އިބްރާހިމް ޒަކީ
އެމްއެމްޕީއާރުސީގެ ހިޔާނަތަކީ ރާއްޖޭގައި ހިންގި އެންމެބޮޑު ހިޔާނާތްކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.
އެއީ 1.4 ބިލިޔަން ރުފިޔާގެ ހިޔާނާތެއް ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކައި އެ ރަށްތަކުގެ ހަމައެކަނި އެކުއިޒިޝަން ކޮސްޓަށް ވެސް 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަރާ ކަމަށާއި އެ ފައިސާ ދައުލަތަށް ލިބިފައިނުވާ ކަމަށްވެސް ބައެއް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. އެހެންކަމުން އެ ހިޔާނާތުގެ ފުރިހަމަ ހިސާބު އަދިވަނީ ސާފުވެސް ނުވެއެވެ. ސީދާކޮށާއި ނުސީދާކޮށް ދައުލަތަށް ލިބުނު ގެއްލުން ހިސާބުކޮށްފި ނަމަ އެގެއްލުމުގެ އަދަދު އެތަށް ތަނަކުން އިތުރު ވާނެ އެވެ.
އެއީ އެންމެ ބޮޑު ހިޔާނާތްކަމަށް ގިނަބަޔަކު އެއްބަސްވާއިރު، ހިޔާލު ތަފާތުވުންތައް އުފެދެނީ އެކަމާގުޅޭ މައްސަލަތައް ކުރިއަށްދާ ގޮތާއި ކުރާ ތުހުމަތުތާބެހޭގޮތުންނެވެ.
މިހާރު މިއޮތީ އަނެއްކާވެސް އެމައްސައާބެހޭ މުޅިން އާ މަރުހަލާއެއް ފެށިފައެވެ. މިހާރު ބޮޑަށް ފެންނަނީ އެއްވެސް ޒިންމާދާރު ކަމެއްނެތި ސިޔާސީ ބޭނުމަށް މި މައްސަަލައިގެ ވާހަކަ ދައްކާ މަންޒަރެވެ.
އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން މިފަހުން ސިޔާސީގޮތުން، އެންމެ ބޮޑު ކަންތައްކަނޑެއް އުފެދުނީ، އެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ސިޔާސީ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކަނި ޖަލުގައި ބޭންދުމަކީ އިންސާފެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން، މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަަހަރު ދުވަހަށް ކުރި ޖަލު ހުކުމެއްގައި ރައީސް ޔާމީން ހުންނެވީ ޖަލުގައެވެ.
އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް އަމިއްލަ އަތްޕުޅުން ލިޔުއްވައި ހިއްސާ ކުރެއްވި ނޯޓެއްގައި، ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ރައީސް ޔާމީންގެ އަމަލުފުޅުތަކާއި، ހިޔާލުފުޅުތަކަށް ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެއިންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށެވެ.
"އަޅުގަނޑުމެން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އަދި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް،" ރައީސް ނަޝީދު ގެ އެ ނޯޓްގައި އެވެ.
ބެލެވޭ ގޮތުގައި ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި، އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރާ ފަރާތްތަކުުގެ ތެރޭގައި ހިމެނޭ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދަށް ބަދަލުކޮށްފައިވާތީ އާއި ސިޔާސީ އެހެން މަގުސަދުތަކެއް ވެސް އެމަނިކުފާނުގެ އެވާހަކަފުޅުގެ ފަހަތުގައި އޮތީމަ އެވެ. މިއީ މި މައްސަލައިގައި މިހާ ތިލަކޮށް ރައީސް ނަޝީދު ވާހަކަފުޅުދެއްކެވި ފުރަތަމަ ފަހަރުވެސް މެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ، އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ތަހުގީގުކުރަމުން އަންނަ މައްސަލައެކެވެ.
ދައުލަތަށް ހިޔާނާތެރިވެފައިވާ މައްސަލަތައް ބެލުމަަށް ރައީސުލް ޖުމްހޫރިޔާ އުފައްދަވާފައިވާ އެސެޓް ރިކަވަރީ، ކޮމިޝަނާއި، އެންޓިކޮރަޕްޝަން ކޮމިޝަން، (އޭސީސީ)ގެ އިތުރުން ފުލުހުންވެސް އެ ތަހުގީގުތަކުގައި ބައިވެރިވެއެވެ. މީގެ އިތުރުން ދޭތެރެ ދޭތެރެއިން ރައްޔިތުންގެ މަޖިލީހުން އެ މައްސަލަތަކުގެ ތެރެޔަށް ވަދެ މައްސަލަ ދާގޮތް އޮޅުން ފިލުވަމުން ގެނެދެއެވެ.
ފުލުހުން ހާމަކުރި އެންމެ ފަހުގެ މައުލޫމާތަކުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަަލައިގައި ތުހުމަތު ކުރެވޭ މީހުންގެ އަދަދު 267 އަށް އަރާ ކަމަށެވެ. އޭގެތެރޭގައި ސިޔާސީ އިސް ފަރާތްތަކާއި ވަޒީރުންނާއި، މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ކުރީގަ އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ފަނޑިޔާރުންނާއި، ސަލާމަތީ ބާރުތަކުގައި ހިމެނޭ ބައެއް ފަރާތްތައްވެސް ހިމެނެއެވެ. އެކަން ފުލުހުން ހާމަކޮށްފައިވާއިރު، އެ ހިޔާނާތުގައި މަޖިލިސް ބައެއް މެންބަރުނަށް ތުހުމަތު ކުރެވޭ ކަމަށް، ކުރީގެ ޕީޖީ އައިޝަތު ބިޝާމްވެސް ވަނީ މަޖިލީހަށް ޔަގީންކަން ދެއްވައިފައެވެ.
އެ މައްސަލައިގައި އެކި ފަހަރުމަތިން، ކޯޓުތަކަށް ދައުވާކުރަން ފޮނުވި މައްސަަލަތަކުގެ އަދަދުވެސް 50 އާ ގާތްކުރެއެވެ. އޭގެ ބައެއް މައްސަލަތައް އިތުރަށް ފުރިހަމަކުރުމަށް ޕްރޮސެކިއުޓާ ޖެނެރަން އަނބުރާ ގެންދަވާފައިވާއިރު، ބައެއް މައްސަލަތުގައި ވަނީ ހުކުމް ވެސް އިއްވައިފައެވެ.
މުޅި މައްސަލައިގަ މިހާ ހިސާބުން އުފެދޭ ސުވާލަކީ، މިހާބޮޑު ހިޔާނާތުގެ މައްސަލައެއްގައި، ކުށްވެރިވާ ފަރާތްތަަކަށް އަދަބު ލިބެން ޖެހޭނެ ކަމަށްވިދާޅުވެ، ރައްޔިތުންގެ ފައިސާތައް ދައުލަތަށް ހޯއްދަވަން، ވަކާލާތު ކުރައްވަމުން ވަޑައިގެން، ރައީސް ޔާމީން އެކަނި ޖަލުގައި ހުންނަވައިގެން މަޖިލިސް ރައީސް ކަންބޮޑުވުން ފާޅު ކުރައްވަނީ އެ މައްސަލަތަކުގައި މަޖިލީހަށް ކުރެވޭނެ ކަމެއް ހަމަނެތިގެންތޯ އުފެދޭ ސުވާލެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ރައީސް ނަޝީދު އިންނަވާއިރުވެސް އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާތަކުގައި ކަންބޮޑުވުމެއް ނެތީތޯ އުފެދޭ ސުވާލެވެ.
ކޮމިޝަން ތަކާއި ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކާބެހޭގޮތުން ކަންބޮޑުވުމެއް އުޅޭނަމަ، އެ ފަރާތްތައް މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ހާޒިރުކޮށް މީގެ ކުރިންވެސް ޖަވާބުދާރީ ކޮށްފައި ވެއެވެ. އެގޮތުން ފުލުހުން ހިންގާ ތަހުގީގުތަކާމެދު ކަންބޮޑުވުމެއް އުޅޭނަމަ އެ ތަހުގީގަކާ ގުޅުންހުރި މަޖިލީހުގެ ކޮމިޓީއަކަށް ފުލުހުން ހާޒިރުކޮށް އެ މައްސަލައެއް ކުރިއަށްދާ ގޮތް އޮޅުުން ފިލުވައި އެކަންކަމުގައި ފުލުހުން ޖަވާބުދާރީ ކުރުވާފައި ވެއެެވެ. ހިޔާނާތުގެ މައްސަލަތަކުގައި ޖަވާބުދާރީ ކުރުވުމުގެ މަސައްކަތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ކުރިއަށް ގެންގޮސްފައެވެ. ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކާބެހޭގޮތުން ކޯޓުތައް ޒިންމާދާރު ކުރުވުމުގެ އެތައް މަސައްކަތްތަކެއް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ކޮށްފައެވެ.
މީގެ އިތުރުން ފަނޑިޔާރުން ޒިންމާދާރުކޮށް އެ ފަރާތްތަކުގެ މައްސަލަ ބަަލައި، ފިޔަވަޅު އަޅައި، އަދި މަގާމުން ވަކިކުރަން ޖެހޭ ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ އެތައް މައްސަލަތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ)ން ވަނީ ކޮށްފައެވެ. އަދި މިހާރުވެސް އެ ކޮމިޝަނުގައި ފަނޑިޔާރުންގެ އެތައް މައްސަލަތަކެއް އަންނަނީ ބަލަމުންނެވެ.
އެގޮތުން މަޖިލީހުގެ ކޮމިޓީތަކުން ކުރިއަށްގެންދިޔަ، ފާހަގަ ކޮށްލެވޭ މައްސަލަ ތަކުގެ ތެރޭގައި، ގއ. ކަނޑުުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީން ކުރިއަށް ގެންދިޔަ މައްސަލަތަކާއި، މާލިއްޔަތު ކޮމިޓީން ކުރިއަށް ގެންދިޔަ، އެމްއޭސީއެލްގެ އާ ސީޕްލޭން ޓާމިނަލް ޓީއެމްއެމްއޭއަށް ދިނުމުގެ މައްސަލައިގެ އިތުރުން މަރު ކޮމިޝަން ހާޒިރުކޮށް، މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ މަސައްކަތްތަކާއި، ކޯޓުތަކުގައި މައްސަލަތައް ކުރިއަށްދާ ގޮތާބެހޭގޮތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ކުރިޔަށް ގެންދިޔަ މައްސަަލަތައް ފާހަގަ ކޮށްލެވެއެވެ.
ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމަށް ޖޭއެސްސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ރައީސް ޔާމީނަށް ހުކުމް އިއްވަަން މަދު ގަޑިތަކަކަށް ވެފައި ވަނިކޮށް، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިިންމި ނިންމުން ފާހަގަކޮށްލެވެއެވެ. އެޔަށްފަހު އެމައްސަލަ ބަލަން ގާޒީ އަލީ ރަޝީދާ ހަވާލުކޮށް، ފަހުން ހައިލަމް މަގާމުން ވަކި ކުރުމަށް ނިންމައި ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވުންވެސް ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ ސުލޫކީ މައްސަލަ ބަލައި މަގާމުން ވަކިކުރަން ނިންމައި އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ފޮނުވުމާއި، އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމައި ޖޭއެސްސީން މަޖިލީހަށް ފޮނުވި މައްސަލަތައްވެސް ފާހަގަކޮށްލެވެއެވެ.
ޖޭއެސްސީން ހުށަހެޅި މި ހުރިހާ މައްސަލަތަކެއް މަޖިލީހުން ވަނީ ފާސްކޮށްދީފައެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެގައި ވިދާޅުވެފައިވަނީ، މިހާރު ޖަލުގައި ހުންނެވި ރައީސް އަބުދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުގެ ކުރިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 30 މައްސަލައެއް ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި "މިމައްސަލަތައް ލަސްވާ ސަބަބު ބެއްލެވުމަކީ ރައީސް ނަޝީދު އިންނަވާ ޖޭއެސްސީގެ މަސްއޫލިއްޔަތެއް ނޫންތޯ؟،" ހައިލަމް ވަނީ ސުވާލު އުފައްދަވައިފައެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި، ރައީސް ޔާމީން އެކަނި ޖަލުގައި ހުންނެވުމުން، މަޖިލިސް ރައީސް ފާޅު ކުރެއްވި ކަންބޮޑުވުމާ ގުޅިގެން، ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށް ސިޔާސީ މީހުންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ ބޮޑަށް މަސައްކަތް ކުރާ ބޭފުޅެއް ފެނިވަޑައިނުގަންނަވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވެސް ވަނީ ވިދާޅުވެފައެވެ.
މި ތަނުގައި ފާހަގަކޮށްލަން ޖެހޭ އެހެން ނުކުތާއެއްވެސް އެބަ އޮތެވެ. އެއީ އިންތިއަކީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެވެސް މުގައްރިރުކަމެވެ. މި ކަންތައްތަކަށް ބަލައި، އިންތިގެ ވާހަކަ ތަކާއި، ރައީސް ޔާމީން އެކަނި ޖަލުގައި ހުންނަވައިގެން، ކަންބޮޑުވެވަޑައިގެން މަޖިލިސް ރައީސް ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު އެ މައްސަލަތައް އަވަސް ކުރަން މަސައްކަތް ކުރުމަށް އެންމެބޮޑު ބާރެއް ހަގީގަތުގައި އެޅުއްވޭނެ ބޭފުޅަކީ ޚުދު މަޖިލިސް ރައީސްކަން ވެސް އެނގި ސާފުވެއެވެ.
މަޖިލީހުގެ ހުރިހާ ދިމާލަކުން އެ މައްސަލަތައް އޮޅުން ފިލުވައި ޖަވާބުދާރީ ކުރުވެން އެބައޮތެވެ. ހާއްސަކޮށް އެކަމުގައި މަޖިލީހުގެ މެންބަރުން ތަކަކަށް އިނގިލި ދިއްކުރެވޭ ހާލަތުގައި މަޖިލިސް ރައީސްގެ މަސްއޫލިއްޔަތެއް ވެސް މިކަމުގައި އޮންނާން ޖެހޭ ކަމަށް ދެކޭ މީހުން މަދެއްވެސް ނޫނެވެ. ޖޭއެސްސީ މެންބަރެއްގެ ގޮތުގައި މަޖިލިސް ރައީސް އިންނަވާއިރު، އެ މައްސަލަތައް ޖޭއެސްސީއަށް ހުށަހަޅައިގެން އަވަސްކުރެއްވުމަކީ މާސިންގާކޮށް މާ ސާފުކޮށް ހުޅުވިފައި އޮތް ފުރުސަތެކެވެ.
ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުކުރައްވައި މަޖިލިސް ރައީސް ފާޅުކުރައްވާ ހަމަ އެކަނި ކަންބޮޑުވެ ވަޑައިގަތުމެއްގައި އޮތީ ކޮން އިހުލާސްތެރިކަމެއްތޯ އެތައް ބަޔަކު މިއަދު އަންނަނީ ސުވާލު އުފައްދަމުންނެވެ.
މި މައްސަލައިގައި އުފެދުނު ހިޔާލު ތަފާތުވުންތައް ބޮޑުވެ، މީސްމީޑިއާގައި އެމްޑީޕީ މެންބަރުންގެ ބަހުގެ ހޫނު ހަމަލާތައް ވަނީ ވަރުގަދަ ވެފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ފުރަތަމަ ދުވަހުން ފެށިގެންވެސް އެމްޑީޕީ އެތެރޭގައި އުފެދިފައި އޮންނަ އެންމެން ދަންނަ އެކަމަކު އެމްޑީޕީ ލީޑާޝިޕުން އެއްބަސްނުވާ، އިބޫ/އަންނި ފެކްޝަނުގެ އެތެރޭގައި މަޑުގިނީގައި އަނދަމުން ދިޔަ އަލިފާންގަނޑުގައި ގަދަޔަށް ހުޅުހިފައި އެ ހުޅުގަނޑު ބޭރަށް ފަޅައިގެން ގޮސްފި އެވެ.
މި ހިލުންގަނޑުގެ ނިމުން ގޮސް ޖެހޭނީ ކިހާ ހިސާބެއްގައި ކަމެއް ނޭނގެ އެވެ. އެއްބަޔަކު ބުނަނީ ރައީސް ނަޝީދު އެއޮތީ ރަސްމީކޮށް ހަނގުރާމަ އިއުލާނު ކުރައްވާފައި ކަމަށެވެ. އެމީހުން ބުނާ ގޮތުގައި ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ރައީސް ނަޝީދު ބޭނުންފުޅުވަނީ ވެރިކަމެވެ. ބޮޑުވަޒީރު ކަމެވެ. ގައުމު ހިންގަވާނީ ބޮޑުވަޒީރެވެ. ރައީސް ހުންނަވާނީ ސެރެމޯނިއަލް ބޭފުޅެއްގެ ގޮތުގައި ރަމްޒީ މަގާމެއްގައެވެ. އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެގޮތް ބޭނުންފުޅެއް ނުވެ އެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ، ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރާ އެކު ރިޔާސީ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު އެ ރައްޔިތުން ހޮއްވެވި ނިޒާމުގައި އެ ހައިސިއްޔަތުގައި ފުރިހަމަ ކުރައްވާށެވެ. މި މައްސަލައިގައި ރައީސް ސޯލިހު އަދިވެސް ހުންނަވާތަން ފެންނަނީ ވަރަށް މަޑުންނެވެ. އެކަމަކު އެއީ އަބަދު ހުންނެވޭނެ ގޮތެއް ނޫނެވެ. މިފަހަރު އެމްޑީޕީ ތެރެޔަށް ނަގާފައި މިވަނީ އެޔަށްވުރެ ބޮޑު ރާޅެކެވެ. މީގެ ސަބަބުން ބޮޑެތި ކަންތައްގަނޑެއް ހިނގާނެއެވެ. ގުޖަޑުގަނޑުގެ ނިމުން އަންނާނީ ވަރުގަދަ ހިލުންތަކަކަށް ފަހުއެވެ.