ޕީޖީ އޮފީހުގައި ވަކި އޮފީހެއް ހެދޭ ގޮތަށް އޮތް ބަޔާއި ވަކި ތާރީޚެއްގެ ފަހުގެ މައްސަލަތައް އެކަނި ބަލާގޮތަށް އޮތް ބައި އުނިކުރުމާ އެކު އެނޫން ވެސް ބޮޑެތި ބައެއް ބަދަލުތައް ގެނެސް ރިޔާސީ ކޮމިޝަންތަކުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.
ކޮމެޓީން އެ ބިލު ފާސްކޮށްފައި ވަނީ އިއްޔެ އެވެ.
މިިނިވަން މުއައްސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ދާދި ދެންމެ ވިދާޅުވީ ބލުގެ ނަންވެސް މިހާރު "ރިޔާސީ ކޮމިޝަންތަކުގެ ބިލު" އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބިލަށް ގެނައި ބަދަލުތަކަކީ ކަމާ ގުޅުން ހުރި ދާއިރާ ތަކާއި މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވައި ގެންނެވި ބަދަލުތަކެއް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ ކަންކަމަށް ބެލިން. ރާއްޖޭގެ ގާނޫނީ ވަކީލުންނާއި މަޖިލީހުގެ މެންބަރުންގެ ޚިޔާލުފުޅުތައް ހޯދުމުގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުގައި މި ފަދަ ކޮމިޝަން ތަކަށް ބާރުތައް ދީފައި ހުންނަ ގޮތަށް ވެސް ބެލިން." ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފާހަގަކުރެއްވުނު ކަންކަމަށް ބައްލަވައި ކޮމެޓީން އެކަންކަން ހިއްސާކުރެއްވީ ދައުލަތުގެ ބަންޑާރަ ނައިބާ ކަމަށާއި މިހާރު ކޮމެޓީން ފާސް ކުރި ބިލަކީ އެ އިސްލާހު ތަކާ އެކު ބަންޑާރަ ނައިބު ފަހުން ފޮނުއްވި ބިލެއް ކަމަށެވެ. ބަންޑާރަ ނައިބު ފަހުން ފޮނުއްވި ބިލުގައި ވަނީ ކޮމެޓީން އެދިވަޑައިގެންނެވި ބައިތައް އިސްލާހު ކުރައްވާފައި ކަމަށާއި އެހެން ކަމުން ކޮމެޓީން ފަހުން މާބޮޑު ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ވެސް ރޮޒޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު އެއޮތީ ދެން އަޅުގަނޑުމެން އެންމެންނަށް ވެސް އެއްބަސް ވެވޭ ބިލެއް. ޕީޕީއެމުން ބޭނުންވި ކަންކަމުގެ ތެރެއިން ވެސް އެންމެ ކަމެއް އަޅުގަނޑުމެންނަށް ބަދަލު ނުކުރެވެނީ. އެއީ އެބޭފުޅުން ހުށަހަޅުއްވަނީ ތަހުގީގީ އިދާރާތަކަށް އޮންނަ ބާރު ވެސް ކޮމިޝަންތަކަށް ނުދޭން. އެކަމަކު އޭޖީ ގަބޫލުފުޅުކުރައްވާ ގޮތުގައި އެވަރު ބާރެއް ނުލިބޭ ނަމަ ކޮމިޝަން އުފެއްދެވުމުގެ މަގުސަދެެއްވެސް ހާސިލެއް ނުކުރެވޭނެ." ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު އޮތް ގޮތުން ނަމަ، ރިޔާސީ ކޮމިޝަނުން ވެސް މައްސަލަތައް ތަހުގީގުކޮށް ކުރިޔަށް ގެންދިއުމުގައި އަމަލުކުރައްވަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށެވެ. އެހެން ނަމަވެސް ތަހުގީގީ އިދާރާތަކަށް ލިބޭ ބާރުތައް ކޮމިޝަންތަކަށް ވެސް އޮންނާނެ ކަމަށް ރޮޒޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭރު އިދިކޮޅު ބައެއް ބޭފުޅުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ ވަކި ތާރީޚަކުން ފެށިގެން ފަހުގެ މައްސަލަތައް ބަލާގޮތަށް އޮތް އޮތުން ކަމަށާއި އެބައިވެސް ބިލުން އުނިކުރައްވައިފައިވާ ކަމަށެވެ. އެހެން ނަމަވެސް ރިޔާސީ ކޮމިޝަންތަކުގެ މެންޑޭޓް އަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އެއްޗެއް ކަމަށް ވާތީ ގާނޫނުގައި ތާރީޚުގެ ބައި ހުޅުވައިލާފައި އޮތަސް، އެބާރު އަބަދުވެސް ރައީސަށް ލިބިވަޑައިގެންވާނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ ބިލުގެ މަސައްކަތް އެއްކޮށް ނިންމަވައި މާދަމާ މަޖިލީހަށް ފޮނުއްވަން މަސައްކަތް ކުރައްވާނެ އެވެ. އަދި ހޮނިހިރު ދުވަހު އޮންނަ ޖަލްސާއަށް ބިލު އެޖެންޑާ ކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ރޮޒޭނާ ވިދާޅުވި އެވެ.