އިބްރާހިމް ޒަކީ
ގާޒީންނާއި މެޖިސްޓްރޭޓުންގެ މުސާރައިން އުނިކުރާނެ އަދަދު ހިމަނައި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެހެނިހެން މުސާރަތައް 20 ޕަސެންޓުން 35 ޕަސެންޓާ ހަމަޔަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލިހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ މުސާރަ ކުޑަކޮށްދިނުމަށް އެދި، ފިނޭންސް މިނިސްޓްރީން ހުށަހެޅި ހުށަހެޅުމާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މަޖިލީހުން މިއަދު ފާސްކުރި އެ ކޮމިޓީގެ ރިޕޯޓްގައި ހިމަނައިގެން މަޖިލީހުން ފާސްކޮށްފައިވަނީ ކްރމިނަލް ކޯޓުގެ އިސް ގާޒީގެ މުސާރައިން 7100 ރުފިޔާ އުނިކޮށް، އެ ކޯޓުގެ އެހެނިހެން ގާޒީންގެ މުސާރައިން 6300 ރުފިޔާ އުނިކުރުމަށެވެ. އަދި ޑްރަގް ކޯޓުގެ އިސް ގާޒީންގެ މުސާރައިން 8600 ރުފިޔާ އުނި ކުރުމަށާއި، އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 7800 ރުފިޔާ އުނިކުރުމަށެވެ.
ސިވިލްކޯޓުގެ އިސް ގާޒީ އާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީގެ މުސާރައިން 6950 ރުފިޔާ، އެ ދެ ކޯޓުގެ އެހެނިހެން ގާޒީންގެ މުސާރައިން 6150 ރުފިޔާ އުނިކުރަން ވަނީ ފާސްކޮށްފައެވެ. އަދި ފެމިލީ ކޯޓުގެ އިސް ގާޒީގެ މުސާރައިން 6950 އެ ކޯޓުގެ އެހެނިހެން ގާޒީިންގެ މުސާރައިން 6650 ރުފިޔާ އުނިކުރަންވެސް ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން މެޖިސްޓްރޭޓު ކޯޓުތަކުގެ ދާއިރާގެ ތެރެއިން، އިސް މެޖިސްޓްރޭޓުގެ މުސާރައިން 4500 ރުފިޔާ އަދި ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުންގެ މުސާރައިން 2150 ރުފިޔާ އުނިކުރަން ވަނީ ފާސްކޮށްފައެވެ.
ޝަރުއީ ދާއިރާ ފިޔަވައި މަޖިލީހުން ކަނޑައަޅާ މުސާރަތަކުގެ ތެރެއިން، 20،001 ރުފިޔާއިން، 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓް، 30،001 އިން ފެށިގެން 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް، އަދި 60،001 ރުފިޔާއަށްވުރެ މަތީގެ މުސާރަތަކުން 35 ޕަސެންޓް އުނިކުރަން ވެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެެވެ.
އެބޭފުޅުންގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ އާއި ވަޒީރުންނާއި، މަޖިލިސް މެންބަރުންނާއި މަތީ ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުން ވެސް ހިމެނެއެވެ.
މި ހުރިހާ މުސާރަތަކެއް އުނިކުރަން ފާސްކޮށްފައިވަނީ މި މެއި މަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށެވެ.