ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީގެ މުގައްރިރު ހޮވުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު ވޯޓް ދެއްވުމުގެ ސަބަބުން ކޮމެޓީގެ މުގައްރިރުކަން އިދިކޮޅު މެންްބަރެއް ކަމަށްވާ ބާރަށު ދާއިރާގެ އިބްރާހީމް ޝުޖާއުއަށް ލިބިވަޑައިގެންފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ކޮމެޓީގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވީ މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމަކީ މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީގެ މުގައްރިރު އާއި ނައިބު މުގައްރިރު ހޮވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެބައްދަލުވުމުގައި ސަރުކާރު ކޯލިޝަންގެ ފަރާތުން މުގައްރިރު ކަމަށް ހުށަހަޅާފައި ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ކަމަށާއި އަދި ނައިބު މުގައްރިރު ކަމަށް ހުށަހަޅާފައި ވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ކަމަށް ލަތީފު ވިދާޅުވިއެވެ.
ޕީޕީއެމްގެ ފަރާތުން މުގައްރިރު ކަމަށް ހުށަހަޅާފައި ވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ. ލަތީފު ވިދާޅުވީ މިއަދު އޮތް ކޮމެޓީ ބައްދަލުވުމަށް ކޯލިޝަނުން ހަ މެންބަރަކު ހާޒިރުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ އިރު ވަޑައިގަތީ ފަސް މެންބަރުން ކަމަށެވެ. އަދި އިދިިކޮޅު ޕީޕީއެމުން ވެސް ފަސް މެންބަރުން ވަޑައިގަތުމުން މެންބަރުންގެ އަދަދު އެއްވަރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
ލަތީފު ވިދާޅުވީ ކޮމެޓީ ބައްދަލުވުމުގައި އޭނާ ޝުޖާއުއަށް ވޯޓްދެއްވީ ގަސްދުގައި ކަމަށާއި، ސަބަބަކީ މީގެ ކުރިންވެސް ކޮމެޓީގެ މުގައްރިރު ކަމުގައި ހުންންވައިގެން ޝުޖާއު ކުރެއްވި މަސައްކަތް އޭނާ ބަލައިގަންނާތީ ކަމަށެވެ.
އަދި ކޮމެޓީގެ ނައިބު މުގައްރިރަކަށް އިދިކޮޅުން ހުށަހެޅި ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހޮވިވަޑައިގެންފައި ވާއިރު، އޭނާ ހޮވިވަޑައިގެންފައި ވަނީ ޕީޕީއެމްގެ މެންބަރުންގެ ވޯޓާ އެކުގައި ކަމަށް ވެސް ލަތީފު ވިދާޅުވިއެވެ.