ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް އިއްވި ޖަލު ހުކުމުގެ މައްސަލައިގައި މިއަދު ހުކުމް ކުރުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.
އެ ދެ މައްސަލަ މިއަދު ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައިވާއިރު އަހުމަދު ނާޒިމްގެ މައްސަލަ ތާވަލްކޮށްފައިވަނީ މިއަދު 3:45 އަށެވެ. އަދި ކާނަލް މުހައްމަދު ނާޒިމްގެ މައްސަލަ ތާވަލްކޮށްފައި ވަނީ މިއަދު ހަވީރު 4:45 އަށެވެ.
އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރި ޚިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް އިއްވާފައިވާ 25 އަހަރުގެ ޖަލުހުކުމުގެ މައްސަލަ އަލުން ރިވިއު ކުރުމަށް ނާޒިމްގެ ފަރާތުން ހުށަހަޅައިފައި ވަނީ މިދިޔަ ނޮވެންބަރު މަހުގެ 25ގައެވެ.
ނާޒިމްގެ ފަރާތްޕުޅުން އެ މައްސަލަ ރިވިއުކޮށްދޭން އެދިވަޑައިގަތުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އޭނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށްފަ އެވެ. އަދި ހުކުމާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް ވެސް ނޭޅުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
މީގެއިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ނާޒިމްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން އޭނާ 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ.
އެމައްސަލަ ރިވިއުކޮށްދިނުމަށް ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ކަނޑައަޅަންދެން ނާޒިމުގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ކާނަލް ނާޒިމް ދިރިއުޅޭ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ކާނަލް ނާޒިމްގެ މައްޗަށް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު އެވެ.