އޭޑީކޭ ހޮސްޕިޓަލް

ހަތަރު މަހުގެ ކުއްޖާ މަރުވެފައިވަނީ ސްޕެޝަލިސްޓުންގެ ލަފަޔައާ އެކު ފަރުވާ ކުރިޔަށް ގެންދަނިކޮށް: އޭޑީކޭ

މަރިޔަމް ޝަހުދާ

1

އޭޑީކޭ ހޮސްޕިޓަލުގައި ރޭ ފަތިހު ފަރުވާދެމުން އައި އުމުރުން ހަތަރު މަހުގެ ކުއްޖާ މަރުވެފައިވަނީ ސްޕެޝަލިސްޓުންގެ ލަފަޔާއެކު އެކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

މި ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ކުއްޖާގެ ފަރުވާ ސްޕެޝަލިސްޓުންގެ ލަފަޔާއެކު ކުރިއަށް ގެންގޮސްފައިވަނީ އެ ކުއްޖާ އޭޑީކޭގެ އިމަޖެންސީއަށް ގެންދިއުމާ އެކުއެވެ. އަދި ކުއްޖާގެ ބަލި ދެނެގަތުމަށް އަލްޓްރާސައުންޑް އަދި ސީޓީ ސްކޭނެއް ހެދި ކަމަށްވެސް އޭޑީކޭއިން ބުނެއެވެ.

މީގެ އިތުރުން ކުއްޖާގެ ހާލަތު ބަދަލުވުމާ ގުޅިގެން އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް އިމަޖެންސީ ފިޒިޝަނަކާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި، އޮޕަރޭޝަން ޑޮކްޓަރުން އަދި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން ކުއްޖާއަށް ފަރުވާ ދިން ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އޭޑީކޭގެ ބަޔާނުގައި ބުނީ މި ހާދިސާއާ ގުޅިގެން ކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު އާއިލާއާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި އަމަލުކުރަން ހޮސްޕިޓަލުގައި ކަނޑައަޅަފައިވާ އެސްއޯޕީ ތަކާއި އެއްގޮތުގެ މަތިން މި ހާދިސާގެ ތަފްސީލީ ރިވިއުއެއް ހަދަން ފަށާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި މި ރިވިއު ނިމުމުން އެ މައުލޫމާތު އާއިލާއާ ހިއްސާ ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އޭޑީކޭއިން ވަނީ ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ފަރާތުން އާއިލާއަށް ތައުޒިޔާ ކިޔައިފައެވެ.

މި ހާދިސާ އާއި ގުޅިގެން މަރުވި ކުއްޖާގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ކުއްޖާ މަރުވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގެ އިހުމާލުންނެވެ. އަދި އެކުއްޖާ މަރުވެފައި ވަނީ ފަރުވާދިނުން ލަސްވެގެން ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟