މުނިފޫހިފިލުވުން

އިޝާ އަންބާނީ ކައިވެނި ކޮށްފި

އިންޑިއާގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީ ގެ އަންހެން ދަރިފުޅު އިޝާ އަމްބާނީ ކައިވެނި ކޮށްފިއެވެ. އިޝާ ކައިވެނި ކޮށްފައި ވަނީ އިންޑަސްޓްރިއަލިސްޓް އަޖޭ ޕްރީމަލްގެ ދަރިފުޅު އާނަންދް ޕްރީމަލްއާ އެވެ.

މުމްބާއީގައި ހުންނަ އަމްބާނީގެ 27 ބުރީގެ ގޭގައި އިއްޔެ ބޭއްވި އެ ކައިވެނި ހަފްލާފައި ސިޔާސީ ބޭފުޅުންނާއި، ބޮލީވުޑް ތަރިންނާއި، ކުޅިވަރު ކުޅުންތެރިންނާއި ވިޔަފާރިވެރިން ބައިވެރިވިއެވެ.

ކައިވެނީގައި އިޝާ ލާފައި ހުރީ ރަން ކުލައިގެ އަބޫ ޖާނީ ސަންދީޕް ކޯޝްލާގެ ޑިޒައިން ލެހެންގާ އެކެވެ. އާނަންދް ލާފައި ހުރީ ބެއިޖް ކުލައިގެ ޝޭރްވާނީ އެކެވެ.

ހިލަރީ ކިލްޓަން އާއި އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ ފަދަ ޝަހްސިއްޔަތުން ވަނީ މި ހަފްލާގައި ބައިވެރިވެފައެވެ.

ކައިވެނީގެ ކުރިން މިދިޔަ ބަންދުގައި ވަނީ ޕްރީ ވެޑިން ބޭޝް އެއް ރާޖަސްތާނުގެ އުދެއިޕޫރުގައި ބާއްވާފައެވެ. އެ ހަފްލާގައި އެމެރިކާގެ ޕޮޕް ލަވަކިޔުންތެރިއާ ބިޔޯންސޭ ވަނީ ލަވަ ހުށަހަޅައިފައެވެ.

27 އަހަރުގެ އިޝާ ވަނީ ޔޭލް ޔުނިވާސިޓީން އަންޑަގްރެޖުއޭޓްވެ ސްޓެންފާޑް ޔުނިވާސިޓީން އެމްބީއޭ ހަދައިފައެވެ. މިހާރު އިޝާ މަސައްކަތް ކުރަނީ އޭނާގެ ބައްފަގެ ކުންފުނި ރިލައިންސް ޖިޔޯ އަދި ރިލައެންސް ރީޓެއިލްގެ ބޯޑް ގައެވެ.

33 އަހަރުގެ އާނަންދް އަކީ އިންޑިއާގެ ޕްރީމަލް ކުންފުނީގެ ވެރިޔާގެ ދަރިފުޅެވެ. އެ ކުންފުންޏަކީ ފާމަސޫޓިކަލް އިން ފެށިގެން ފައިނޭންޝައަލް ސާވިސަސް އަދި ރިއަލް އެސްޓޭޓް ފައިނޭންސްވެސް ކުރާ ކުންފުންޏެކެވެ.

އެތައް އަހަރެއް ވަންދެން ރައްޓެހި ވެގެން އުޅުމަށްފަހު އާނަންދް އާއި އިޝާ އެންގޭޖް ވެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އިޓަލީގެ ލޭކް ކޮމޯ ގައެވެ. މި ކައިވެނިން އިންޑިއާގެ ބޮޑު ދެ ވިޔަފާރި ކުންފުނި ގުޅިގެން ދާނެއެވެ.