ހުސެއިން ޝަމީމް

ގާނޫނުންް ބަދަލު ގެންނަނީ ހުރިހާ ޝަރީއަތްތައް ވީޑިއޯ މެދުވެރިކޮށް ކުރިޔަށް ގެންދާ ގޮތަށް ނޫން: ޕީޖީ

އިބްރާހިމް ޒަކީ

ހާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްމެދުވެރިކޮށް ޝަރީއަތް ކުރިޔަށް ގެންދެވޭ ގޮތް ހެދުމަށް، ޖިނާއީ އިޖުރައާތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވަނީ، ހުރިހާ ޝަރީއަތްތަކެއް ވީޑިއޯ މެދުވެރިކޮށް ކުރިއަށް ގެންދާ ގޮތަށް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެބިލު ދިރާސާކުރުމުގެ މަސައްކަތް ރޭ ކުރިޔަށް ދިޔައިރު، ބިލުގައި ހުރި ކަންބޮޑުންތަކާބެހޭގޮތުން ބައެއް މެންބަރުން ވަނީ ޕީޖީއާ ސުވާލު ކުރައްވައިފައެވެ.

އެންމެ ބޮޑަ ކަންބޮޑުވުމެއްގެ ގޮތުގައި އެ މެންބަރުން ފާހަގަކުރެއްވީ، މި ބިލުން ކަންތައްތަކެއްް ހަނިވެގެންދާ ކަމަށެވެ.

އެގޮތުން ފަނޑިޔާރުގެ ކުރިމައްޗަށް ދައުވާ ލިބޭ މީހާ ހާޒިރުކުރަން ނުޖެހޭ ގޮތަށް ހެދުމަކީ އިތުރު މައްސަލަތަކެއް ދިމާވާނެ ކަމެއްކަމަށް އެ މެންބަރުން ފާހަގަ ކުރެއްވިއެވެ. އަދި އެއީ އެމީހެއްގެ ހާޒިރުގައި ޝަރީއަތް ކުރަން އޮންނަ އޮތުމަށް ބަލާއިރު ހައްގުތަކެއް ގެއްލިގެންދާނެ ކަަމެއް ކަމަށްވެސް އެ މެންބަރުން ފާހަގަކުރެއްވިއެވެ.

އެކަންތައްތައް ފާހަގަ ކުރައްވައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުން މިނިވަން ވާއިރު، މިބިލުން ހައްގުތަކެއް ބަނދެވިގެންދާ ކަމަށެވެ. އޭގެ ބަދަލުގައި ލާމަރުކަޒުކޮށް އެކަންތައްތައް ކުރިޔަށް ގެންދިއުމަކީ މައްސަލަ ނިންމުމާއި، ވަކީލުންނަށް އެ ވަކީލުންގެ ރަށްރަށުގައި ތިބެގެން މަސައްކަތްތައް ކުރިޔަށް ގެންދަންލިބޭ ފުރުސަތަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރުމުގެ ނިޒާމް ގާއިމް ކުރަން ޖެހޭނީ ދައުވާ ލިބޭ މީހުންގެ ހައްގު ނުގެއްލޭ ގޮތަށްކަަށް ގަބޫލު ކުރައްވާ ކަމަށެވެ.

ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ މުޅި ޝަރީއަތް އެގޮތަށް ގެންދަން ނޫން ކަމަށާއި، ކުދި ކުދި މައްސަލަތަކަށް ބޮޑެތި ހަރަދުތައް ކޮށްގެން ރަށްރަށަށް ދަތުރު ކުރުމުގެ ބަދަލުގައި ފަސޭހައިން، ހަރަދު ކުޑަކޮށް އެފަދަ މައްސަލަތައް ނިންމޭނެ ގޮތަކަށް ކަމަށެވެ.

ޝަމީމް ވިދާޅުވީ ކުދި ކުދި މައްސަލަތަކަށް ރަށްރަށަށް ޕްރޮސެކިއުޓަރުން ފޮނުވާއިރު، ކޮންމެ ދަތުރަކަށް 13،000 ރުފިޔާ ވަރު ހަރަދުވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުން ޑިސެމްބަރާ ހަމަޔަށް 1.03 މިލިޔަން ދަތުރު ފަތުރަށް ހަރަދު ކުރަން ޖެހިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ވަރަށް ކުދިކުރި ކަންތައްތަކަށް "މިސާލަކަށް ޒިނޭގެ މައްސަލައަކަށް އޭނާ އިއުތިރާފުވޭ، އެހެންނަމަވެސް ރ. މާކުރަތުގަ އޮންނަ ޒިނޭގެ މައްސަލައަކަށް ޕްރޮސެކިއުޓާއެއް އެބަ ދާންޖެހޭ، ގޮއްސަ އެ ސާބިތުވާކަށް ނިންމައިފަ އަންނަން،" ޝަމީމު ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އެނިޒާމުން އިބްތިދާއީ އަޑުއެހުން ފަދަ ކުދިކުދި މައްސަލަތައް ކުރިޔަށް ގެންދިޔަޔަސް ހަރަދު ކުޑަވެ، މައްސަލަތައް އަަވސްވެގެންދާނެ ކަަމަށެވެ.