ޝަހީދާ އަބްދުﷲ ސައީދު
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުން ފިނޭންސް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފު އާދަމް ''ވަންއޮންލައިން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިީ އެކޮމިޝަނުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރެއްވީ ކޮމިޝަންގެ އިދާރީ މަސައްކަތަށް ހުރި ފައިސާގެ ދަތިތަކާއި ގުޅިގެން ކަމަށެވެ.
އޭގެ އިތުރުން ޝަރީފު ވިދާޅުވީ އެކޮމިޝަނުން ފިނޭންސް މިނިސްޓްރީއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާގައި ނިމިދިޔަ ރިޔާސީ އިންތިޚާބާއި ގުޅިގެން އެކި ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކަށް ފިނޭންސް މިނިސްޓްރީން ދޭންޖެހޭ ފައިސާ ނުލިބުމުން އެކޮމިޝަނަށް އާންމުންގެ ފަރާތުން ޝަކުވާ ހުށަހަޅުންދާ މައްސަލައިގައި ވެސް ވާހަކަދެއްކެވި ކަމަށެވެ.
އެގޮތުން އިންތިޚާބާ ގުޅިގެން އެކިއެކި ފަރާތްތައް ލައްވައި މަސައްކަތް ކުރުވައި ފައިސާ ނުދީގެން ގާތްގަނޑަކަށް 25 ފަރާތަކުން ޝަކުވާ ކުރަމުންދާ ކަމަށް ޝަރީފު ވިދާޅުވިއެވެ. ޝަރީފު ވިދާޅުވީ އެފައިސާ ފިނޭންސް މިނިސްޓްރީން ނުދީ ހިފެހެއްޓީ ކުރީގެ ސަރުކާރުން ކަމަށެވެ.
އެމައްސަލައިގެ ޝަކުވާތައް ލިބެމުންދާއިރު ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަމަށާއި އެއިންތިޚާބުގެ ކުރިން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ދިނުމަށް އެދިފައިވާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ވަރަށް އަވަހަށް ދައްކައި އެކަން ހައްލުކޮށްދެއްވާނެ ކަމަށް ފިނޭންސުން ބުނި ކަމަށެވެ.