ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ދާދި ދެންމެ ބާތިލުކޮށްފި އެވެ.
އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރި ޚިޔާނާތުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވީ އޭނާގެ ހިއްސާ އޮތް ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުން ލައްވައި، އެކި ކުންފުނިތަކުގެ ނަމުގައި އެސްޓިމޭޓްތަކެއް ހުށަހަޅައިގެން ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.
އޭނާގެ މައްޗަށް ސުޕްރީމް ކޯޓުން 25 އަހަރުގެ ޖަލު ހުކުމެއް ކުރީ މީގެ ތިން އަހަރު ކުރިން، 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ.
ނާޒިމް ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ. އެއަށްފަހު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަަހު ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ މަހުގެ 17 ގައެވެ.
އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރި ޚިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް އިއްވާފައިވާ 25 އަހަރުގެ ޖަލުހުކުމުގެ މައްސަލަ އަލުން ރިވިއު ކުރުމަށް ނާޒިމްގެ ފަރާތުން ހުށަހަޅައިފައި ވަނީ މިދިޔަ ނޮވެންބަރު މަހުގެ 25ގައެވެ.
ނާޒިމްގެ ފަރާތްޕުޅުން އެ މައްސަލަ ރިވިއުކޮށްދޭން އެދިވަޑައިގަތުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އޭނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށްފަ އެވެ. އަދި ހުކުމާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުގެ އިދާރާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ހުކުމް އިއްވުމުން ސުޕްރީމް ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަހުމަދު ނާޒިމް ވިދާޅުވީ މުޅި ހުކުމްގައި އޮތީ އެންމެ ޕޮއިންޓެއް ކަމަށެވެ.
"އެއީ އެއްވެސް ކުށެއް ނެތް މައްސަލެއް ކަމާއި އެ މައްސަލަ ނިމިފަ އޮވެފައި ހައި ކޯޓުގެ ހުކުމް ނިހާއީ ހުކުމަކަށް ބަދަލުވެފައި އޮއްވައި އޭގެ އެތައް ދުވަހެއް ފަހުން ސުޕްރީމް ކޯޓަށް ފޮނުވައިގެން ކުރި ހުކުމަކަށް ވުމުން އެ ސަބަބަށްޓަކައި އަޅުގަނޑަށް ކުރި ހުކުމް ބާތިލު ކުރެއްވީ،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އޭނާއަށް އިއްވާފައި ވަނީ އެންމެ ދިގު ޖަލު ހުކުމް ކަމަށާއި އެ ހުކުމަކީ ސިޔާސީ މަގްސަދެއްގައި އިއްވި ހުކުމެއް ކަމަށެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރަން ހުށަހެޅީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެފައި ވަނިކޮށް ކަމަށެވެ.
އެ ސަބަބާ ހުރެ ހުކުމް ބާތިލުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު، އެމައްސަލަ އިސްތިއުނާފު ކުރީ މުއްދަތު ހަމަވި ފަހުން ކަމަށް ދައުލަތުން ވަނީ މީގެކުރީން އެއްބަސްވެފައެވެ.