އަލީ ޔާމިން
އޭޑީކޭ ހޮސްޕިޓަލުގައި ރޭ ފަތިހު ފަރުވާދެމުން އައި އުމުރުން ހަތަރު މަހުގެ ކުއްޖަކު މަރުވި މައްސަލަ އެ ހޮސްޕިޓަލުން ތަހުގީގުކުރަން ފަށައިފި އެވެ.
މަރުވި ކުއްޖާގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ކުއްޖާ މަރުވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގެ އިހުމާލުންނެވެ. އަދި އެކުއްޖާ މަރުވެފައި ވަނީ ފަރުވާދިނުން ލަސްވެގެން ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެކުއްޖާ މަރުވީ އީއާރުގައި ފަރުވާދެމުން އަންނަނިކޮށް ކަމަށާއި، ކުއްޖާ މަރުވި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ކުރިންވެސް ބަލިމީހަކާ މެދު އެއްވެސް ކަންބޮޑުވުމެއް އަތުވެއްޖެނަމަ އެކަން ތަހުގީގުކުރާ ކަމަށް އަފްއާލް ވިދާޅުވިއެވެ.
"މީގެ ކުރިންވެސް އޮންނަ ގޮތް އެއީ އެއްވެސް ކަމަކާ ގުޅިގެން ޝަކުވާއެއް އައިސްފިނަމަ އެކަން ތަހުގީގުކުރުން. އެގޮތުން މިކަންތައްވެސް ތަހުގީގު ކުރަމުން މިދަނީ،" އަފްއާލް ވިދާޅުވިއެވެ.
އަފްއާލް ވިދާޅުވީ، އެކުއްޖާގެ މަރުގެ ތަހުގީގު ނިންމައި އާއިލާއާ ހިއްސާކުރަމުންދާނެ ކަމަށެވެ. އަދި އުސޫލުތައް އޮންނަ ގޮތުން އެފަދަ މައުލޫމާތު އެހެން ފަރާތްތަކަށް ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.