ޕޮލިސް

61 ކިލޯގެ މަސްތުވާތަކެތި އެތެކުރި މައްސަލައިގަ ހައްޔަރުކުރި 11 މީހުންނަށް ދައުވާކުރަން ފޮނުވައިފި

އިބްރާހިމް ޒަކީ

ރާއްޖެ އެތެރެކުރި 61 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 11 މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، "މ.ބޮއިލިންފިޝް، އަހްމަދު ވިސާމް އިސްވެ ހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން 26 މާރޗް 2020 ދުވަހު "އިރުއަލިމަސް" ކިޔާ ދޯންޏެއްގައި ދިވެހިރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުވާ މައްސަލާގައި 11 މީހަކަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން،" ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިރުއަލިމަސް ދޯނީގެ އިތުރުން މާލެ އާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައި ފާސްކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުން:

  • އަހުމަދު ވިސާމް، ކ. މާލެ/ މ. ބޮއިލިންފިޝް
  • މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ/ ގުލްދަސްތާގެ
  • މުހައްމަދު މާއިޝް، ކ. މާލެ/ މ. މާކޮޅު
  • މުހައްމަދު ޝާމިން، ކ. މާލެ/ މއ. ވިރާހު
  • އަހުމަދު ސިފާޒް، މާލެ/ހުޅުމާލެ ފްލެޓް ނަންބަރު 06-ޖީ-4
  • އަބްދުﷲ ޝާމް. ކ. މާލެ/ މއ. ބޯޅަކިންކިރިމާގެ
  • ހުސެއިން ސުނާޒު، މ. މުލި/ ސޯސަންވިލާ
  • ސައުދުﷲ ރަޝީދު، ކ. މާލެ/ މ. ކެޕްރިކޯން
  • މުހައްމަދު ނަޝީދު، މ. މުލި/ ހުދުފިނިފެންމާގެ
  • މުހައްމަދު މާއިދު، މ. ކޮޅުފުށި/ އޯޝަންވިއު
  • މުހައްމަދު ރިޝްވާން އިބްރާހިމް، މ. މުލި/ މުޝްތަރީގެ

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި އެންމެންނަކީވެސް ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ.

އެގޮތުން އަހުމަދު ވިޝާމަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ރެކޯޑް އޮންނަ މީހެވެ. އަދި މުހައްމަދު ހަމީދަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި ޓްރެފިކްކުރުމުގެ އިތުރުން ވައްކަމުގެ ރެކޯޑް އޮންނަ މީހެކެވެ. މައްސަލައިގައި ހައްޔަރުކުރި މުހައްމަދު މާއިޝްއަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި ޓްރެފިކްކުރުމާއި ފޭރުމާއި ވައްކަމުގެ ރެކޯޑް އޮންނަ މީހެވެ. މުހައްމަދު ޝާމިންއަކީ މަސައްކަތަށް ހުރަސް އެޅުމާއި، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ފޭރުމުގެ ރެކޯޑް އޮންނަ މީހެވެ.

މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަހުމަދު ޝިފާޒަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި، ފޭރުމާއި ހެކި ނައްތާލުމުގެ ރެކޯޑް އޮންނަ މީހެވެ. އަބްދުﷲ ޝާމަކީ ވައްކަމާއި މަސްތުވާތަކެތި ގެންގުޅުމާއި މާރާމާރީގެ ރެކޯޑް އޮންނަ މީހެކެވެ. ހުސެއިން ސުނާޒަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި ވައްކަމުގެ ރެކޯޑް އޮންނަ މީހެވެ. ސައުދުﷲ ރަސީދަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި ފޭރުމުގެ ރެކޯޑް އޮންނަ މީހެވެ.

މުހައްމަދު ނަޝީދަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި، ބިރުދެއްކުމާއި، ބަނގުރާ ބޭނުންކޮށް ގެންގުޅުމާއި ވައްކަމުގެ ރެކޯޑް އޮންނަ މީހެކެވެ. މުހައްމަދު މާއިދަކީ ވައްކަމާއި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި ތޫނުހަތިޔާރު ބޭނުންކޮށްގެން ފޭރެން އުޅުމުގެ ރެކޯޑް އޮންނަ މީހެވެ. އަދި ރިޝްވާން އިބްރާހިމަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ރެކޯޑް އޮންނަ މީހެކެވެ.