ކުރީގެ ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޒާއި ފުލުހުންގެ ސްޕެޝިއަލް އޮޕަރޭޝަންސް (އެސްއޯ)ގެ ކުރީގެ ހެޑް އަބްދުﷲ އިބްރާހީމް ދީދީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ނިންމައި އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުމް ކޮށްފި އެވެ.
ރިޔާޒާއި ފައިރޫޒް އަދި އެސްއޯ ޑީޑީއަކީ ވެސް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މައްސަލަ ނިންމައި، ވަޒީފާއިން ވަކިކުރި ތިން ފުލުހުންނެވެ.
އޭގެ ތެރެއިން ރިޔާޒް ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބަލާފައިވަނީ އޭނާގެ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ފުލުހުންގެ ވަޒީފާއިން ފައިރޫޒް ވަކިކުރީ އޭނާ ކުރެއްވި ޓުވީޓުތަކަކާ ގުޅިގެންނެވެ. ފައިރޫޒްގެ އެ ޓުވީޓުތަކުގައި އޭނާ ވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ.
އެސްއޯ ޑީޑީ ވަޒީފާއިން ވަކިކޮށްފައިވަނީ ސުޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ އެކެއްގައި ނެރުނު އަމުރަށް ފަހުއެވެ. ނަމަވެސް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބެލީ އޭނާގެ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ.