ޝަހީދާ އަބްދުﷲ ސައީދު
ދެ ގައުމެއްގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅަކަށް ރުހުން ނުދޭން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ގައުމީ ސަލާމަތު ކޮމެޓީގެ ބައްދަލުވުމުގައި ރުހުން ނުދޭން ފާސްކޮށްފައި ވަނީ ސައުދީ އަރަބިއާގައި ހުންނަ ދިވެހި ސަފީރުކަމަށް ރައީސް ސޯލިހު ފޮނުއްވީ ގ. އުތުރުއާގެ މުހައްމަދު ހަލީލުގެ ނަންފުޅަށާއި ތައިލެންޑުގައި ހުންނަވާ ސަފީރު ކަމަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި މއ. ތިބްރޯޒް، މުހައްމަދު ޖިނާހު އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ގައުމީ ސަލާމަތު ކޮމެޓީން ދެ ސަފީރަކަށް ރުހުންދޭން ނުފެންނަ ކަމަށް ފާސްކުރިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ.
އަދި އެނގިވަޑައިގެންފައިވާ ގޮތުގައި އެގޮތަށް ފާސްކުރީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ހުރިހާ ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންގެ ވޯޓާއެކުގައި ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
އެ ދެ ބޭފުޅުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އެވެ. އެ ހުށަހެޅުއްވުމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ ތާއީދުކުރައްވާފައެވެ.
އެ ހުށަހެޅުން ފާސްވީ އެމްޑީޕީ ޖޭޕީ އަދި ޕީޕީއެމްގެ ބައެއް މެމްބަރުންގެވެސް ވޯޓާ އެކުއެވެ. ނަމަވެސް ޖިނާހުއަށް ރުހުން ދޭން ފެންނަ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ.
ރާއްޖެއިން ޗައިނާއަށް ކަނޑައަޅާ ސަފީރަކަށް މ. ބީނާފުށި އައިޝަތު އަޒީމާ އައްޔަންކުރުމަށް ފެންނަކަމަށް މިއަދު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ދެ ބޭފުޅުންނަށް ރުހުން ނުދޭން ކޮމިޓީން ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެއެވެ.