އިބްރާހިމް ޒަކީ
މިހާރު ިތބި ކައުންސިލަރުންގެ ދައުރު އަންނަމަހު ތިނަކަށް ހަމަވާއިރު، ކައުންސިލް އިންތިހާބު ފަސްކޮށްފައިވާތީ، ކައުންސިލަރުން އިންތިހާބު ނުކުރެވިގެން އަންނަ ގާނޫނީ ހުސްކަން ފޫބެއްދުމަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެން ބާއްވާ އިންތިހާބަކާ ހަމަޔަށް ދަންމާލުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި "ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020" ގައިވާ ކައުންސިލަރުންގެ ދައުރު ހިމެނޭ ބައި އުނިކޮށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.
ބިލުން އެބައި އުނިކުރީ، ކައުންސިލްގެ ދައުރު އިތުރުކުރުމަށް ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުން އިސްލާހު ނުގެނެސް ހަސަން ލަތީފު ހުށހަޅުއްވާފައިވާ ގާނޫނުން ކައުންސިލްތަކުގެ ދައުރު ދިގު ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލް އާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް ލަފާދެއްވާފައިވާތީއެވެ.
ކޮމިޓީގައި މި ބިލަށް ބޮޑެތި އިސްލާހުތަކެއް ހުށަހެޅުއްވި އިރު، އެ ކޮމިޓީގެ މެންބަރު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ބިލް މިހާރު އޮތް ގޮތުން، ގާނޫނުއަސާސީ އިސްލާހު ކުރަން ހުށހަޅާފައިވާ ބިލާމެދު ކޮންމެ ގޮތަކަށް ނިމުނަސް މިހާރު ތިބި ކައުންސެލަރުންނަށް އެޕްލައިވާނެ ކަމަށެވެ.
ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްނުވަނީސް މިހާރު ތިބި ކައުންސެލަރުންގެ ދައުރު އިތުރުކުރަނީކަމެއް އެހެން އިންތިޒާމެއްގެ ތެރެއިން ކައުންސިލަރުންގެ މަގާމުގައި ތިބި މީހުން އެގޮތުގައި ބައިތިއްބަނީ ކަމެއް ނުވަތަ އާ ބަޔަކު އަންނަނީ ކަމެއް ސާފު ނުވާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.
ބިލް ކޮމިޓީން ފާސްކޮށްފައިވަނީ ކައުންސެލަރުންގެ ދައުރު އިތުރު ކުރުމުގެ ބަދަލުގައި މިހާރުތިބި ކައުންސެލަރުން އިތުރަށް އެމަގާމުގައި ބައިތިއްބައިފިނަމަ، އެ ފަރާތްތަކުން ކަންއްތައް ކުރަންޖެހޭ އުސޫލުތައް ހިމަނައިގެންނެވެ.
މިބިލުގައި ވާގޮތުން ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިމެއް ނުވަތަ އިމާރާތެއް، ރައުސްމާލެއް، ވިއްކުމާއި، ކައުންސިލް ޒިންމާވާ ގޮތަށް ދަރަންޏެއް ނެގުމާއި ދަރަންޏެއް ދޫކުރުމާއި، ކައުންސިލް އޮނިގަނޑަށް ބަދަލު ގެނައުމާއި ވަޒީފާ ދިނުމުގެ ކަންތައް ހަމަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުރިޔަށް ގެންދާނަމަ އެލްޖީއޭގެ ހުއްދަ ހޯދަން ޖެހޭނެއެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ ވަގުތީ މުއްދަތުގައި ކައުންސިލްތަކުގެ އާމްދަނީ އާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކުގެ ހިސާބު ނިންމައި، ފަސްކޮށްފައިވާ އިންތިހާބު ބޭއްވުމަށް އިއުލާން ކުރާ ތާރީހުގެ ދެހަފްތާ ކުރިން އޮޑިޓާ ޖެނެރަލްގެ އޮފީހާއި އެލްޖީއޭއަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ކައުންސިލެއްގެ ގާނޫނީ އަދަދު ހަމަނުވާ ހާލަތުގައި އެކައުންސެލަރުން ކަންތައް ކުރަންވާނެ އުސޫލެއް އެލްޖީއޭއިން އެކުލަވައިލަންވާނެ ކަމަށްވެސް މި ބިލުގައި ހިމަނާފައި ވެއެވެ.
ކައުންސިލަރަކު ގާނޫނާ ހިލާފުވެއްޖެނަމަ ނަސޭހަތްދިނުމަށްފަހު އިންޒާރުދީ، އެލްޖީއޭއިން ކަނޑައަޅާ ވަކި މުއްދަތަކަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމުގެ ބާރުވެސް މި ބިލުން ބަނީ އެލްޖީއޭއަށް ދީފައެވެ.
މިއީ ލޯކަލް ކައުންސިލްތަކުގެ ގާނޫނުންވެސް އެލްޖީއޭއަށް ދީފައި ނުވާ ވަރުގެ ބޮޑެތި ބާރުތަކެކެވެ.
މިބިލް ކޮމިޓީން މިއަދު ފާސްކުރިއިރު، ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް އަންނަ ހަފްތާގައި ކުރިއަށް ގެންގޮސް ނިންމަވައިލައްވާނެކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވަނީ ވިދާޅުވެފައެވެ.