އިބްރާހިމް ޒަކީ
ކޮވިޑް 19ގެ މި ހާލަތާ ގުޅިގެން ދައުލަތުން ހަރަދުކުރާ ގޮތާއި، ދަރަނީގެ އިތުރުން އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރާ ގޮތުގެ ފައިނޭންޝަލް އޮޑިޓެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ފާސްކޮށްފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ މި އިސްލާހު ހުށަހަޅުއްވާފައިވަނީ، ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ކުރާ މަސައްކަތްތަކުގެ ދަށުން މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ހިމެނުމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއިން އީވާ ހުށަހެޅުއްވި އިސްލާހާއި، މާލިއްޔަތު ކޮމިޓީގެ ރިޕޯޓްވެސް ވަނީ ފާސްކޮށްފައެވެ. އީވާ ހުށަހަޅުއްވާފައިވަނީ އަހަރުގެ ކޮންމެ ކުއާޓަރެއް ވަކިވަކިން އެކަންތައް އޮޑިޓްކުރާ ގޮތަށެވެ.
އީވާގެ އިސްލާހުގައި ވަނީ، ކޮވިޑް 19 އާގުޅިގެން ދައުލަތުގެ އެއްމެހާ މުއައްސަސާތަކުން ކޮންމެ ކުއާޓާއެއްގައި ކުރާ ހަރަދު ތަކާއި ހިލޭއެހީ އާއި ދަރަނީގެ މާލީ ރިޕޯޓްތަކުގެ ފައިނޭންޝަން އޮޑިޓެއް ކޮށް ކޮންމެ ކުއާޓާއެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި އޮޑިޓާޖެނެރަލް ރިޕޯޓްތައްޔާރުކޮށް ނިންމަންވާނެ ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ކުރާ ހަރަދުތަކާއި ހޯދާ ހިލޭ އެހީގެ ހާއްސަ އޮޑިޓްތަކާއި ޕާފޯމަންސް އޮޑިޓުތައް ވަގުތުގައި ކުރުމަށާއި، އެ އޮޑިޓްތައް ކުރުމަށް ބޭނުންވާ ލިޔެކިޔުމާއި، މައުލޫމާތުތަކާއި އެހީތެރިކަން އޮޑިޓް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ލަސްވުމެއް ނާންނާނެގޮތުުގެ މަތިން ދައުލަތުގެ އެންމެހާ އިދާރާތަކުންނާއި ކަމާބެހޭ ފަރާތްތަކުން އޮޑިޓާ ޖެނެރަލްއަށް ފޯރުކޮށްދިނުމަށެވެ.
މި އިސްލާހު ހުށަހަޅުއްވަމުން އީވާ ވިދާޅުވީ، ދައުލަތުގެ ހަރަދާއި އާމްދަނީއާއި ހިލޭއެހީ އާއި މިލްކިއްޔާތާއި ދަރަނި، އޮޑިޓް ކުރުމަކީ އޮޑިޓް ގާނޫނުން އޮޑިޓް ޖެނެރަލްއަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.
ކާރިސާތަކުގެ އޮޑިޓް ތަކަކީ ބައިނަލްއަގްވާމީ އޮޑިޓް އޮފީސްތަކުގެ ޖަމިއްޔާ، (އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސުޕްރީމް އޮޑިޓް އިނިސްޓިޓިއުޝަން) ގެ އޮޑިޓް ކުރުމުގެ ހަމަތަކާއި އުސޫލުތަކުގެ މަތިން، އެހާދިސާއެއް ހިނގާ ދުވަސްވަރެއްގައި ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ވަގުތުގައި ކުރަން ބާރުއަޅާ އޮޑިޓެއް ކަމަށެވެ.
މީގެ އިތުރުން ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށާއި ދައުލަތުގެ އާމްދަނީ އާއި ހަރަދާއި ދަރަންޏަށް އާދަޔާ ހިލާފު ހާލަތެއް ދިމާވަމުންދާ މިދަނޑިވަޅުގައި ކޮވިޑް 19 އާގުޅިގެން ދައުލަތުގެ ބަޖެޓުން ކުރެވޭ ހަރަދުތަކާއި އެ ހާދިސާއާ ގުޅިގެން ލިބޭ ހިލޭ އެހީ އާއި ދަރަނި ވަގުތުގައި އޮޑިޓްކޮށް އެ ރިޕޯޓްތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވައި ހާމަކުރުމަކީ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ޖަވާބުދާރީ ކުުރުވުމަށްޓަކައި މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.