތިބުމަށް ހާއްސަކޮށްގެން ހަދާފައިވާ 19 ކޮޓަރީގެ އެކަމަޑޭޝަން ބްލޮކެކެވެ. ހަތަރުވަނަ އިމާރާތުގައި ހުންނަނީ އިދާރީ މަސައްކަތް ކުރާނެ އޮފީހަކާއި ލޯންޑްރީ އެވެ. ފަސްވަނަ އިމާރާތަކީ ހިނަވާގެޔަކާއި ބޭނުންކޮށްފައި ހުންނަ ސިއްހީ އާލާތްތައް ނައްތައިލުމަށް ބޭނުންކުރާނެ އޮޓޯކްލެވާއެކެވެ.

މިފެސިލިޓީއަކީ ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު 50 ދުވަސް ތެރޭގައި ރާއްޖޭގައި ކޮވިޑް ބައްޔަށް ފަރުވާދިނުމަށް ސަރުކާރުން ތައްޔާރުކުރި އެންމެ ބޮޑު ފެސިލިޓީއެވެ. ކުރިން މުޅިން އެހެން ބޭނުމަކަށް ތައްޔާރު ކުރުމަށް ކޮންކްރީޓް މަސައްކަތް އެކަނި ނިންމާފައިވާ މި އިމާރާތުގައި މިފަދަ މުހިންމު ފެސިލިޓީއެއް ތައްޔާރު ކުރުމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެނޑީއެފް)ގެ އިތުރުން މިނިސްޓްރީ އޮފް ޕްލޭނިންގް އާއި އެމިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސްގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ބުރަ މަސައްކަތް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ވެސް އަމިއްލަ ގިނަ ފަރާތްތަކަކުން ވަނީ މި މަސައްކަތުގައި އެކި ގޮތް ގޮތުން އެހީތެރި ވެފައިކަމަށް ސަރުކާރުން ބުނެއެވެ.

ހުޅުމާލޭގައި މި ގާއިމުކުރި ފެސިލިޓީއާ އެކު މިހާރު ކޮވިޑް19 އަށް ފަރުވާ ދިނުމުގައި ދަރުމަވަންތަ ހޮސްޕިޓަލާއި ޓްރީޓޮޕް އަދި މި ގާއިމު ކުރި 300 މީހުންގެ ޖާގައިގެ ފެސިލިޓީން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.