އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ މާލީ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން، ރާއްޖޭގެ އިގްތިސާދު ވެއްޓިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަނޑައަޅުއްވާފައިވާ ސިނާރިއޯތަކުގެ ތެރެއިން ރާއްޖެ މިހާރު މިއޮތީ ސިނާރިއޯ، 4 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިިސް ރައީސް ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ސިނާރިއޯތަކަށް ބަލާއިރު ތިންވަން ސިނާރިއޯއިން ކައްސާލައި، މިހާރު މިތިބީ ހަތަރުވަނަ ސިނާރިއޯގައި ކަމަށެވެ. އެއީ ތިންވަނަ ސިނާރިއޯގައި ލަފާ ކޮށްފައިވާ މިންވަރަށް އާމްދަނީ ލިބިފައި ނުވާތީ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.
މަޖލިސް ރައީށް ވިދާޅުވީ، ސިނާރިއޯ ތިނެއްގައި އޭޕްރީލް މަހު 881.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވާ ކަމަށާއި، ނަަމަވެސް އޭޕްރީލް މަސް ނިމުނުއިރު ލިބުނީ 527.5 މިލިއަން ރުފިޔާ ކަމަށެވެ.
އެހެންކަމުން މިހާރު މިދަނީ، ފަސްވަނަ ސިނާރިއޯއަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ އެންމެ ގޯސް ސިނާރިއޯ ކަމަށާއި، އޭރު ރާއްޖޭގެ މަސައްކަތްތެރިކަން ހުއްޓި ގައުމުގެ މީހުންގެ އަތުގައި ފައިސާ ނުހުންނާނެ ކަމަށާއި، ރާއްޖޭގެ އުފެއްދުންތެރިކަންވެސް ބޮޑުތަނުން ދަށަށްދާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކޮވިޑް 19 އާގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން ތިން ލައްކައެއްހާ ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ. އަދި މިހާރު އިތުރު ފަސް ލައްކަ ޓޫރިސްޓުން ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިހާލަތުން ކިރިޔާވެސް ނޭވާއެެއް ލެވޭނީ އެ އަދަދަށް ފަތުރުވެރިން ގެނެސްގެން ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ ސިނާރިއޯ ތިނެއްގައިވާ އިގްތިސާދީ ހާލަތުގައި ތިބުމަށް ވެސް މި އަހަރުގެ ތެރޭގައި 845،000 ޓޫރިސްޓުން ރާއްޖެ އަންނަން ޖެހޭ ކަމަށެވެ.