އެފްރިކާގެ މުޅި ކޮންޓިނެންޓުގެ ހުރިހާ ގައުމެއްގައި ކޮވިޑް19 ފެތުރިފައިވާ ކަމަށާއި މިހާތަނަށް ބައްޔަށް ޕޮޒިޓިވް އެއްލައްކައަށްވުރެ ގިނަ މީހުން ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ހުކުރު ދުވަހު އޮތް ޑަބްލިއުއެޗްއޯގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަ ރީޖަނަލް ޑިރެކްޓަރު ޑޮކްޓަރު މަތުޝިޑިސޯ މޮއޭޓީ ވިދާޅުވީ އަދި މިވަގުތު އެފްރިކާގައި ބަލި ފެނިފައިވަނީ ވަރަށް ކުޑަކޮށް ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު މީހުން މަރުވިގޮތަށް އެސަރަހައްދުގައި މީހުންވެސް މަރުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެފްރިކާގައި މި ބަލީގައި މަރުވެފައިވަނީ 3100 މީހުނެވެ.
ޑަބްލިއުއެޗްއޯގެ އެކްޒެކެޓިވް ޑިރެކްޓަރު އޮފް ހެލްތު އިމަޖެންސީސް ޕްރޮގްރާމް ޑޮކްޓަރު މައިކް ރަޔެން އެބައްދަލުވުމުގައި ވިދާޅުވީ އެފްރިކާގެ ސަރަހައްދުގައި ބަލި އޮތް މިންވަރު މަދުވުން އެއީ އެއްކޮޅުން ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ނަމަވެސް ކަންބޮޑުވާ ކަމަކީ އެފްރިކާ ސަރަހައްދުގެ ބައެއް ހިސާބުގައި ބަލިއޮތް މިންވަރުވެސް ނޭނގޭތީ ކަމަށެވެ.
"އެފްރިކާގައި އެބައުޅޭ ވަރަށް ބޮޑަށް ދިރިއުޅުމުގެ ހާލަތު ގޯސް ހިސާބުތައްވެސް. އެ ހިސާބުތަކަށް ބަލި ފެތުރިފައިވާކަމެއް އަދި ފެތުރިފައި އޮތް މިންވަރެއްވެސް އަދި ނޭނގެ" ޑރ. މައިކް ވިދާޅުވިއެވެ.
ޑރ. މައިކް އިތުރަށް ވިދާޅުވީ ބަލީގެ ސަބަބުން އެހެނިހެން ގޮތްގޮތަށްވެސް މީހުނަށް އަސަރުކުރާއިރު އޭގެ ހޯދުމެއްވެސް ލިބިފައި ނުވާކަމަށެވެ.
"މިސާލަކަށް އިގްތިސާދަށް ކުރާ އަސަރުގެ ސަބަބުން ކުޑަކުދިން ބަނޑަށްޖެހި އޭގެ ސަބަބުން އެކުދިންނަށް ކުރާ އަސަރެއްވެސް ނޭނގެ. ގިނަ ބަޔަކު ފުނިޖެހިގެން އުޅޭ ރެފިއުޖީ ކޭމްޕުތަކަށް މީގެން ކޮށްފައިވާ އަސަރެއްވެސް އަދި ނޭނގޭ. އެހެންވީމަ އެފްރިކާއާ ބެހޭގޮތުން ދަސްކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި" ޑޮކްޓަރު ވިދާޅުވިއެވެ.