މުސްލިމުންނާއި ބައްދަލުކުރަނީ ދެ އީދެވެ. އެއީ ރަމަޟާން މަސް ނިމުމުން ބައްދަލު ކުރާ ފިތުރު އީދާއި، ހައްޖުގެ މަތިވެރި އަޅުކަން ނިމުމުން ފާހަގަކުރާ އަލްހާ އީދެވެ. މި ދެއީދުވެސް ދިވެހިން ފާހަގަކުރަމުން އައީ ވަރަށް ކުލަގަދަކޮށް، އެހާމެ ފޯރީގައެވެ. އެކުވެރިކަމާއި، އެއްބައިވަންތަކާއި، އަހުވަންތަކަމުގެ ރޫހު އީދު ދުވަސްތަކުގައި ދިވެހިންގެ ފަރާތުން އިހުނަށްވުރެ ބޮޑަށް ފެންނަމުންދެއެވެ. މިއަދަކީ މިއަހަރުގެ ފިތުރު އީދު ދުވަހެވެ. ރަމަޟާން މަހު ރޯދަ ހިފުމަށްފަހު މުސްލިމުން އެކަމުގެ އުފާ ފާޅުކުރަން އޮންނަ ދުވަހެވެ. ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ އީދު އަޅުގަނޑުމެންނާ ބައްދަލުކުރީ، ނުރައްކާތެރި ކޮވިޑުގެ ވަބާއިން މުޅި ގައުމާއި ދުނިޔެ ކިލަނބުކޮށް ގެތަކުގައި އަމިއްލައަށް ބަންދުވެގެން ގިނަ ބަޔަކު ތިބެން މަޖުބޫރުވެފައިވާ ދުވަސްވަރަކާއެވެ.
ކޮވިޑު ފެތުރޭތީ މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ނުކުރެއެވެ. އީދުގެ އެއްވެސް ފޯރިއެއް ފުރަ މާލެއަކު ނެތެވެ. ހަމަހިމޭންކަމާއި މޮޅިވެރިކަމުގެ ސާލެއް މިވަނީ މުޅި މާލެއަށް ފަތުރާލެވިފައެވެ. މާލޭގެ އިތުރުން ކޮވިޑުގެ ސަބަބުން ފުރަބަންދު އަދި މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ނުކުރެއެވެ. ނަމަވެސް ޖުމުލަގޮތެއްގައި ރާއްޖޭގެ ގިނަ ރަށްރަށުގައި މިއަދު ވަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައެވެ.
ގިނަ ރަށްރަށުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވުނު ނަމަވެސް، އެހެން އަހަރުތަކުގެ އީދުތަކާއި ހިލާފަށް އެތަކެއް ކަމެއް ކުރުމުން މަހްރޫމް ވިއެވެ. މިސްކިތަށް ދާން ޖެހުނީ ގެއިން މުސައްލަ ހިފައިގެން މާސްކްވެސް އަަޅައިގެންނެވެ. އަތާއަތް ޖޯޑުކޮށް ސަލާމް ކުރުން ވަނީ ސިއްހީ މާހިރުންގެ ލަފަޔާއެކު މަދުކުރަން ޖެހިފައެވެ. އެކެއްގެ ގެއިން އަނެކަކު ކެއުންވެސް މިވަނީ މަދުކުރަން ޖެހިފައެވެ. އީދުގެ ފޯރި ނެގުމަށް ކުޅިވަރުތައްވެސް ބޭއްވޭނެ ފުރުސަތެއް ނެތެވެ. ޒަމާނުއްސުރެ އީދުގައި ދިވެހިން ފޯރިއާއެކު ކުޅޭ ކުޅިވަރެއްކަމަށްވާ މާލި ނެރުމާއި ފެންކުޅި އާއި ކޯޑި ކެނޑުން ފަދަ ކަންކަންވެސް މިފަހަރުގެ އީދުގައި ނޯންނާނެއެވެ. ސްޓޭޖް ޝޯތައް ވެސް ނޯންނާނެ އެވެ. ބަލި ނެތް ރަށްރަށުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާތީ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުފެންނާނެއެވެ.
ކޮވިޑުގެ ސަބަބުން އީދަށް ކުރި އުންމީދީ ހުވަފެންތައް ފެނަށްވި އެތައް ބަޔަކު އެބަތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ފުރަ މާލޭގައި ދިރިއުޅޭ މީހުންނެވެ. އާންމު ގޮތެއްގައި އީދު ފަދަ ޗުއްޓީއެއްގައި މާލެއަށް ވުރެ ގިނައިން އަތޮޅުތެރެއަށް މީހުން ފުރަފުރައިގެން ދެއެވެ. މާލެއަށް ބޮޑު ފަޅުކަމެއް އާދެއެވެ. މިފަހަރު އީދުވެގެން މިދިޔައީ މާލޭގައި ދިރިއުޅޭ މީހުންނަށް ވަކީން ފަޅު އީދަކަށެވެ. ގެތަކުގައި ތިބެގެން އީދު ނަމާދު ކުރުމާއި، ގޭތެރޭގެ ހަތަރު ފާރުން އެތެރޭގައި އީދުގެ ފޯރި ނެގުން މަޖުބޫރުކުރުވި އީދަކަށެވެ. ސިއްހީ މާހިރުންނާއި، ހުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ލަފާދެއްވާފައި ވަނީ އީދުގައި އެކަކު އަނެކަކާއި ބައްދަލުވެ ތަންތަނަށް ނުދެވުނު ކަމުގައިވިޔަސް އީދުގެ ފޯރި މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ނެގުމަށެވެ. ގާތްތިމާގެ މީހުންގެ ހާލު އަހުވާލު ބެލުމަށެވެ. އެކުވެރިކަމާއި އަހުވަންތަކަން ދެމެހެއްޓުމަށެވެ.
މިއަހަރުގެ އީދަކީ ފަހުގެ ތާރީހެއްގައި ދިވެހިންނާއި ބައްދަލުކުރި އެންމެ ފަޅު އީދެވެ. މިއަހަރުގެ އީދު އައިސް ބައްދަލުމިކުރީ ކެތްތެރިކަމުގެ އިމްތިހާނެއްގެ ވަގުތުގައެވެ. އެތައް އާއިލާއެއް މާޔޫސްކަމާއި މޮޅިވެރިކަމުގައި ހޭދަކުރަމުންދާ ވަގުތެއްގައެވެ. ބިރުވެރިކަމާއި ނާމާންކަން މުޅި ގައުމު ވަށާލާފައިވާ ވަގުތެއްގެވެ. އިޖުތިމާއީ އަދި އިގްތިސާދީ ބޮޑު ކާރިސާއެއްގެ ވަގުތުގައެވެ. އީދުގެ އެންމެ މުހިންމު ބަހާއަކީ އީދުގެ އުފަލުގައި ފަގީރުންނާއި، މިސްކީނުންނާއި ހާލުގައި ޖެހިފައިވާ މީހުންވެސް ބައިވެރިކުރުމެވެ. އެމީހުންނާ މެދުވެސް ތަފާތުކުރުމެއްނެތި އިހުސާންތެރިކަމާއެކު ކަންކަން ކުރުމެވެ. އަދި އެކުވެރިކަން އާލާކުރުމެވެ. އެހެންކަމުން އަތާއަތް ޖޯޑުކޮށް ސަލާމް ނުކުރެވުން ނަމަވެސް އަނެކުންގެ ހާލު އަހުވާލު ބަލައި، ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ މިއީދުގެ ހަގީގީ ކުލަ ޖެހޭނެ ކަމަކެވެ. ސިއްހީ މާހިރުންގެ ލަފަޔާ އެކު އަޅާފައިވާ ފިޔަވަޅުތަކާއި ދެމުން އަންނަ އިރުޝާދުތަކަށް ކެތްތެރިކަމާއެކު ކިޔަމަންވެ ކޮވިޑުގެ ވަބާއިން މި ރާއްޖެ ސަލާމަތްކުރައްވާތޯ ﷲގެ ހަސްރަތުގައި ދުއާ ދެންނެވުމަކީ އީދު ދުވަހު ކުރުން އެންމެ މުނާސަބު އެއް ކަންތަކެވެ.