އިންޑިއާ

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 135،000 އިން މައްޗަށް، ޑޮމެސްޓިކް ފްލައިޓުތައް ފަށައިފި

މިންހާ ފާއިޒް ރަޝާދު

ދެމަސްދުވަސް ވަންދެން ހުއްޓާލާފައި ބޭއްވުމަށްފަހު އިންޑިއާގެ ޑޮމެސްޓިކް ފްލައިޓުތައް މިއަދު ފަށައިފި އެވެ.

ރޭ ފަތިހު 4.45ގައި ފުރަތަމަ ފްލައިޓްފުރީ ދިއްލީން ޕޫނޭއަށެވެ. މި ފްލައިޓުތައް އޮޕަރޭޓް ކުރަން ހަމަޖައްސާފައިވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ސިވިލް އޭވިއޭޝަނުން ބުނެއެވެ.

އިންޑިއާގެ އެތެރޭގެ އުދުހުންތައް ރަސްމީކޮށް ހުޅުވާލި ނަމަވެސް ގިނަ ސްޓޭޓްތަކަކުން އެއާޕޯޓު ހުޅުވަން އަދިވެސް ތިބީ ޖެހިލުންވެފައެވެ. އޭގެ ތެރޭގައި މަހާރާޝްތުރާ، ވެސްޓް ބެންގާލް އަދި ޓެމިލްނާޑޫ ހިމެނެއެވެ. މިއީ އެހެންޏާ އެންމެ ބާރުބޮޑު އެއާޕޯޓުތަކެވެ.

ސަރުކާރުން އެތެރޭގެ އުދުހުންތައް ފައްޓަން އެންގި އިރު ވަނީ، އަގުތައް ކޮންޓްރޯލުކޮށް، ފޭސްމާސްކު އެޅުން މަޖުބޫރުކޮށް، ފްލައިޓުގައި ކާތަކެތި ނުދޭން ވަނީ އަންގައިފައެވެ. ހަމަ މިއާއެކު ސެލްފް ޑެކްލަރޭޝަން ފޯމެއް ފުރުމާއި މެޑިކަލް ކޮންޑިޝަންވެސް ވަކި އެޕަކުން ބަލަން ޖެހޭ ގޮތަށް އެ ނިންމުމުގައި ވެއެވެ. ފްލައިޓުތަކަށް ދަތުރު ކުރެވެނީވެސް އޭގެ ކެޕޭސިޓީގެ ތިން ބައިކޮށްފަ އެއްބައި މީހުން ގޮވައިގެންނެވެ.

ފްލައިޓުތަކުގައި ދަތުރުކުރާ ދަތުރުވެރިން އެކި ސްޓޭޓުތަކުން ކަރަންޓީނުކުރަން ނިންމާފައިވަނީ އެކި ގޮތަށެވެ. ބައެއް ސްޓޭޓްތަކުގައި ކަރަންޓީނު ކުރަން ހާއްސަ ފެސިލިޓީތަކެއް ތައްޔާރުކޮށްފައިވާއިރު ބައެއް ހިސާބުގައި ކަރަންޓީނު ކުރަނީ އެމީހެއްގެ އަމިއްލަ ގޭގައެވެ.

އެތެރޭގެ އުދުހުންތައް ހުޅުވާލުމާއެކު 1050އަށް ވުރެ ގިނަ ފްލައިޓުތައް ފުރުނު ނަމަވެސް ހޮނިހިރު ދުވަހު ސަރުކާރުން އެޕް މެދުވެރިކޮށް މެޑިކަލް ހަދަން ޖެހޭ ގޮތަށް ނިންމި ނިންމުމާއެކު ގިނަ ފްލައިޓުތަކެއް ކެންސަލްކުރަން ޖެހުނެވެ. ސިވިލް އޭވިއޭޝަނުން ހާމަކުރިގޮތުގައި 82 ފްލައިޓެއް ވަނީ މިއަދު ދިއްލީ އެއާޕޯޓުގައި ކެންސަލްވެސް ވެފައެވެ.

އިންޑިއާ ސަރުކާރުން ނެރެފައިވާ "އާރޯގްޔާ ސެޓު" އެޕް އިންޑިއާގެ ހުރިހާ ރައްޔިތުން އެޅުމަށް ސަރުކާރުން ވަނީ ބާރު އަޅައިފައެވެ. ހާއްސަކޮށް ރެއިލްވޭ ސްޓޭޝަންތަކާއި ބަސް ޓާމިނަލްތައް އަދި އެއާޕޯޓުތަކުގައި އެ އެޕް މެދުވެރިކޮށް ދަތުރުވެރިންގެ ސިއްހީ ހާލަތު ދެނެގަންނަގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު އިންޑިއާގައި 1.3 ބިލިއަން މީހުނާއެކު މިވަގުތު އިއުލާނުކޮށްފައިވަނީ ލޮކްޑައުން 0.4 އެވެ. އެގައުމުގައި 138،917 މީހުން ރެޔާއި ހަމައަށް ޕޮޒިޓިވް ވެފައިވާއިރު 4000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.