މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ ޝަކުވާތައް ބަލައިގަތު ދަރުބާރުގެ އަދި ބާ ޖަމާލުއްދީންގައި ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، އެ ކޮމިޝަނުގެ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާ ޝަކުވާތައް ބަލައިގަތުން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 3:00އާ ހަމައަށް ކަމަށެވެ.
ކޮމްޕެލެއިންޓް ބިއުރޯއަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުން ކުރިއަށްދާނީ ދަރުބާރުގޭ ހަކުރާ މާލަމުންނާއި ބާ ޖަމާލުއްދީންގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒުގައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ގިނަ ޝަކުވާތަކުގެ ވާހަކަތަކެއް އަޑުއިވެމުންދާތީ ކަމަށް ވިދާޅުވެ، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލެމަންޓަރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ހުރިހާ މެންބަރުން، އެ ޝަކުވާތައް ޕާޓީ އޮފީހަށް ހުށަހެޅުމަށް އެދިފައެވެ. ގެޒެޓުކުރި ވޯޓާސް ލިސްޓުގައި ނަން އޮވެފައި، ވޯޓު ލާން ދިޔައިރު އެހެން ތަނަކަށް ބަދަލުކޮށްފައި ހުރި ގިނަ ބައެއްގެ ޝަކުވާތައް ލިބިމުންދާކަން ނިހާން ވަނީ ފާހަގަކޮށްފައެވެ.