ޕީޕީއެމް

ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދިއްޖެ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް އެތައް ގެއްލުމެއް ވެދާނެތީ ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން، ސިވިލް ކޯޓުގައި އެދިއްޖެއެވެ.

ޔުމްނާ ހުށަހެޅުއްވި މައްސަލައިގައި ސިވިލް ކޯޓުން ކުރިން ނިންމި ނިންމުމާ ގުޅިގެން ޕީޕީއެމްގެ ކައުންސިލުން ޕީޕީއެމް ހިންގާނީ ޕީޕީއެމްގެ މުސްތަޝާރު ކަމަށް ކަނޑައެޅި ގޮތް، ސިވިލް ކޯޓުގެ ގަޒިއްޔާގައި އެކަށައަޅާފައިވާ އޮތް އުސޫލާއި، ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވާތީ، އެ ނިންމުން ބާތިލް ކުރުމަށް ވަނީ އެދިފައެވެ. އަދި ސިވިލް ކޯޓުން ގޮތެއް ނިންމަންދެން، ޕާޓީގެ އާންމު ޖަލްސާއެއް ނުބޭއްވުމަށް ޕީޕީއެމްގެ ކައުންސިލަށާއި މުސްތަޝާރަށް އަންގާ އަމުރުކޮށްދިނުމަށް އެދިފައިވެއެވެ.

ޕާޓީގެ ހަރަކާތްތަކާއި، އާންމު ޖަލްސާތައް ބޭއްވުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުނީ ބާތިލްކުރަން އެދި ހުށަހެޅި މައްސަލައިގައި، އެނިންމުން ބާތިލުކޮށްފިނަމަ، ޕީޕީއެމްގެ އާންމު ޖަލްސާއެއް ބާއްވައި، އެ އާންމު ޖަލްސާއާއި އެ ޖަލްސާއިން ނިންމާ ނިންމުންތައް ބާތިލުވާނެތީ، ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި އާންމު ޖަލްސާއެއް ބާއްވައިފިނަމަ، އިއާދަ ނުކުރެވޭނެ މާލީ އަދި މައުނަވީ ގެއްލުން ޕާޓީއަށް ކުރިމަތިވާނެތީއެވެ.

ވަގުތީ އަމުރު ނުނެރެފިނަމަ، ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް އެތައް ހަރަދެއް ހިނގާނެ ކަމަށާއި އެހާ ބޮޑު ހަރަދެއް ހިނގުމަށްފަހު ބާއްވާ ޖަލްސާގެ ނިންމުންތައް، އެއީ އެ މައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބަލާއިރު، ޣައިރު ގާނޫނީ ނިންމުންތަކަކަށް ވެއްޖެނަމަ، އެތައް ހާސް ބައެއްގެ ވަގުތާއި، ފައިސާ، އިއާދަ ނުކުރެވޭ މިންވަރަށް ގެއްލިގެން ދާނެ ކަމަށް ޔުމްނާ ފާހަގަކޮށްފައިވެއެވެ.

މާދަމާ އަދި ހޮނިހިރު ދުވަހު ޕީޕީއެމްގެ ގައުމީ ޖަލްސާއެއް ބޭއްވުމަށް އެ ޕާޓީގެ ކައުންސިލުން ނިންމާފައިވާ އިރު، ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ އެ ޖަލްސާ ހުއްޓުވުމަށް އެދި އިލެކްޝަން ކޮމިޝަނުގައި ވެސް އެދިފައެވެ.