މަގުބޫލު ޑައިރެކްޓަރު ކަރަން ޖޯހަރުގެ ޝޯ، ކޮފީ ވިތް ކަރަންގެ މި އަހަރުގެ ސީޒަން ނިންމާލާނީ ކަރީނާ ކަޕޫރު ޚާން އަދި ޕްރިޔަންކާ ޗޯޕްރާއާ އެކު އެވެ.
މިއަހަރު ސީޒަން ފެށީ އާލިއާ ބަޓް އަދި ދީޕިކާ ޕަޑުކޯންއާ އެކު އެކެވެ.
ކަރަން ވަނީ ކަރީނާ އަދި ޕްރިޔަންކާއާ އެކު ޕްރޮގްރާމް ޝޫޓް ކުރުމަށްފަހު ފޮޓޯއެއް ނަގައި އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. ޕްރޮގްރާމް ޝޫޓް ކޮށްފައި ވަނީ މިއަދު މުމްބާއީގައެވެ.
ޝޯގައި ޕްރިޔަންކާ ލާފައިވަނީ ނިއޯން ރީނދޫ ކުލައިގެ ހެދުމެކެވެ. ކޯލްޑް ޝޯލްޑާ ޓޮޕަކާއި ހައި ވެއިސްޓަޑް ޕޭންޓްސް އަދި އިސްތަށިގަނޑު ޕޯނީ ޓެއިލްކޮށް ވަނީ އައްސާލާފައެވެ. ކަރީނާ ލާފައި ހުރީ ރަތް ކުލައިގެ ވިދާ ހެދުމެކެވެ. އިސްތަށިގަނޑު ހުރީ ސޮފްޓް ކާލްސް ހަދައިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކަރަން ވަނީ މި ޕްރޮގްރާމުގައި ޕްރިޔަންކާ އަދި ނިކްގެ ކައިވެންޏާ ގުޅޭ ސުވާލުތައް ކޮށްފައެވެ. އަދި ކަރީނާ ވަނީ އޭނާގެ ދަރި ޓައިމުރް އަލީ ޚާންގެ މަޝްހޫރު ކަމުގެ ވާހަކަތައް ހިއްސާކޮށްފައެވެ.