އިބްރާހިމް ޒަކީ
ސަރުކާރުން ހިލޭ އެހީ އާއި ދަރަނީގެ ގޮތުގައި ބޭރުފައިސާ ހޯދަން ކުރާ މަސަައްކަތް މާލިއްޔަތު ކޮމިޓީއާ ހިއްސާކުރަން ސަރުކާރަށް އަންގަން ހިމަނައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރިޕޯޓް އެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ފާސްކުރި ކޮމިޓީ ރިޕޯޓްގައި، 19 ކަމެއް ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ.
އެ ގޮތުން ދައުލަތުގެ އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ކުދި އަދި، މެދު ފަންތީގެ ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަނެ، އެކމާބެހޭ ތަފުސީލު މަޖިލީހަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައި ވެއެވެ.
މިހާލަތުގައި ދައުލަތަށް ލިބޭ އާމްދަނީ މިއަހަރަށް ލަފާކުރި މިންވަރަށްވުރެ ދެބައިކުޅަ އެއްބަޔަށްވުރެ ވެސް ދަށްވެފައިވާތީ މި ކާރިސާއިން އަރައިގަތުމަށް ދައުލަތުގެ ހުރިހާ އޮފީސްތަކާއި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަރުކާރަށް އެއްބާރުލުން ދިނުމަށާއި، މިކާރިސާއިން އަރައިގަތުމަށް ނިންމުންތައް ނިންމުމުގައި ކަމާ ގުޅުންހުރި ހުރިހާ އިދާރާތުންނާއި، ފަންނީ ބޭފުޅުންގެ ލަފަޔާއިއެކު މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.
މީގެ އިތުރުން އާމްދަނީ ދަށްވާ މިންވަރު، އިމްޕޯޓު ދަށްވާ މިންވަރަށްވުރެ މަތިވާނެކަމަށް ބެލެވޭތީ، އެކްސްޗޭންޖް ރޭޓު ދެމެހެއްޓުމަށްޓަކައި ރިޒާވުން ކުރާ ހޭދަ އިތުރުވާނެކަމަށް ބެލެވޭ ކަމަށާއި، އިތުރު ބޭރު ފައިސާގެ އާމްދަނީ ނުލިބި، އިތުރަށް ހަރަދުކުރަން ޖެހުމުން ބޭރު ފައިސާގެ ރިޒާވް ދަށްވެ، ދައުލަތުގެ ރިޒާވަށް އަންނަ ދަތިކަން އިތުރުވެ، އެކްސްޗޭންޖް ރޭޓަށް އޮންނަ ޕްރެޝަރު ބޮޑުވާނެތީ، މި ޕްރެޝަރު ކުޑަކުރުމަށް ސަރުކާރުންނާއި، އެމްއެމްއޭއިން އަޅާ ފިޔަވަޅުތަކާއި، ބޭނުންކުރާ ވަސީލަތްތަކާއި ގުޅޭ މައުލޫމާތު މާލިއްޔަތު ކޮމެޓީއަށް ހިއްސާކުރުމަށް ވެސް ރިޕޯޓްގައި ވެއެވެ.
ދަނޑުވެރިކަން ފަދަ އިތުރު ދާއިރާތައް ތަރައްގީކޮށް، ޓޫރިޒަމް ދާއިރާއިން ވެސް ވޯޓާ ސްޕޯޓްސް ފަދަ ކަންކަން އިތުރަށް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި ބައެއް ތަކެތި އުފައްދައި ދުނިޔޭގެ މާކެޓަށް ނެރުންފަދަ ކަންކަން ތައާރަފުކުރުން ފަދަ އިތުރު މަސައްކަތްތައް ކުރުމަށްވެސް ކޮމެޓީގެ ރިޕޯޓުގައި ހުށަހަޅާފައި ވެއެވެ.