މުހައްމަދު އައުޒަމް
އިށީންނާނެ ގަލެއް ނުބަލައި އުދުއްސައި ނުގަތުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ގޮވައިލައްވައިފި އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރި ކުދިންގެ ގްރެޖުއޭޝަން ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަލީހް މިއަދު ވިދާޅުވީ އެއްވެސް ސަބަބަކާހުރެ ވަޒީފާއެއް ދޫކޮށްލާއިރު ނުވަތަ އަމިއްލަ މަސައްކަތެއް ކުރުމަށް ކަމުގައި ވިޔަސް ނުވަތަ ރަނގަޅު ފުރުސަތެއް ލިބިގެންކަމުގައި ވީނަމަވެސް ވަޒީފާ ދޫކޮށްލާކަމުގައި ވާނަމަ އުދުއްސައިގަތުމުގެ ކުރިން އިށީންނާނެ ގަލެއް ބެލުން މުހިންމު ކަމަށެވެ.
"ބައެއް ފަހަރު ވާގޮތަކީ އާ ރަނގަޅު ފުރުސަތެއް ހޯދުމަށްޓަކައި އޭރު ހުންނަ ވަޒީފާއެއް ދޫކޮށްލަނީ އެހެން ނަމަވެސް އިށީންނާނެ ގަލެއް ނުބަލައި ބައެއްފަހަރު މަދުން ނޫނަސް ހިނގާކަމެއް ކަމަށް އަޅުގަނޑު ފާހަގަ ކޮށްލަން، ދެން ވަޒީފާއެއް ނުލިބިގެން އެކުރަންޖެހޭ މަސައްކަތަކީ މާބުރަ މަސައްކަތެއް." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މަލީހް ވިދާޅުވީ ދިރާގަކީ ރާއްޖޭގައި އެންމެ ޑިސިޕްލިން މުވައްޒަފުން މަސައްކަތް ކުރާ މުއައްސަސާ ކަމަށާއި އެއީ ނަމޫނާ ބައެއް ކަމަށެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު 18 ކުދިން މިއަދު ވަނީ ގްރެޖުއޭޓްވެފައެވެ.