އިބްރާހިމް ޒަކީ
އަންނަ މަހުގެ ތިނަކަށް މުއްދަތު ހަމަވާ ކައުންސެލަރުންގެ މުއްދަތު، ދެން ބޭއްވޭ ކައުންސިލް އިންތިހާބާ ހަމަޔަށް ދަންމާލުމަށް، ގާނޫނުއަަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަންނަ އަންގާރަ ދުވަހު ފައްޓަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް، ސަރުކާރުން އިސްލާހު ހުށަހަޅާފައި މިވަނީ، އޭޕްރީލް 4 ގައި ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް 19 އާ ގުޅިގެން އަންނަ އަހަރާ ހަމަޔަށް ލަސްކޮށްފައިވާއިރު، މިހާރު މަގާމުތަކުގައި ތިބި ކައުންސިލަރުންގެ މުއްދަތު އަންނަ މަހުގެ ތިނަކަށް ހަމަވާތީ، އަންނަ ގާނޫނީ ހުސްކަމަށް ފަރުވާއެއް ހޯދުމަށެވެ.
އެ އިސްލާހުގައި ވަނީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު، ފަސް ކޮށްފައިފާ އިންތިހާބު ބޭއްވެންދެން ދަންމާލުމަށް ހުށަހަޅައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑު ގަސްތު ކުރަނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް މިމަހުގެ 26، 27، 28، ގައި ކުރިއަށް ގެންދަން ކަމަށެވެ.
މިމަހުގެ 28 ގެ ނިޔަލަށް އެމައްސަލަޔަށް ކޮންމެވެސް ގޮތެއް ނެރެދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމުުގައި މެންބަރުން ދެކިވަޑައިގަންނަވާ ގޮތަކީ އެމަނިކުފާނާ ބެހޭކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ހިތުލައި މިހުރީ މެންބަރުންގެ އިޒުނައާއެކު މިތިން ދުވަހުގެ ތެރޭގައި މަސައްކަތްކޮށް އެމަސައްކަތް ނިންމަން، ނަމަވެސް މެންބަރުން މިކަމުގައި ދެކިވަޑައިގަންވާ ގޮތް އެއީ އަޅުގަނޑާ ބެހޭ ކަމެއްނޫން، މިދަންނަވާ ވާހަކައަކީ އިރާދަ ކުރެއްވިއްޔާ 28 ވަނަ ދުވަހާ ހަމަޔަށް ކޮންމެވެސް ގޮތެއް އަޅުގަނޑު ނެރޭނަން، އެއީ ކޮން ގޮތެއްކަމެއް، ގާނޫނުއަސާސީ އިސްލާހު ވުންތޯ، ނުވަތަ ނުވުންތޯ، ގާނޫނުއަސާސީއަށް އެހެންގޮތެއް ވުންތޯ، އެއެއްނިންމަވާނީ އިއްޒަތްތެރި މެންބަރުން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަކީ، މީގެ މަހަކަށްވުރެ ގިނަ ދުވަސް ކުރިން ސަރުކާރުން މަޖިލީހަށް ފޮނުވި ބުލެކެވެ.
ނަމަވެސް މި ބިލުގެ މަސައްކަތް ވަނީ ކުރިޔަށް ނުގެންގޮސް ބާއްވައިފައެވެ. ގިނަ ދުވަސްތަކަކަށްފަހު މިބިލް މަޖިލީހުގެ އެޖެންޑާގައި ހިމަނައި ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މިބިލް މިގޮތަށް އޮއްވައި، މި ބިލާއެކު ކައުންސިލް އިންތިހާބު ލަސްކުރަން ހުށަހެޅި ގާނޫނުގެ ބިލް މަޖިލީހުން ފާސްކޮށް މިހާރު ވަނީ ރައީސް ތަސްދީގުވެސް ކުރައްވައިފައެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ބިލު ހުށަހަޅާފައި ވަނިކޮށް، އޭގެ ފަހުން ހަމަ އެ މައްސަލައަށް ހައްލެއް ހޯދަން، އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލެއްވެސް މަޖިލީހަށް ބަލައިގަނެ ވަނީ ދިރާސާކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ. ނަމަވެސް ގާނޫނުއަސާސީއަށް އިސްލާހު ނުގެނެސް އެ ބިލުން ކައުންސިލްތަކުގެ ދައުރު ދިގު ނުުރެވޭނެކަމަށް އޭޖީ އާއި، ކައުންސެލް ޖެނެރަލް ލަފާ ދެއްވުމުން ބިލުގައި ހިމެނޭ އެބައި އުނިކޮށް ބިލް ދިރާސާކުރަން ފެށިއެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލަށް ވާގޮތެއް ސާފުވެގެންނޫނީ ހަސަން ލަތީފްގެ ބިލުގެ މަސައްކަތް ކުރިޔަށް ގެންދަން ވަނީ ދަތިވެފައެވެ.
އެންމެ ފަހުން އެކަމާމެދު ކޮމިޓީގައި ކުރިއަށްދިޔަ ހޫނު ބަހުސަށްފަހު ހަސަން ލަތީފުގެ އެ ބިލަށް މިރޭ ގޮތެއް ނިންމަން ކޮމިޓީން ވަނީ ނިންމައިފައެވެ.