ޓެކްނޮލޮޖީ

އިންޓަނެޓް ސްޕީޑްޓެސްޓް ގްލޯބަލް އިންޑެކްސް : ރާއްޖެ ހިމެނުނީ މޮބައިލް ރޭންކުގެ 66 ވަނައިގައި

މުހައްމަދު އައުޒަމް

ސްޕީޑްޓެސްޓް ގްލޯބަލް އިންޑެކްސްގައި ރޭންކުގެ 66 ވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ.

ސްޕީޑްޓެސްޓް ގްލޯބަލް އިންޑެކްސްގެ އޭޕްރީލް މަހުގެ ރޭންކިންގެ މޯބައިލް އިންޓަނެޓް ސްޕީޑް ކެޓަގަރީގައި ރާއްޖެ 66 ވަނައަށް ރޭންކު ވެފައިވާއިރު ބްރޯޑްބޭންޑް އިންޓަނެޓް ރޭންކިންގައި ރާއްޖެ ހިމެނިފައިވަނީ 126 ވަނައިގައެވެ.

ސްޕީޑްޓެސްޓް ގްލޯބަލް އިންޑެކްސް އަކީ ދުނިޔޭގެ އެކިގައުމުތަކުން މީހުން އިންޓަނެޓް ސްޕީޑް ޓެސްޓު ކުރުމުގައި އަންނަ ރިކޯޑުތައް ބޭނުންކޮށްގެން މަހަކު އެއްފަހަރު ހާމަކުރާ ޑޭޓާތަކެކެވެ.

ރޭންކިންގައި ރާއްޖޭގެ މޯބައިލް އިންޓަނެޓް 66 ވަނައިގައި ރޭންކު ކޮށްފައިވާއިރު މިއީ ހަތް ދަރަޖައިގެ ދަށްވުމެކެވެ. ބްރޯޑްބޭންޑް އިންޓަނެޓް ރޭންކިންގައި ދެ ގުނަ ދަށަށް ޖެހި ރާއްޖެ ހިމެނިފައިވަނީ 126 ވަނައިގައެވެ.

އެވްރެޖްކޮށް ރާއްޖޭގެ މޯބައިލް އިންޓަނެޓްގެ ސްޕީޑް ހުންނަނީ 27.08 އެމްބީޕީއެސް ގައިކަމަށް ސްޕީޑްޓެސްޓް ގްލޯބަލް އިންޑެކްސްގައި ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގެ ބްރޯޑްބޭންޑް އިންޓަނެޓް އެވްރެޖްކޮށް ހުރީ 15.95 އެމްބީޕީއެސް ގައެވެ.

އަވަށްޓެރި ގައުމުތަކަށް ބަލާއިރު އިންޑިއާގެ އިންޓަނެޓް ސްޕީޑުގެ ތެރެއިން މޯބައިލް އިންޓަނެޓް ހިމެނިފައިވަނީ 132 ވަނައިގައެވެ. އަދި ބްރޯޑްބޭންޑް އިންޓަނެޓް ވަނީ 71 ވަނައިގައެވެ.

ސްރީލަންކާގެ މޯބައިލް އިންޓަނެޓް ހިމެނިފައިވަނީ ރޭންކިންގެ 115 ގައެވެ. އަދި ބްރޯޑްބޭންޑް އިންޓަނެޓް ވަނީ ރޭންކުގެ 102 ވަނައިގައެވެ.

ދުނިޔޭގެ އެކި ގައުމުތަކުން މިލިއަނަކަށްވުރެ ގިނަ ޑޭޓާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސްޕީޑްޓެސްޓް ގްލޯބަލް އިންޑެކްސްގެ އެއްވަނައިގައި މިދިޔަ މަހު ރޭންކު ކޮށްފައި ވަނީ މޯބައިލް އިންޓަނެޓް ކެޓަގަރީގައި ސައުތު ކޮރެއާއެވެ. އަދި ބްރޯޑްބޭންޑް އިންޓަނެޓް ކެޓަގަރީގެ އެއްވަނައިގައި ސިންގަޕޫރެވެ.